އެމްޑީޕީގެ ހުސްވެފައިވާ ރައީސްކަމުގެ މަގާމަށް ވަގުތީ ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހަމަޖެއްސެވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. ދަރުބާރުގޭގައި މިއަދު ހަވީރު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި އެ ޕާޓީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވަނީ މާގާމުން އިސްތިއުފާ ދެއްވާފަ އެވެ.

އެމްޑީޕީގެ ޓިކެޓުގައި 2008 ވަނަ އަހަރު ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެ ޕާޓީ ހިންގުން ހަވާލުކުރުމަށް ފާސްކުރީ، ގައުމީ މަޖިލީހަށް އެގޮތަށް ފާސްކުރުމަށް އެ މަޖިލީހުގެ މެންބަރު އިބްރާހިމް ވަހީދު ހުށަހެޅުއްވުމުން، މަޖިލީހުގައި ތިއްބެވި 54 މެންބަރުންގެ ތެރެއިން 47 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމުން މޫސަ އިސްތިއުފާ ދެއްވުމާ ގުޅިގެން ގައުމީ މަޖިލީހުގެ މެންބަރުން ވަނީ މޫސަ ޑިމޮކްރަސީގެ ރީތި އުސޫލެއް ދައްކުވާފައި ކަމަށް ބުނެ، އޭނާއަށް މަރުހަބާ ދަންނަވާފަ އެވެ.

މޫސަ ވިދާޅުވީ، އޭނާ ޗެއާޕާސަންކަމުން އިސްތިއުފާ ދެއްވި ނަމަވެސް އިންތިހާބުތަކުން އެމްޑީޕީ ބަލިވުމުގައި އޭނާގެ އެއްވެސް އިހްމާލެއް ނުވާނެ ކަމަށާއި ވޭތުވެ ދިޔަ އިންތިހާބުތައް ބޭއްވިގެން ދިޔައީ ކުރީގެ ރައީސް ނަޝީދުގެ ސިދާ ބެއްލެވުމުގެ ދަށުން ކަމަށެވެ. އަދި އެމްޑީޕީގެ ޗެއާޕަސަން ކަމުން ދުރަށް ވަޑައިގެންނެވީ އެހެން މެންބަރުންނަށް ނަމޫނާ ދެއްކެވުމުގެ ގޮތުން ކަމަށްވެސް މޫސަ ވިދާޅުވި އެވެ.

"އެމްޑީޕީގެ ޗެއާޕާސަން ކަމުން އަޅުގަނޑު އިސްތިއުފާ ދިނީ ޑިމޮކުރަސީގެ އުސޫލުތައް ގަބޫލުކުރާތީ. އަޅުގަނޑު އެކަނި ނަގަން ޖެހޭ ޒިންމާއެއްނޫން އެއީ. އެހެން ނަމަވެސް އަޅުގަނޑު އިސްވެ އެ ޒިންމާ ނެގީ އިންތިހާބުގައި އިސްކޮން އުޅުނު އެހެން ހުރިހާ ފަރާތްތަށް ވެސް ނަމޫނާއެއް ކަމަށް ބަލާނެކަމުގެ އުއްމީދުގައި، " މޫސަ ވިދާޅުވި އެވެ.

އެމްޑީޕީގެ ޓިކެޓްގައި ނިކުންނަވައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ގައުމުގެ ރައީސްކަމާއި ނައިބު ރައީސްކަން ކުރައްވާފައި ތިއްބަވާ ބޭފުޅުން ދާއިމީ ގޮތަކަށް ގައުމީ މަޖިލީހުގައި ތިއްބެވޭނެ ކަމަށް ވެސް އެޕާޓީގެ ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެގޮތަށް ފާސްކުރުމާ ގުޅިގެން މިހާރު ގައުމީ މަޖިލީހުގައި އެ ހައިސިއްޔަތުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިންނެވޭނެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން މިއަދު ވަނީ އެ ޕާޓީގެ ހުސްވެފައިވާ މަގާމުތަކަށް ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި މެންބަރުން އައްޔަން ކުރުމަށް ވެސް ފާސްކޮށްފަ އެވެ. އަދި އެ ޕާޓީގެ ކޮންގްރެސް އެއް އަންނަ ޖޫން ހައެއް އަދި ހަތެެއްގައި ބޭއްވުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.