މާލެގައި އުފެދޭ ކުނި ތިލަފުއްޓަށް ގެންދިއުމަށް ކުއްޔަށް ހިފާ ވެހިކަލްތަކުގެ ސަބަބުން މަހަކު ފަސް މިލިއަން ރުފިޔާގެ ގެއްލުންވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

މިއަދު މެންދުރު މާލެ ސިޓީ ކައުންސިލް ހޯލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު އަދި ކުރީގެ ފިނޭންސް މިނިސްޓަރު މުހައްމަދު ޝިހާބު މިއަދު ވިދާޅުވީ ކުނި އުކާލުމަށް މިހާރު ބޭނުންކުރާ ވެހިކަލްތައް ކުއްޔަށް ނަގައިގެން ބޭނުންކުރަނީ ހަތް މިލިއަން ރުފިޔާ އަށް ކަމަށެވެ. ނަމަވެސް މާލެ ސިޓީ ކައުންސިލްގައި ހުރި ވެހިކަލްތައް މަރާމާތުކޮށްގެން ބޭނުންކުރާ ނަމަ މަހަކު ދައުލަތުން ހަރަދުކުރަން ޖެހޭނީ ދެ މިލިއަންރުފިޔާ ކަމަށެވެ.

"އަޅުގަނޑު ހިތާމައާ އެކު ދަންނަވާލަން ޖެހޭ، މިހާރު ދައުލަތުން އެބަ ހަރަދުކުރޭ އަޅުގަނޑުމެންގެ ވެހިކަލް މަރާމާތުކުރުން ނުވަތަ އެހެން ބަޔަކާ ހަވާލުކުރުމުގެ ބަދަލުގައި ހަތް މިލިއަން ރުފިޔާ ކުއްޔަށް މި ނަގާފައި ހުރި ވެހިކަލްތަކަށް. އެއީ އެކްސްކަވަރޭޓަރާއި ލޮރީތަކާއި މިކަހަލަ އެއްޗިއްސަށް. އަޅުގަނޑުމެންގެ ތަކެތީގެ މި މަސައްކަތްކުރާ ކަމަށްވާ ނަމަ ދަނީ ދެ މިލިއަން، " މޭޔަރު ވިދާޅުވި އެވެ.

ކުއްޔަށް ވެހިކަލްތައް ނަގަން ޖެހިފައި ވަނީ ސިޓީ ކައުންސިލްގައި ހުރި ވެހިކަލްތައް މަރާމާތު ނުކުރެވިގެން ކަމަށާއި އެކަމާ ގުޅޭ ގޮތުން އޭނާ ފިނޭންސް މިނިސްޓަރާ ބައްދަލުކުރެއްވި ކަމަށެވެ.

"މިކަމާ ގުޅޭ ގޮތުން ހުދު އަޅުގަނޑު ވެސް ފިނޭންސް މިނިސްޓަރާއި ބައްދަލުކޮށް މި މަޝްވަރާކޮށްފިން. ވަރަށް އަވަހަށް ޑިސިޝަނެއް ނަންގަވާނެ ކަމަށް ވިދާޅުވި، ނަމަވެސް އަދި ވެސް މި ގެންދަނީ އަޅުގަނޑުމެންގެ ވެހިކަލްތައް މަރާމާތު ނުކުރެވޭތީ ކުއްޔަށް އެއްޗެހި ހިފައިގެން، " ޝިހާބު ވިދާޅުވި އެވެ.

ޝިހާބު ވިދާޅުވީ އިންޑިޔާގެ ޓަޓްވާ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމަށް މިދިޔަ އަހަރު ބޮޑެތި ބަދަލުތަކެއް ގެނެސްފައިވީ ނަމަވެސް އެއްބަސްވުން ވުމަށް އަމަލު ކުރަން ފަށާފައެއްނުވެ އެވެ.