01 Apr 2014, 21:06
ހިއުމަންރައިޓްސް ކޮމިޝަނުން ނެރުނު ރިޕޯޓެއްގައި ހުރި ހަގީގަތާ ޚިލާފު ވާހަކަތަކާ ގުޅޭ ގޮތުން ޖަވާބުދާރީވުމަށް އިތުރު ފުރުސަތެއް ދިނުމުން އެ ކޮމިޝަނުން ޖުވެނައިލް ކޯޓަށް ހާޒިރެއް ނުވި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ އެ ކޯޓުން ނެރުނު އަމުރަކާ ގުޅިގެން މިދިޔަ މަހުގެ 17 ވަނަ ދުވަހު އެ ކޮމިޝަންގެ މެމްބަރުން ހާޒިރުވެ ޖަވާބުދާރީވާން އިތުރު ފުރުސަތަކަށް އެދުމުން މިއަދު 1:30 އަށް ކޯޓަށް ހާޒިރުވާން ސިޓީއަކުން އަންގާފައިވާނެ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ މިއަދު ކޯޓަށް ހާޒިރުވުމުގެ ބަދަލުގައި، ކޯޓަށް ހާޒިރުވެވެން ނެތްކަމަށް ވިދާޅުވެ އެބޭފުޅުން އުޒުރުތަކެއް ދައްކާފައިވާ ކަމަށާއި އެ އުޒުރުތައް ކޯޓުން ގަބޫލުނުކުރާ ކަމަށެވެ. އެހެންކަމުން މާދަމާ 10:00 އަށް ކޯޓަށް ހާޒިރުވުމަށް އެ ކޮމިޝަންގެ މައްޗަށް އަމުރެއް ނެރެފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހު އެޗްއާރްސީއެމް އިން ޖުވެނައިލް ކޯޓަށް ފޮނުވާފައި ވަނީ، ށ. ފޭދޫ 15 އަހަރުގެ ކުއްޖަކަށް ލިބިފައިވާ ޖިންސީ އަނިޔާގެ މައްސަލައާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން މަސައްކަތްކޮށްފައިވާ ގޮތުގެ މައްޗަށް ބަލައި އެ ކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓެކެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވީ އެ ކޯޓުން ބަލާފައި ވަނީ އެ ކުއްޖާ އަށް ޖިންސީ އަނިޔާ ކުރި މައްސަލައެއް ކަމަށް ހިއުމަންރައިޓްސް ކޮމިޝަންގެ ރިޕޯޓުގައި ހިމަނާފައިވާ ކަމަށާއި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.
ކޯޓުން އެ މައްސަލައާ ގުޅިގެން އަމަލުކޮށްފައިވާގޮތާ ޚިލާފަށް އެ ރިޕޯޓުގައި ކަންތައްތަކެއް ހިމަނާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ކޯޓާ މެދު ނުރަނގަޅު ތަސައްވުރެއް ދޭހަވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އަދި އެ ރިޕޯޓުގައި ހިމަނާފައިވާ ބައެއް ޕޮއިންޓުތަކަކީ ކޯޓުގެ މަސައްކަތަށް ނުފޫޒު ފޯރުވުމުގެ މާނަ ދޭހަވާ ގޮތަށް ހިމަނާފައިވާ ޕޮއިންޓްތަކެއް ކަމަށް ވެސް ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.