ގަރުދިޔަ ތެއްޔަކަށް ވެއްޓި ދ. ހުޅުދެލީގައި ދެ އަހަރުގެ ފިރިހެން ކުއްޖަކު ފިހިއްޖެ އެވެ.

ހުޅުދެލިން ވާހަކަ ދެއްކި މީހަކު ބުނީ ދެ އަހަރުގެ ފިރިހެން ކުއްޖާ ގަރުދިޔަ ތެއްޔަކަށް ވެއްޓިފައި ވަނީ މިއަދު ހަވީރު 5:00 ހާއިރު ކަމަށާއި އެ ގަރުދިޔަ ތެއްޔަކީ ކެއްކި ގޮތަށް ހޫނުކަންމަތީ ހުރި އެއްޗެއް ކަމަށެވެ.

"ހަމަ ކެއްކި ގޮތަށް ވަރަށް ހޫނުކަމާ އެކު ހުރި ތެއްޔެއް. އެ ތެއްޔަށް ދެ އަހަރުގެ ފިރިހެން ކުއްޖާ ވެއްޓުނީ،" އޭނާ ބުންޏެވެ.

އެ ހާދިސާގައި އެ ކުއްޖާގެ ގައިގެ ބޮޑުބައެއް ފިހިފައިވާ ކަމަށާއި ކުއްޖާގެ ގައިގެ ހަންގަނޑު ބޮޑުބައެއް ނެއްޓިފައިވާ ކަމަށް ވެސް އެމީހާ ބުންޏެވެ.

އެކަމާ ގުޅިގެން ހުޅުދެލީ ސިއްހީ މަރުކަޒަށް އެ ކުއްޖާ ގެންގޮސް އައިވީ ގުޅައި ބޭސް ދިނުމަށް ފަހު، އެއަތޮޅު ކުޑަހުވަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދިޔުމަށް މިހާރު ފުރާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ދ. ހޮސްޕިޓަލުން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.