އެތުލެޓިކޯ މެޑްރިޑް އިއްޔެ ބޭއްވި ފަރިތަކުރުން ނުނިމެނީސް އެ ޓީމުގެ ފޯވަޑް ޑިއެގޯ ކޮސްޓާ ފަރިތަކުރުން ނިންމާލުމުން ޔޫއެފާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ އަށް ނުކުޅެވޭނެ ކަމުގެ އިޝާރާތެއް ވެއްޖެ އެވެ.

ފަރިތަކުރަމުން ދަނިކޮށް ކޮސްޓާ އަށް ލިބުނު އަނިޔާއަކާއި ގުޅިގެން ފަރިތަކުރުން ނިންމާލައި ދިޔަކަން އެތުލެޓިކޯގެ ކޯޗު ޑިއެގޯ ސިމިއޯނީ ވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ. ސިމިއޯނީ ބުނީ، ދިހަ މިނެޓަށް ފަހު ކޮސްޓާ ފަރިތަކުރުންތައް ނިންމާލުމުން މެޗުގައި އޭނާ އަށް ބައިވެރިވުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ.

"އޭނާގެ ފިޓްނަސްގެ ކަންތައް ޑޮކްޓަރުންގެ ބަލާނެ. ނަމަވެސް އޭނާ އަށް މެޗު ކުޅެވޭނެ ހެނެއް އަހަރެންނަށް ހިއެއް ނުވޭ،" ސިމިއޯނީ ބުންޏެވެ. "ފަރިތަކުރުންތަކުގައި ވެގެންދިޔަ ގޮތުން މެޗަށް އެރުމަކީ ކޮސްޓާ އަށް އުނދަގޫ ކަމަކަށް ވާނެ. ނަމަވެސް ހުރިހާ ކަމެއް އެނގޭނީ ފަހުން،" ސިމިއޯނީ ބުންޏެވެ.

އާޖެންޓީނާ ފޯވަޑް ލިއޮނެލް މެސީގެ މުހިންމު ކަން ބޮޑުވާ ފަދައިން، ކޮސްޓާ އަކީ އެތުލެޓިކޯ އަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމުގައި ސިމިއޯނީ ގަބޫލުކުރެ އެވެ.

"އެއްވެސް ޝައްކެއް ނެތް ގޮތުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި މެސީ އަދި ކޮސްޓާގެ ހުންނަނީ އަމިއްލަ ސްޓައިލުތަކެއް. ނަމަވެސް ހަމަހަމަ ގޮތެއްގައި އެ މީހުންނަކީ މުހިންމު ކުޅުންތެރިން. ކޮސްޓާގެ ކުޅުން ދުވަހަކަށް ވުރެ ދުވަހެއް ރަނގަޅު ކުރާ ކަމަށް އަހަރެން ގަބޫލު ކުރަން. އަދި ހަމަ އެގޮތަށް ދެ މަސް ދުވަހުގެ އަނިޔާ އަށް ފަހު މެސީ ވަނީ އޭނާގެ ހުނަރުތައް ދައްކާލައިފަ." ސިމިއޯނީ ބުންޏެވެ.

ސްޕެނިޝް ލަލީގާގެ އެއްވަނައިގައި އޮތް އެތުލެޓިކޯ އާއި ދެވަނައިގައި އޮތް ބާސާ ކުޅޭ މެޗު ފެށޭނީ ރާއްޖޭ ގަޑިން މިރޭ 11:45 ގަ އެވެ. މި މެޗު ކުޅޭނީ ބާސާގެ ކޭމްޕް ނޯ ގަ އެވެ.