އަންނަ އަހަރުގެ ސާކް ސަމިޓް ބޭއްވުމަށް އައްޑު އަތޮޅުގައި ދަރުބާރުގެއެއް އެޅުމަށް 110 މިލިއަން ރުފިޔާ ބަޖެޓްގައި ޖަހައި ހަރަދުކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ޑީއާރުޕީގެ އެއް ނާއިބު ލީޑަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.


ގެމަނަފުށީ ދާއިރާގެ ވެސް މެންބަރު އިލްހާމް ސަން އޮންލައިން އާ ވާހަކަ ދައްކަވަމުން މިއަދު ވިދާޅުވީ ހާއްސަ ހާލަތެއް މެދުވެރިވެފައިވާ ކަމަށް ވިދާޅުވެ ސިވިލް ސާވިސް މުވައްޒިފުންގެ މުސާރަ އިއާދަކުރުމަށް ސަރުކާރުން ދެކޮޅުހައްދަވާ އިރު އައްޑު އަތޮޅުގައި ސާކް ސަމިޓް ބޭއްވުމަށް 231.24 މިލިއަން ރުފިޔާ ހޭދަކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމުން އައްޑު އަތޮޅުގެ ރައްޔިތުންނަށް ލިބޭނެ އެއްވެސް ލާބައެއް މަންފާއެއް ނޯންނާނެ ކަމަށެވެ.


"އައްޑު އަތޮޅުގެ ރައްޔިތުންނަށް ރީތި އިމާރާތްތަކަކާއި ހެލިޕެޑްތަކެއް ލިބިދާނެ. އެކަމަކު އެއީ ތަރައްގީއެއް ނޫން. އެ އަތޮޅުގައި ތިބި ސިވިލް ސާވިސް މުވައްޒަފުންނަށް ހަމަ މުސާރަ މިއުޅެނީ ނުދެވިގެން،" އިލްހާމް ވިދާޅުވި އެވެ.


އެކަމާ ދެކޮޅު ހެއްދެވުމުގެ ގޮތުން އޭނާ ވަނީ  ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ސިޓީފުޅެއް ވެސް ފޮނުއްވައިފަ އެވެ. އެ ސިޓީފުޅުގައި އިލްހާމް ވިދާޅުވެފައި ވަނީ ރައްޔިތުންގެ ޖީބު ހުސްވެ، ދަރަނި ބޮޑުވަމުންދާ މި ދުވަސްވަރުގައި އެހާ ބޮޑު ހަރަދެއް ކުރުމަކީ ބޭކާރު ކަމެއް ކަމަށެވެ.


އޭނާ ވިދާޅުވީ މާލޭގައި ސާކު ސަމިޓް ބޭއްވޭނެ އެންމެހާ ވަސީލަތްތަކެއް ހުއްޓައި އައްޑު އަތޮޅުގައި ސާކު ސަމިޓް ބޭއްވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި އެ ފައިސާ މުޅި ގައުމަށް ބެހިގެން ދާނެ ގޮތަކަށް ބަޖެޓުގައި ހިމަނަން ޖެހޭ ކަމަށެވެ.


ސާކް ސަމިޓް ބޭއްވުމަށް އައްޑޫގައި ދަރުބާރުގެއެއް އެޅުމަށް ހަމައެކަނި 110 މިލިއަން ރުފިޔާ ހޭދަވާކަން ރައްޔިތުން މަޖުލީހުގެ ބަޖެޓުގެ ކޮމެޓީން އެދުނު އެދުމަށް ފިނޭންސް މިނިސްޓްރީން އެ ކޮމެޓީ އަށް ފޮނުވި ތަފްސީލް މައުލޫމާތު ސީޓުން އެނގޭ ކަމަށް އިލްހާމް ވިދާޅުވި އެވެ.


އަދި އޭނާ ވިދާޅުވީ އެ މައުލޫމާތު ސީޓްގައި ވާގޮތުން އައްޑޫގައި ހަ ހެލިޕެޑް ހެދުމަށް ގާތްގަނޑަކަށް 0.5 މިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށެވެ. އަދި  ރަށުތެރެ ޒީނަތްތެރި ކުރުމާއި އެކޮމޮޑޭޝަންގެ ކަންކަމަށް ގާތްގަނޑަކަށް 90 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވެސް ސާކު ސަމިޓްގެ އެސްޓިމޭޓްތަކުން ދައްކަ އެވެ.


 ސަރުކާރުން މަޖުލީހަށް ފޮނުވާފައިވާ ބަޖެޓްގައި ސާކް ސަމިޓްގެ ހަރަދެއްގެ ގޮތުގައި 231.24 މިލިއަން ރުފިޔާ ހަރަދުކުރުމަށް ޖަހާފައިވެ އެވެ. އެހެންނަމަވެސް މާލިއްޔަތު ކޮމެޓީގެ އެދުމަށް ސަރުކާރުން ފޮނުވި މައުލޫމާތު ސީޓުގައި ހެލިޕެޓްތައް މިހާރު ހަނދާގޮތަށް ހަމަޖައްސާފައި ވަނީ ސަންގުރިއްލާ އާއި ހެރެތެރެ ރިސޯޓުން ކަމަށް ބުނެފައިވެ އެވެ. އަދި ވެހިކަލް ވެސް އިތުރަށް ނުގަނެ ހުރި ވެހިކަލް ބޭނުންކުރާ ގޮތަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވި ސީޓްގައިވެ އެވެ.


އިލްހާމް ވިދާޅުވީ އޭނާ ބަޖެޓަށް ވޯޓު ނުދެއްވާނެ ކަމަށާއި ބަޖެޓުގައި ސަރުކާރުން ކުރަން ރާވާފައިވާ ކަންކަމުގެ ތަފްސީލުތައް ހިމަނާފައި ނެތުމުން އެނގެނީ ސަރުކާރުން މި ބަޖެޓުގައި އޮޅުވާލައިގެން ކަންތައްތަކެއް ކުރުމަށް ރާވާފައިވުން ކަމަށެވެ.


"މިއީ ހުސްއޮޅުވާލުން. އަޅުގަނޑު އެއަށް (ބަޖެޓަށް) ވޯޓެއް ނުދޭނަން." އިލްހާމް ވިދާޅުވި އެވެ.


ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު މިއަދު ވިދާޅުވީ ސާކު ސަމިޓްގެ ހަރަދުތައް އެއީ ބަޖެޓްގައި ސިއްރުން ޖަހާފައިވާ އަދަދުތަކެއް ނޫން ކަމަށާއި އަންނަ އަހަރު ބާއްވާ ސާކް ސަމިޓަށް "ހަނދާންވާ ގޮތުގައި 230 މިލިއަން ރުފިޔާ ވަރު" ހިމަނާފައި ހުންނާނެ ކަމަށެވެ.


އޭނާ ވިދާޅުވީ ސަމިޓަށް ހިނގާ ހަރަދުތަކުގެ ތަފުސީލް ބަޖެޓް ފޮތުގައި ހުންނާނެ ކަމަށެވެ.