އދ. ދިގުރަށާއި އެއަތޮޅު ދަނގެތީގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ގާއިމް ކުރުމަށް ހަވާލުކޮށްފި އެވެ.

އެންވާރަމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ހަފްލާއެއްގައި އެމިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަތުހަރް ހަލީމް އެވެ. އެ މަސައްކަތް ހަވާލުކުރި މަލާޒް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު އަހުމަދެވެ.

ޑެޕިއުޓީ މިނިސްޓަރު އަތުހަރު ވިދާޅުވީ މިއަދު ހަވާލުކުރެވުނު ޕްރޮޖެކްޓްގެ ދަށުން ދިގު ރަށުގައި 775000ރ. އަށް ތިން މަސް ދުވަހުގެ ތެރޭގައި ކޮމްޕޯސްޓް ހެދުމަށް ހަވާލުކުރެވޭނެ ކަމަށެވެ. އަދި ދަނގެތީގައި ތިން މަސް ދުވަހުގެ ތެރޭގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރަކާއި ކޮމްޕޯސްޓް އެއް ހެދޭނެ ކަމަށް ވިދާޅުވި އެވެ. އެ ޕްރޮޖެކްޓްއަށް ހޭދަވަނީ 815000ރ. އެވެ.

އެ ޕްރޮޖެކްޓްތަކަކީ އީޔޫ އާއި އޮސްްރޭލިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ "ކުލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑް"ގެ ތެރެއިން ކުރިއަށްގެންދާ 1.3 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓްއެކެވެ. އެ ޕްރޮޖެކްޓްގެ ދަށުން އއ. ތޮއްޑޫ އާއި އެ އަތޮޅު އުކުޅަހާއި އދ. ދަނގެތީގެ އިތުރުން އެއަތޮޅު ދިގުރަށާއި ފެންފުށީގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރު ގާއިމް ކުރުމަށް ނިންމާފައިވެ އެވެ.