01 Apr 2014, 16:07
އޭއެފްސީ ކަޕުގައި އިންޑޮނޭޝިއާގެ ޕަރްސިޕޫރާ ޖަޔަޕޫރާއާ ދެކޮޅަށް މާދަމާ ކުޅޭ މެޗަކީ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ނިއު ރޭޑިއަންޓް ކުޅޭނެ އެންމެ އުނދަގޫ މެޗަށް ވާނެ ކަމުގައި އެ ކްލަބުގެ އިނގިރޭސި ކޯޗު ސައިމަން މެކްމެނެމީ ބުނެފި އެވެ.
އޭއެފްސީ ކަޕުގައި މާދަމާ ހަވީރު ގަލޮޅު ދަނޑުގައި ޖަޔަޕޫރާއާ ދެކޮޅަށް ނިއު ނުކުންނަ އިރު، އިންޑޮނޭޝިއާގައި ކުޅުނު މެޗުން ނިއު ބަލިވީ 3-0 ލަނޑުންނެވެ. އެފްއޭއެމް ހައުސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސައިމަން ބުނީ، ޖަޔަޕޫރާ ޓީމުގައި ހުރީ ވަރަށް މޮޅެތި ކުޅުންތެރިން ކަމަށެވެ.
"އެ ޓީމުގައި ތަޖުރިބާކާރު ކުޅުންތެރިން ވަރަށް ގިނަ. އެ ޓީމުގައި ވަރަށް ރަނގަޅު ދެ ފޯވަޑުން އެބަތިބި، އަދި އެ ޓީމުން ކުޅެނީ ވަރަށް ރަނގަޅު އެޓޭކިންގް ފޯމެއްގައި. އެ ޓީމުގެ ޑިފެންސް ލައިން ވެސް ވަރަށް ރަނގަޅު، އަދި ފާހަގަކޮށްލެވޭ ވަރަށް ވަރުގަދަ ޑިފެންޑަރެއް އެ ޓީމުގައި އެބަ ހުރި. ޕަރްސިޕީރާއާ ދެކޮޅަށް ކުޅެން ވަރަށް އުނދަގޫވާނެ. މި މެޗަކީ ގްރޫޕްގައި އަހަރެމެން ކުޅޭ އެންމެ އުނދަގޫ މެޗަށް ވާނެ. އަހަރެމެން ޖަޔާޕޫރާއާ ދެކޮޅަށް ކުޅޭއިރު މަސައްކަތް ކުރާނީ އެންމެ ވަރުގަދަ ކުޅުން ދެއްކޭތޯ،" ދާދި ފަހުން ނިއުއާ ހަވާލުވި ޒުވާން ކޯޗު ސައިމަން ބުންޏެވެ.
ނިއުގެ ކޯޗު ސައިމަން ބުނީ، ޖަޔަޕޫރާއާ ދެކޮޅަށް ނުކުންނަ އިރު އެންމެ ބޮޑު ކަންބޮޑުވުމަކީ މެޗު ފިޓްނަސްގެ މައްސަލަ ކަމަށެވެ.
"މެޗަށް ތައްޔާރުވާން އަހަރެމެންނަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ މެޗު ފިޓްނަސްގެ މައްސަލަ. ޖަޔަޕޫރާއަކީ ކޮންމެ ހަފްތާއަކު ވާދަވެރި މެޗުތަކެއް ކުޅޭ ޓީމެއް. ނަމަވެސް އަހަރެމެންގެ ލީގު ފަށާފައި ނުވާތީ ވާދަވެރި މެޗުތައް ކުޅެވިފައެއް ނުވޭ. އަހަރެމެންނަށް ކުޅުންތެރިންގެ ވިސްނުމާއި ޓެކްޓިކްސް ބަދަލުކުރެވިދާނެ. އަދި ފޯމޭޝަނަށް ބަދަލު ގެނެވިދާނެ. އޭގެ އިތުރުން އަހަރެމެންނަށް ކުޅުންތެރިންނަށް ހިތްވަރު ވެސް ދެވިދާނެ. އެކަމަކު އެންމެ ދިހަ ވަރަކަށް ދުވަހުން ފިޓްނަސް ރަނގަޅުކުރުމަކީ ވާނެ ކަމެއް ނޫން، މިއީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް،" ސައިމަން ބުންޏެވެ.
އޭއެފްސީ ކަޕުގައި ނިއު އާއި ޖަޔަޕޫރާ ގަލޮޅު ދަނޑުގައި ބައްދަލުކުރާ މެޗު ފެށޭނީ ރާއްޖޭ ގަޑިން މާދަމާ ހަވީރު 4:00 ގަ އެވެ.