01 Apr 2014, 17:44
ރެއާލް މެޑްރިޑްގެ ބްރެޒިލް ޑިފެންޑަރު މާސެލޯ އަށް ކުރިމަތިވި އަނިޔާއަކާއި ގުޅިގެން ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ބޮރޫސިއާ ޑޯޓްމުންޑާއި ދެކޮޅަށް ކުޅޭ މެޗު ގެއްލިއްޖެ އެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި މާދަމާ ޑޯޓްމުންޑާއި ދެކޮޅަށް ރެއާލް ނުކުންނަ އިރު، މާސެލޯ އަށް ވަނީ ފަލަ މަސްގަނޑުގެ އަނިޔާއަކާއި ކުރިމަތިލާން ޖެހިފަ އެވެ. ސްޕެނިޝް ލަލީގާގައި މިދިޔަ ހޮނިހިރު ދުވަހު ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅެ 5-0 ލަނޑުން ރެއާލް މޮޅުވި މެޗުގައި މާސެލޯ ފެނުނީ އެ ޓީމުގެ ބެންޗުންނެވެ.
"މާސެލޯ އަށް ކުރިމަތިވީ ފަލަ މަސްގަނޑުގެ އަނިޔާއެއް. އޭނާގެ ފަލަ މަސްގަނޑު އިރައިގެން ދިއުމުން ލިބުނު އަނިޔާއަކީ ފަސް ޑިގްރީގެ އަނިޔާއެއް،" ރެއާލްގެ ރަސްމީ ވެބްސައިޓްގައިވާ ބަޔާނަކުން ބުނެ އެވެ.
އުމުރުން 25 އަހަރުގެ ޑިފެންޑަރު މާސެލޯ އަށް ލިބިފައި ވަނީ ކިހާ ބޮޑު އަނިޔާއެއް ކަމެއް ރެއާލް އިން ހާމަކޮށްފަ އެއް ނުވެ އެވެ. އަދި އޭނާ އަށް ލިބިފައިވާ އަނިޔާ ސަލާމަތް ވާނީ ކިހާ ދުވަހަކުން ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް މާދަމާ ކުޅޭ ޗެމްޕިއަންސް ލީގު މެޗުގައި އޭނާ އަށް ނުކުޅެވޭނެ ކަން ވަނީ ކަށަވަރުވެފަ އެވެ.
މި ސީޒަނުގައި މާސެލޯ އަކީ ރެއާލްގެ މުހިންމު ކުޅުންތެރިއެކެވެ. މި ސީޒަނުގައި އޭނާ ވަނީ ރެއާލް އަށް 33 މެޗު ކުޅެފަ އެވެ. މާސެލޯގެ އަނިޔާގެ ސަބަބުން އެ މަގާމު ފޫބައްދާނީ ޕޯޗުގަލްގެ ފަބިއޯ ކޮންޓްރާއޯ ކަމުގައި ބެލެވެ އެވެ.
ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ޑޯޓްމުންޑާއި ދެކޮޅަށް ރެއާލް ކުޅޭ މެޗު ފެށޭނީ ރާއްޖޭ ގަޑިން މާދަމާ ރޭ 11:45 ގަ އެވެ. މި މެޗު ކުޅޭނީ ރެއާލްގެ ސެންޓިއާގޯ ބެރްނެބުއޭ ސްޓޭޑިއަމްގަ އެވެ.