02 Apr 2014, 10:15
ރާމަﷲ (އެޕްރީލް 2) : އދ. ގެ 15 އެޖެންސީއަކާއި މުއާހަދާ އެއްގައި ރަސްމީގޮތުން ބައިވެރިވުމަށް އެދޭ ލިޔުމެއްގައި ފަލަސްތީނުގެ ރައީސް މަހްމޫދު ޢައްބާސް ސޮއިކުރައްވައިފި އެވެ.
މިލިޔުމުގައި ސޮއިކުރެއްވުމަށް ފަހު ފަލަސްތީނުގެ ރަސްމީ ޓީވީ މެދުވެރިކޮށް ރައްޔިތުންނަށް ދެއްވި ޚިތާބެއްގައި އައްބާސް ވިދާޅުވެފައި ވަނީ އދ. ގެ 15 އެޖެންސީއަކާއި މުއާހަދާ އެއްގައި ބައިވެރިވުމަށް ފަލަސްތީނުގެ ޒައާމަތުން ނިންމައި އެކަމުގެ ލިޔުމުގައި އޭނާ ސޮއިކުރައްވާފައިވާ ކަމުގަ އެވެ. އަދި އދ. ގެ މި އެޖެންސީތަކާއި މުއާހަދާތަކުގައި ބައިވެރިކޮށްދިނުމަށް އެދި ރަސްމީގޮތުން ވަރަށް އަވަހަށް އދ.ގެ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.
ފަލަސްތީނުން އދ.ގެ އެޖެންސީތަކާއި މުއާހަދާތަކުގައި ބައިވެރިވުމަކީ ފަލަސްތީނަށް މިނިވަން ދައުލަތެއްގެ ހައިސިއްޔަތު ލިބުމަށް މަގުފަހިވެގެންދާ ކަމަށް ވާތީ އެއީ އިސްރާއީލާއި އެމެރިކާ ވަރަށް ބޮޑަށް ދެކޮޅުހަދާ ކަމެކެވެ. ފަލަސްތީނުގެ ރައީސް މަހްމޫދު ޢައްބާސްގެ މިފިޔަވަޅާ ގުޅިގެން އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ވަނީ ފަލަސްތީނަށް ކުރައްވަން ހަމަޖައްސަވާފައިވާ ދަތުރުފުޅެއްވެސް ހިތްޕުޅު ހަމަޖެހިވަޑައިނުގެން ކެންސަލް ކުރައްވިކަން އިއުލާން ކުރައްވާފަ އެވެ.
އދ.ގެ 15 އެޖެންސީއަކާއި މުއާހަދާ އެއްގައި ރަސްމީގޮތުން ބައިވެރިވުމަށް ފަލަސްތީނުގެ ޒަޢާމަތުން ނިންމީ ފަލަސްތީނުން އިސްރާއީލާ އެކު ކުރިޔަށްގެންދާ ސުލްހައިގެ ވާހަކަތަކުން އެއްވެސް ނަތީޖާއެއް ހާސިލް ކުރެވިފައިނުވުމާއި ސުލްހައިގެ ވާހަކަތަކާގުޅޭ ހަތަރު ވަނަ މަރުހަލާގައި މިނިވަންކުރުމަށް އިސްރާއީލުން ވައުދުވެފައިވާ ފަލަސްތީނުގެ އަސީރުން މިނިވަން ކުރުމަށް އިސްރާއީލު ދެކޮޅު ހެދުމުގެ ސަބަބުން ކަމަށް ފަލަސްތީނުން ބުނެ އެވެ.
އެމެރިކާއާއި އިސްރާއީލު ދެކޮޅު ހަދަމުން ގެންދަނިކޮށް 2012 ވަނަ އަހަރު އދ. އިން ވަނީ އެ ޖަމްއިއްޔާގައި ފަލަސްތީނުގެ ދަރަޖަ އޮބްޒާވަރުކަމުން މެންބަރު ނޫން ދައުލަތެއްގެ ދަރަޖައަށް މަތިކޮށްފަ އެވެ. އދ. ގެ މެންބަރު ގައުމަކަށް ވެވޭނީ ސަލާމަތީ މަޖިލީހުގެ އެއްބާރުން ލިބިގެންނެވެ. މިއީ އެމެރިކާގެ ދެކޮޅު ހެދުންތަކާއެކު އދ. އަށް އަދި ކުރެވެންއޮތް ކަމެއްނޫނެވެ. ނަމަވެސް ފަލަސްތީނުން ވަނީ 2012 ވަނަ އަހަރު މިކަމަށްއެދި އދ. އަށް ހުށަހަޅާފައެވެ. އަދި އދ.ގެ އެޖެންސީއެއް ކަމަށްވާ ޔުނެސްކޯ އިން ވަނީ އެއެޖެންސީގެ ފުރިހަމަ މެންބަރުކަންވެސް ފަލަސްތީނަށް ދީފަ އެވެ. (އަލްޖަޒީރާ)