ނ.  އެއަތޮޅު ހޮސްޕިޓަލު ލޯންޗް ހަލާކުވެފައި އޮންނަތާ ދެ މަސް ދުވަސްވެފައިވާ ކަމަށާއި ބަލިމީހުން އެމަޖެންސީ ހާލަތްތަކުގައި އުފުލުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހޭ ކަމަށް ކޮމިއުނިޓީ ހެލްތު އޮފިސާ ހުސެން ޝިހާމް ވިދާޅުވެއްޖެ އެވެ.


ޝިހާމް ވިދާޅުވީ އެ ރަށަކީ ފެރީ ދަތުރުތައް ވެސް ދާއިމީ ގޮތެއްގައި އޮންނަ ރަށެއް ނޫންކަމުން ބަލި މީހަކު އެމަޖެންސީކޮށް އުފުލަން ޖެހިއްޖެ ނަމަ އުފުލަނީ އަމިއްލަ މީހުންގެ ލޯންޗް ފަހަރު ކުއްޔަށް ހިފައިގެން ކަމަށެވެ. އަދި ކަނޑު ގަދަވެއްޖެ ނަމަ ބަލި މީހުން އުފުލުމުގައި ކޯސްޓު ގާޑުގެ އެހީތެރިކަން ހޯދަން ޖެހޭ ފަދަ ދަނޑިވަޅުތައް ވެސް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.


"އެމަޖެންސީ ކޭސްތަކުގައި ބަލިމީހުން އުފުލަން އެންމެ ދަތިވަނީ. މި ރަށުގައި ރެގިއުލާ [ދާއިމީ]ކޮށް ފެރީއެއް ނޯވޭ. އަމިއްލަ މީހުންގެ ލޯންޗް ކުއްޔަށް ހިފައިގެން އެފަދަ ވަގުތުތަކުގައި މީހުން އުފުލަން ޖެހެނީ. ކަނޑު ގަދަވެއްޖިއްޔާ އެކަހަލަ ލޯންޗްތައް ކުދި ކަމުން މީހުން އުފުލޭ ގޮތެއް ނުވޭ. ދެން ޖެހެނީ ކޯސްޓްގާޑް ގެނެސްގެން މީހުން އުފުލަން." މަނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގެވ ލޯންޗާ ބެހޭ ގޮތުން ޝަހީމް ވިދާޅުވި އެވެ.


ލޯންޗު ނެތުމުން ދިމާވާ މައްސަލަތައް ހައްލުކުރުމަށް ހެލްތު މިނިސްޓްރީ އަށް ހުރިހާ މައުލޫމާތެއް މިހާރު ދީފައިވާނެ ކަމަށާއި އެ މައްސަލަ އަވަސް މުއްދަތެއްގެ ތެރޭގައި ހައްލުވާނެ ކަމަށް އުންމީދު ކުރައްވާކަމުގައި އޭނާ ވިދާޅުވި އެވެ.