ރިސްކް ފަންޑުން ތަކާފުލް ޕޮލިސީ ހޯލްޑަރުންނަށް ކަނޑައެޅިފައިވާ މިންވަރެއްގެ ތެރެއިން ބަދަލު ލިބޭ "ޕޭމަންޓް އޮފް ސާފްލަސް" ރާއްޖޭގެ ފުރަތަމަ އިސްލާމިކް އިންޝުއަރެންސް ކުންފުނި، އަމާނާ ތަކާފުލް މޯލްޑިވްސްއިން އިއުލާންކޮށްފި އެވެ.

އަމާނާ ތަކާފުލް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެހެނިހެން އިންޝުއަރެންސް ކުންފުނިތަކާ ހިލާފަށް ތަކާފުލް ނުވަތަ އިސްލާމިކް އިންޝުއަރެންސްގެ ފައިދާ ލިބިގެންދާނީ ހަމައެކަނި ގެއްލުން ލިބޭފަރާތަށް އެކަނި ނޫންކަމަށާއި ތަކާފުލް ޕޮލިސީ ބައްލަވައިގަންނަ ކޮންމެ ފަރާތަކީ މި ރިސްކް ޕޫލްގެ ބައިވެރިއަކަށް ވެގެން ދާނެކަމަށެވެ.

އަމާނާ ތަކާފުލް އިން ބުނީ އެ ރިސްކް ޕޫލްއަކީ ބައިވެރިންގެ ތެރެއިން ގެއްލުމެއް ލިބިއްޖެ ހާލަތެއްގައި ގެއްލުމުގެ ބަދަލު ދިނުމާއި، ތަކާފުލް އާއި ގުޅުންހުރި އެހެނިހެން ހަރަދުތަށް ކުރުމަށް ހެދިފައިވާ ޕޫލެއްކަމަށެވެ. އަދި ސަރޕްލަސް އަކީ ރިސްކް ޕޫލްގައި ހިމެނޭ ބައިވެރިންގެ ތެރެއިން ބަދަލެއް ދޭންޖެހޭ ހާލަތެއް ދިމާނުވާ ފަރާތަކަށް ކަނޑައެޅިފައިވާ އުސޫލުންދެވޭ ބަދަލެއްކަމަށް ވެސް އަމާނާ ތަކާފުލް އިން ބުންޏެވެ.

އެކުންފުނީގެ ނޫސް ބަޔާނުގައި އިތުރަށް ބުނެފައިވަނީ ފާއިތުވީ އަހަރުތަކުގެ ތެރޭގައިވެސް އާންމުންގެ ފަރާތުން ސަރޕްލަސް އާއި ބެހޭގޮތުން ވަރަށްބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި ކުރީ އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް މެދުކެނޑުމެއްނެތި ސަރޕްލަސް ހިއްސާކުރާނެ ކަމަށެވެ. އެގޮތުން ނޮން ކްލައިމަންޓް ނުވަތަ ގެއްލުމުގެ ބަދަލެއް ދޭންޖެހޭ ހާލަތެއް ދިމާނުވާ ފަރާތްތަކަށް މިއަހަރުގެ މާޗް މަހުން ފެށިގެން ސަރޕްލަސް ލިބިގެންދާނެ ކަމަށްވެސް އެ ނޫސްބަޔާނުގައި ވެއެވެ.

އަމާނާ ތަކާފުލް މޯލްޑިވްސްއިން ވަނީ 2013 ވަނަ އަހަރުގައި ފާހަގަ ކުރެވޭފަދަ ކުރިއެރުންތަކެއް ހޯދައިފަ އެވެ. އެ ކުންފުނީގެ އެންމެ ފަހުގެ ހިސާބުތަށް ދައްކާގޮތުން ޖުމްލަ އާންދަނީގެ ގޮތުގައި 62.63 މިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބިފައިވެ އެވެ. އަދި ޓެކްސް ނުކަނޑާ ފައިދާ ގޮތުގައި 8.52 މިލިއަން ރުފިޔާގެ ފައިދާ ހޯދާފައިވެ އެވެ.