27 Mar 2010, 10:06
ޒަމާނުއްސުރެ ރާއްޖެއާ ބަންގްލަދޭޝާ ދެމެދު އޮންނަނީ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ގާތް ރަޙްމަތްތެރި ގުޅުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ބަންގްލަދޭޝްގެ މިނިވަން ދުވަހާއި ޤައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމީ ފަރިއްކޮޅެއްގައި ވާހަކަފުޅު ދައްކަވަމުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ތާރީޚީ ގުޅުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން، އިޤްތިޞާދީ ގޮތުން ރާއްޖެއާއި ބަންގްލަދޭޝް އޮތީ ވަރަށް ބޮޑަށް ގުޅިފައި ކަމަށާއި، ދިވެހި ވިޔަފާރިވެރިން އެ ޒަމާނުގައި ރާއްޖެއަށް އެތެރެކުރި މުދަލުގެ ބޮޑުބައެއް އެތެރެ ކޮށްފައިވަނީ ބަންގްލަދޭޝްގެ ބަނދަރުތަކުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތަރައްޤީގައި މި ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، އެއް ޤައުމެއްގެ ތަރައްޤީގައި، އެހެން ޤައުމުތަކުން ބައިވެރިވެ، އެކަމުން ސަރަޙައްދުގެ ހުރިހާ ޤައުމު ތަކަކަށްވެސް ފައިދާ ކުރާނެ ގޮތެއް ހޯދުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވި އެވެ. އަދި، ކުރިއަށް އޮތް ސާކް ސަމިޓަށް ބައްލަވާލައްވަމުން، މިއީ ސަރަޙައްދުގެ ހުރިހާ ޤައުމުތަކުގެ ތަރައްޤީ، އެއް ހަމައަކަށް، އެއް މިޞްރާބަކަށް ގެންދެވުމަށް މަސައްކަތް ކުރެއްވުމަށް ލިބޭ ވަރަށް މުހިންމު ފުރުޞަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.