އޭއެފްސީ ކަޕްގެ ގްރޫޕް އެފް ގައި މިއަދު އިންޑޮނޭޝިއާގެ އަރޭމާ އާ ދެކޮޅަށް ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުޅުނު މެޗް 3-2 ލަނޑުން އަރޭމާ ކާމިޔާބުކޮށްފި އެވެ.

ރަށުން ބޭރުގައި މާޒިޔާ މިއަދު ކުޅުނު މެޗުގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޒުވާން ޑިފެންޑަރު އަމްދާން އަލީ (އޭންޑީ) އެވެ. ދެ ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ޑިފެންޑަރު އަބްދުﷲ އިބްރާހިމެވެ.

ދެޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ 90 މިނެޓުގެ ކުޅުން ނިމުނުއިރުވެސް ނަތީޖާ އޮތީ ދެޓީމު 2-2 ލަނޑުން އެއްވަރު ވެފައެވެ. އެހެންނަމަވެސް މާޒިޔާގެ މައްޗަށް އަރޭމާ ކުރި ހޯދީ މެޗުގެ އިތުރު ވަގުތުގައި ފޯވަޑް ކްރިސްޓިއަން ގޮންޒާލެސް ޖެހި ލަނޑުންނެވެ.

މިއަދުގެ މެޗުގައި އަރޭމާގެ ފުރަތަމަ ލަނޑު ޖަހައިދިނީ ވެސް ގޮންޒާލޭސް އެވެ. އަދި އެޓީމުގެ ދެ ވަނަ ލަނޑު ޖަހައި ދިނީ އާޖެންޓީނާގެ މިޑްފީލްޑަރު ގުސްޓާވޯ ލޯޕޭޒެވެ.

މާޒިޔާ މިއަދު އަރޭމާ އަތުން 3-2 ލަނޑުން ބަލިވެފައި ވާއިރު، މިދިޔަ މަހުގެ 19 ވަނަ ދުވަހު މާލޭގައި މާޒިޔާ އަރޭމާ އާދެކޮޅަށް ކުޅުނު މެޗުން ވެސް 3-1 އިން މާޒިޔާ ވަނީ ބަލިވެފަ އެވެ.

އަރޭމާއިން މިއަދު ހޯދި ތިން ޕޮއިންޓާއެކު ގްރޫޕްގައި އެޓީމް އޮތީ ހަތް ޕޮއިންޓާއެކު ދެ ވަނަ މަގާމްގަ އެވެ. އަދި މާޒިޔާ އޮތީ އެއް ޕޮއިންޓާއެެކު ގްރޫޕްގެ އެންމެ ފުލުގައެވެ. ގްރޫޕްގެ އެއް ވަނަ މަގާމް ގައި ނުވަ ޕޮއިންޓާއެކު އޮތީ ވިއެޓްނާމްގެ ހަނޯއީ އެވެ. އަދި ގްރޫޕްގެ ތިން ވަނަ މަގާމްގައި އޮތީ ދެ ޕޮއިންޓާއެކު އޮތް މެލޭޝިއާގެ ސެލަންގޯ އެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖްގައި މާޒިޔާއަށް އަދި ބާކީ ދެ މެޗް އޮތް ކަމުގައި ވިޔަސް، އެޓީމަށް މިހާރު ވަނީ ދެވަނަ ބުރަށް ދަތުރުކުރުމުގައި އަމިއްލަ ބާރު ގެއްލިފަ އެވެ.