ސެންޓިޔާގޯ (އެޕްރީލް 2) : ޗިލީގެ އުތުރުގެ ކަނޑުގެ އައްސޭރިފަށުގެ ސަރަހައްދަކަށް ބާރުގަދަ ބިންހެލުމެއް އައުމާ ގުޅިގެން ޕެސިފިކް ކަނޑުގެ އައްސޭރިފަށުގައިވާ ގައުމުތަކަށް ސުނާމީ އެއް އަރާފާނެކަމުގެ އިންޒާރު ދީފި އެވެ.

ޕެސިފިކް ކަނޑުގައިވާ ސުނާމީގެ އިންޒާރުދޭ ސިސްޓަމްތައް ބަލަހައްޓާ މަރުކަޒުން ބުނީޗިލީގެ އައްސޭރިފަށުގެ ސަރަހައްދަށް އައިސްފައި ވަނީ ވަރަށް ބާރުގަދަ ބިންހެލުމެއް ކަމަށާ އެހެންކަމުން ޗިލީގެ އިތުރުން ޕެރޫ އިކުއެޑޯރ ކޮލަންބިޔާ އަދި ޕެނަމާ އަށް ސުނާމީ ބޮޑުރާޅުއެރުމުގެ ފުރްސަތު ވަރަށް ބޮޑުކަމުގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ސުނާމީ ކަމަށް ބެލެވޭ ރާޅުތަކެއް ކޮސްޓަރީކާ، އެލްސެލްވަޑޯރ، ނިކަރާގުއާ، ގޮވަޓިމާލާ، ހޮންޑިއުރަސް އަދި މެކްސިކޯއަށްވަނީ އަރާފަ އެވެ. ނަމަވެސް މިއީ މާބޮޑު ރާޅުތަކެއް ނޫންކަމަށާ މިރާޅުތަކުގެ ސަބަބުން މާބޮޑު ގެއްލުންތަކެއްލިބިފައިނުވާ ކަމަށްވެ އެވެ.
ބިންހެލުންތަކާބެހޭ ދިރާސާތައްކުރާ އެމެރިކާގެ ޖިޔޮލޮޖިކަލް ސާވޭ މަރުކަޒު ބުނާގޮތުން ރެކްޓަރ މިންގަނޑުން 8.2 ގެ ބާރުމިނުގައި މިބިންހެލުން އައިސްފައި ވަނީ ޗިލީގެ އުތުރުގެ ކަނޑުގެ އައްސޭރިފަށުގެ ބޯޓުދެލިނަގާ ސަރަހައްދެއް ކަމަށްވާ ލިކުއިކޫގެ ހުޅަނގު އުތުރުން 86 ކިލޯމީޓަރުގެ ދުރުގައިވާ ކަނޑުގެ ސަރަހައްދަކަށެވެ. މި ބިންހެލުން އައީ ވެސް ކަނޑުގެ ބިންގަނޑުގެ އެންމެ 10 ކިލޯ މީޓަރުގެ ފުނަށް ކަމަށާއި މިއީ ވަރަށް ތިލަ ކޮށްއައި ބިންހެލުމެއް ކަމަށް އެމަރުކަޒުން ބުނެ އެވެ.

ޗިލީ އަށް ބިންހެލުން އައިސްފައި ވަނީ ޖީއެމްޓީން ރޭ 11.46 ގަ އެވެ. އެބިންހެލުމުގެ އަސަރު އަވަށްޓެރި ޕެރޫ އާއި ބޮލީވިޔާއަށް ވެސް ކޮށްފައިވާ ކަމަށާ އެދެގައުމުގެ ބައެއް ރައްތަކުގެ އިމާރާތްތަކުގައި ރެނދުލުން ފަދަ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. (ރޮއިޓާސް)