ހ. ފުންވިލުގޭގެ ސިޑި ކައިރީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލާފައި ވަނިކޮށް، ލޭހޭކިފައި އޮތް ވަޅިއެއް ހިފައިގެން އެ ހަށިގަނޑު ކައިރީ ހ. ހިކޯސްޓް އަލީ ޝާން ހުއްޓާ ދުށް ކަމަށް މީހަކު ހެކިބަސްދީފި އެވެ.

އަލީ ޝާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާއާ ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ކާކުކަން ނޭނގޭ ގޮތަށް އަޑުބަދަލުކޮށްގެން ހެކިބަސް ދެމުން އެމީހާ ވަނީ ކަންހިނގި ގޮތް ތަފްސީލުކޮށް ކިޔައިދީފަ އެވެ.

ހެކިބަސް ދިން މީހާ ބުނީ ކުޑަކުދިންގެ ބަގީޗާ ކައިރީ އޭނާ ހުއްޓައި ހުމާމް ފުންވިލުގެ އަށް ވަތް ކަމަށާއި އޭގެ އިރުކޮޅެއް ފަހުން ފޮތްތަކެއް ހިފައިގެން މީހަކު ފުންވިލުގެއަށް ވަންނަން ފެށުމާ އެކު އެމީހާގެ ފަހަތުން ޝާން ވެސް ދިޔަ ކަމަށެވެ. އަދި ބުނީ ފޮތްތަކެއް ހިފައިގެން އެގޭތެރެއަށް ވަނީ ޑރ. އަފްރާޝީމް ކަން އޭނާ އަށް އެނގުނީ ފަހުން ކަށެވެ.

އޭނާ ބުނީ ފުންވިލުގެއަށް ދިޔުމަށް ފަހު އިރުކޮޅަކުން އަތުގެ އިޝާރާތުން "އަންނާށޭ" ޝާން ބުނި ކަމަށާއި ދެން އޭނާ ދިޔުމުން "ހެލްޕްވާން އަންނާށޭ" ޝާންއާ ހުމާމް ބުނި ކަމަށެވެ. އަދި އޭގެ ޖަވާބެއްގެ ގޮތުން "ތިކަހަލަ ކަމެއްކަން އެނގުނު ނަމަ" ނުވެސް އަންނާނެ ކަމަށް ބުނި ކަމަށް ވެސް ހެކިބަސްދިން މީހާ ބުންޏެވެ.

ފުންވިލުގެއަށް ދިޔައިރު ޝާންގެ އަތުގައި ލޭހޭކިފައި ހުރި ބެނެޓު ވަޅިއެއް އޮތް ކަމަށާއި އަދި ހުމާމް ޑރ. އަފްރާޝީމްގެ ގައިގައި ހިފަހައްޓައިގެން ހުރި އިރު އޭނާގެ އަތުގައި ކަތިވަޅިއެއް އޮތް ކަމަށް ވެސް ހެކިބަސްދިން މީހާ ބުންޏެވެ.

އޭނާ ބުނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އާޓިފިޝަލް ބީޗުން ޝާންއާ ހުމާމާއި ދިމާވި ކަމަށާއި އެވަގުތު ދެކެވުނު ވާހަކަތަކުގައި "މިޝަނެއް އެބައޮތޭ" ހުމާމް ބުނި ކަމަށެވެ. އަދި އެއީ ލާރި ލިބޭ "މިޝަނެއް" ކަމަށް ހުމާމް ބުނި ކަމަށް ވެސް ހެކިބަސްދިން އެ މީހާ ބުންޏެވެ.

އެވަގުތު ދެކެވުނު ވާހަކަތަކުގައި އެރޭ 11:00 އަށް ޕެޑްޕާކަށް ދިޔުމަށް ހުމާމް ބުނި ކަމަށާއި ޑރ. އަފްރާޝީމް އަވަހާރަކޮށްލި ރޭ ޝާންއާ ހުމާމާ ދެ މީހުންނާ ބައްދަލުވީ އެ ޕާކަށް އޭނާ ދިޔުމުން ކަމަށެވެ.

އެ ޕާކްތެރެއިން އެ ދެ މީހުންނާ ބައްދަލުވި އިރު ޝާންގެ އަތުގައި ބެނެޓު ވަޅިއެއް އޮތް ކަމަށް ވެސް އެމީހާ ބުންޏެވެ. އެތަނުގައި ތިބެފައި އެ ދެ މީހުން ބުނެގެން، އެ ދެ މީހުންނާ އެކު ކުޑަކުދިންގެ ބަގީޗާ ކައިރިއަށް ދިޔައީ ކަމަށް ވެސް އޭނާ ބުންޏެވެ.

އެ މައްސަލައިގައި ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ވެސް އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނެގުމެވެ.

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ ކުށް ހުމާމްގެ މައްޗަށް ސާބިތުވުމާ ގުޅިގެން އޭނާ މެރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.