ކްރިމިނަލް ކޯޓުގެ މުއްތަދު މަޖިލީހުގައި ހަޑިހުތުރު ބަހުން ވާހަކަދެއްކި މީހަކު ހަ މަސް ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފި އެވެ.

އެ ހުކުމް ކޮށްފައި ވަނީ މާލެ ދަފްތަރު 2314 އަޙްމަދު ލިޔުޝާންގެ މައްޗަށެވެ.

ލިޔުޝާންގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މާރާމާރީގެ މައްސަލައެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ރޭ ބޭއްވި މުއްދަތު މަޖިލީހުގައި އޭނާ ހަޑިހުތުރުބަހުން ވާހަކަ ދައްކަން ފެށުމުން އެކަންހުއްޓުމަށް ތަކުރާރުކޮށް އެންގުމުންވެސް އެކަންހުއްޓާނުލާ ކޯޓުގެ ހުރުމަތް ކަނޑާލައިފާވާތީ އެވެ.

ކ. މާފުށީ ޖަލުގައި ބަންދުގައިހުރި ލިއުޝާން މާރާމާރީ ހިންގައިފައިވަނީ މިއަހަރު ފެބްރުއަރީ 24 ވަނަދުވަހު ކ.މާފުށީ ޖަލުގެ ގޮޅިގައިތިބި ބަޔަކާއެވެ. މިހާދިސާގައި ދެމީހަކަށް ބޮޑެތި ޒަޚަމްތަކެއް ވަނީ ލިބިފައެވެ.
ލިއުޝާންއަކީ ތަފާތު 14 ކުށެއްސާބިތުވެ ދިގުމުއްދަތަކަށް ޖަލައްލުމަށް ހުކުމްކޮށްފައިވާމީހެކެވެ.

އޭނާގެ މައްޗަށް ހުކުމް ކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ބަނގުރަލުގެ މައްސަލައަކާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދެ މައްސައަކާއި، ވައްކަމުގެ މައްސައަކާއި، ދައުލަތުގެ މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅުމުގެ މައްސައަކާއި، މަސްތުވާ ތަކެތީގެ ތިން މައްސައަކާއި، މާރާމާރީގެ ތިން މައްސައަކާއި، ފޭރުމުގެ މައްސައެއްގެ އިތުރުން ދޮގު މައުލޫމާތު ދިނުމުގެ މައްސަލައެއް ހިމެނެއެވެ.