01 Apr 2014, 20:34
މެދުފުށި އިންވެސްޓްމަންޓުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނެއް ނުދައްކައިގެން، އަރާފައިވާ އިންޓްރެސްޓް ފައިސާއާއި ޖޫރިމަނާ ފައިސާއާއެކު ޖުމުލަ 17,625,729.95 ޑޮލަރު އަހަރު ދުވަހުގެ ތެރޭގައި ދެއްކުމަށް، ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު އަހްމަދު ހަމްޒާއާއި އިތުރުބައެއްގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ލޯނު ނުދައްކައިގެން ބީއެމްއެލް އިން ސިވިލް ކޯޓުގައި ކޮށްފައިވާ ދައުވާއަކާ ގުޅިގެން އެ ކޯޓުން މިއަދު އިއްވި ހުކުމުގައި ވަނީ، މެދުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް އެ ބޭންކުން ދޫކޮށްފައިވާ 16,791,875.84 ޑޮލަރުގެ ލޯނު، އެއްބަސްވުމާ އެއްގޮތަށް ބޭންކަށް ދައްކަމުން ގެންގޮސްފައި ނުވާތީ، އެ ދައުވާ ލިބޭ ފަރާތްތަކަށް ކަމަށްވާ، މ. ތްރީއޭ ވިލާ އަބްދުﷲ އަލީ އާއި، އެގޭ އިބްރާހީމް ޖިހާދާއި، ޝަމްއޫނާ އަބްދުﷲ އަލީ އާއި ސ. މަރަދޫ އަލަނާސިގޭ މުހައްމަދު ލަތީފުއާއި، ހަމަ އެގޭ ސަމްޝުލްމުނާ އާއި، އަލީ ޝިޔާމް އާއި، އަހްމަދު ހަމްޒާގެ ޔަގީންކަން ދީގެން ނަގާފައިވާ ލޯނުގެ ފައިސާއާއި ލޯނު ނުދައްކައިގެން އަރާފައިވާ އިންޓްރެސްޓާއި ޖޫރިމަނާ ފައިސާ މިއަދުން ފެށިންގެ އެއް އަހަރު ދުވަހުގެ ތެރޭގައި ދައްކައި ޚަލާސް ކުރުމަށް އަންގާފަ އެވެ.
ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، ބީއެމްއެލްއިން މެދުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ލޯނު، އެއްބަސްވެފައިވާ ގޮތަށް ދައްކަމުން ގޮސްފައި ނުވާކަމަށާއި އަދި އެއީ ދައްކަން ޖެހޭ ފައިސާކަން އެފަރާތްތަކުގެ ބަޔާނުން ސާބިތުވާ ކަމަށެވެ.
ހުކުމުގައި އިތުރަށް ބުނެފައިވަނީ، ބީއެމްއެލްއިން އެދިފައިވާ ގޮތަށް، ލޯނު ލިބިގަތުމަށްޓަކައި، އެއްބަސްވެފައިވާ ޝަރުތު ތަކާއި، ހިލާފުވުމުގެ ސަބަބުން ދައްކަންޖެހޭ އިންޓްރެސްޓާއި ޖޫރިމަނާ ފައިސާއާއި އަދި އެނޫންވެސް ލޯނާއި ގުޅިގެން ބޭންކަށް ލިބެންޖެހޭ ފައިސާ ދައްކައި ހަލާސްކުރުމަށް އަންގައިފަ އެވެ. އަދި އެ ކްރެޑިޓް ފެސިލިޓީއާ ގުޅޭ ބޭންކު އޮފް މޯލްޑިވްސްގެ އެކައުންޓު ބަންދުކުރެވެންދެން ރަހުނުގެ އެގްރިމެންޓުގެ ދަށުން ބޭންކަށް ލިބިދޭ ހައްގުތަކާއި ބާރުތައް ބާތިލު ނުވެ ދެމިގެން ދާނޭ ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.