ބްރަސަލްސް (އެޕްރީލް 2) : ރަޝިޔާއާ އެކު ބާއްވަމުން ގެންދިޔަ ޢަސްކަރީ އަދި މަދަނީ އެއްބާރުލުމުގެ ގުޅުންތައް ވަގުތީ ގޮތުން ހުއްޓުމަކަށް ގެނައުމަށް ހުޅަނގުގެ ޢަސްކަރީ ޖަމާއަތް ކަމަށްވާ ނޭޓޯ އިން ނިންމައިފި އެވެ.

ވިއެނާގައި އިއްޔެ ބޭއްވި ނޭޓޯގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަށް ފަހު ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް އެންޑަސްފޯގް ރަސްމޯސަން ވިދާޅުވީ ނޭޓޯ އިން ރަޝިޔާއާ އެކު ބާއްވަމުން ގެންދިޔަ ޢަސްކަރީ އަދި މަދަނީ އެއްބާރުލުމުގެ ގުޅުންތައް ވަކިމުއްދަތެއް ވަންދެން ބާއްވަމުން ނުގެންދާނެ ކަމަށާ މިފިޔަވަޅު ރަޝިޔާއާ ދެކޮޅަށް އަޅަންޖެހުނީ ޔުކްރޭންގެ ސަރަހައްދެއްގެ ގޮތުގައި އޮތް ކްރައިމިޔާ ޕެނިންސިއުލާ، ރަޝިޔާގެ އިއްތިޙާދުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމާގުޅިގެން ރަޝިޔާއާ ދެކޮޅަށް ފިއްތުންތައް ކުރިމަތިކުރުމުގެ ގޮތުން ކަމުގަ އެވެ. ނަމަވެސް ރަޝިޔާއާ ދެކޮޅަށް މާބޮޑު ފިޔަވަޅެއް އަޅަން ނޭޓޯ އަށް ކެރިފައެއްނުވެ އެވެ. މިގޮތުން ރަޝިޔާއާ އެކު ބާއްވާ ޢަސްކަރީ އަދި މަދަނީ އެއްބާރުލުމުގެ ގުޅުންތައް ވަގުތީ ގޮތުން ހުއްޓުމަކަށް ގެނައި ނަމަވެސް ރަޝިޔާއާ އެކު ކުރަން ޖެހޭ މުއާމަލާތްތައް ސަފީރުން ފެންވަރުގައި ކުރަމުންގެންދާނެކަމަށް ނޭޓޯގެ ޚާރިޖީ ވަޒީރުންގެ ބަޔާން ބުނެ އެވެ.

ކްރައިމިޔާ ޕެނިންސިއުލާ، ރަޝިޔާގެ އިއްތިޙާދުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމާގުޅިގެން ރަޝިޔާއާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ނޭޓޯގެ ޚާރިޖީ ވަޒީރުން މަޝްވަރާ ކުރެއްވުމަށް ފަހު ނެރުނު ބަޔާނުގައި ރަޝިޔާގެ އިއްތިޙާދުގައި ކްރައިމިޔާ ހިމެނުމަކީ ޣައިރު ގާނޫނީ ނިންމުމެއް ކަމަށް ސިފަކޮށްފައިވެ އެވެ.

ރަސްމޯސަން ވިދާޅުވީ ޔުކްރޭންގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ޖަމާކޮށްފައިވާ ރަޝިޔާގެ ސިފައިން އެސަރަހައްދާ ދުރަށްގެންދާނެ ކަމުގެ ޔަގީންކަން ރަޝިޔާ އިން ދީފައިވީ ނަމަވެސް ރަޝިޔާގެ ސިފައިން އެސަރަހައްދާ ދުރަށް ގެންގޮސްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނޭޓޯގެ ބަޔާނުގައި ރަޝިޔާގެ ނިންމުންތަކާ ކުރިމަތިލުމުގައި ޔުކްރޭންގެ ވަގުތީ ސަރުކާރުން ނަފްސު ކޮންޓްރޯލްކޮށްފައިވާ ކަމަށްބުނެ ޔުކްރޭންގެ ވެރިކަމުގައި މިހާރު ތިއްބެވި ހުޅަނގަށް ތާއީދުކުރާ ލީޑަރުންނަށް ނޭޓޯގެ ޚާރިޖީ ވަޒީރުންގެ ބަޔާނުގައި ތާރީފުކޮށްފައިވެ އެވެ. ޔުކްރޭންގެ ބައެއްގެ ގޮތުގައި ކުރިންއޮތް ކްރައިމިޔާ، ރަޝިޔާގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް ފާއިތުވި ހަތަރުވަރަކަށް ހަފްތާތެރޭގައި ރަޝިޔާ އިން އެޅި އަވަސް ފިޔަވަޅުތަކާ ގުޅިގެންރަޝިޔާއާ ދެކޮޅަށްދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރު ޔޫރަޕްގެ އިއްތިޙާދުން ވެސް ދީފައިވެ އެވެ. ނަމަވެސް ރަޝިޔާގެ އިގްތިސާދަށް އެނގުންވާފަދަ ހަރުކަށި އެއްވެސް ފިޔަވަޅެއް އަޅަންވިލާތުގެ އިއްތިޙާދަށް ކެރިފައެއްނުވެ އެވެ.

އަށާވީސް ގައުމެއް ހިމެނޭ ނޭޓޯއަކީ ދުނިޔޭގައިވާ އެންމެ ބޮޑު އަސްކަރީ ޖަމާއަތެވެ. ނަމަވެސް ނޭޓޯ އިން އަފްޣާނިސްތާނުގައި ތާލިބާނުންނާ ދެކޮޅަށް 11 އަހަރުވަންދެން ކުރި ހަނގުރާމައިގާ ތާލިބާނުންގެ މައްޗަށް އެޖަމާއަތަށް ކުރިހޯދިފައެއް ނުވެ އެވެ. (ނޫސްއެޖެންސީތައް)