ޖުވެނައިލް ކޯޓަށް ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ މެމްބަރުން ހާޒިރު ކުރަނީ ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އެ މައްސަކަ ބަލައިދިނުމަށް އެ ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ހިއުމަންރައިޓްސް ކޮމިޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ގުޅޭ ގޮތުން އަމަލު ކުރެވޭ ގާނޫނީ އުސޫލުތަކާއި އިޖުރާއަތްތަކާ ޚިލާފަށް ޖުވެނައިލް ކޯޓުން އެ ކޮމިޝަނަށް އަމުރުކޮށްފައިވާ ކަމަށާއި އެ މައްސަލަ ބަލައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެޗްއާރްސީއެމްގެ މެމްބަރުން ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލައެއް އެ ކޯޓުން ނުބަލާ ކަމަށާއި އެ ކޯޓަކީ 18 އަހަރުން ދަށުގެ ކުދިން ކުރާ ޖިނާއީ މައްސަލަތައް ބަލާ ކޯޓެއް ކަމަށެވެ.

"ޖުވެނައިލް ކޯޓަކުން ނުބަލާ ހިއުމަންރައިޓްސް ކޮމިޝަންގެ މެމްބަރުން ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލައެއް. މި ކޯޓަކީ 18 އަހަރުން ދަށުގެ ކުދީން ކުރާ ޖިނާއީ މައްސަކަތައް ބެލުމުގެ އިހްތިސޯސް ލިބިފައިވާ ކޯޓެއް،" ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވީ ޝަރީއަތުގެ ބޭރުން މީހަކު ނުވަތަ ބަޔަކު އެ ކޯޓުގެ ހުރުމަތް ކަނޑާލުމުގެ އަމަލެއް ހިންގައިފި ނަމަ އެ ކޯޓުން އެ މައްސަލަ ހުށަހަޅާނީ ކަމާހޭ އިދާރާ އަށް ކަމަށެވެ. އަދި އެފަދަ މައްސަލައެއްގައި ފިޔަވަޅު އެޅޭނީ ޕްރޮސެކިއުޓާ ޖެނެރަލް ދައުވާ ކުރެއްވުމުން ޝަރީއަތުން މައްސަލަ ބެލުމަށް ފަހު ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ޖުވެނައިލް ކޯޓަށް އެޗްއާރްސީއެމްގެ މެމްބަރުން ހާޒިރުކުރަނީ އެ ކޮމިޝަނުން ނެރުނު ރިޕޯޓެއްގައި އެ ކޯޓާ ބެހޭގޮތުން ދޮގު ވާހަކަތަކެއް ހިމަނާފައި ވާތީ، އެކަމާ ބެހޭ ގޮތުން ސުވާލު ކުރުމަށް ކަމަށާއި ކޯޓަށް އެބޭފުޅުން ހާޒިރުކޮށް ސުވާލު ކުރުމަކީ ޝަރީއަތް ހިންގުން ނޫން ކަމަށް ވެސް ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.

"އެޗްއާރްސީއެމްގެ މެމްބަރުން މި މޯޓަށް ހާޒިރު ކުރަނީ އެ ކޮމިޝަނުން ނެރުނު ރިޕޯޓެއްގައި މި ކޯޓާ ބެހޭ ގޮތުން ދޮގު ވާހަކަތަކެއް ހިމަނާފައި ވާތީ އެކަމާ ގުޅޭގޮތުން ސުވާލު ކުރުމަށް. އެއީކީ ޝަރީއަތެއް ނޫން. އަދި އެއީ ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލައެއް ވެސް ނޫން. އަޅުގަނޑުމެން އެއްވެސް މައްސަލައެއް ނުބަލަން. ހަމައެކަނި އެކަމާ ގުޅޭގޮތުން ސުވާލުކޮށްލަން ބޭނުންވަނީ،" އޮފިޝަލް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހު އެޗްއާރްސީއެމް އިން ޖުވެނައިލް ކޯޓަށް ފޮނުވާފައި ވަނީ، ށ. ފޭދޫ 15 އަހަރުގެ ކުއްޖަކަށް ލިބިފައިވާ ޖިންސީ އަނިޔާގެ މައްސަލައާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން މަސައްކަތްކޮށްފައިވާ ގޮތުގެ މައްޗަށް ބަލައި އެ ކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓެކެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވީ އެ ކޯޓުން ބަލާފައި ވަނީ އެ ކުއްޖާ އަށް ޖިންސީ އަނިޔާ ކުރި މައްސަލައެއް ކަމަށް ހިއުމަންރައިޓްސް ކޮމިޝަންގެ ރިޕޯޓުގައި ހިމަނާފައިވާ ކަމަށާއި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.

ކޯޓުން އެ މައްސަލައާ ގުޅިގެން އަމަލުކޮށްފައިވާގޮތާ ޚިލާފަށް އެ ރިޕޯޓުގައި ކަންތައްތަކެއް ހިމަނާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ކޯޓާ މެދު ނުރަނގަޅު ތަސައްވުރެއް ދޭހަވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އަދި އެ ރިޕޯޓުގައި ހިމަނާފައިވާ ބައެއް ޕޮއިންޓުތަކަކީ ކޯޓުގެ މަސައްކަތަށް ނުފޫޒު ފޯރުވުމުގެ މާނަ ދޭހަވާ ގޮތަށް ހިމަނާފައިވާ ޕޮއިންޓްތަކެއް ކަމަށް ވެސް ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.