އޭއެފްސީ ކަޕްގައި ރާއްޖޭގެ ލީގު ޗެމްޕިއަން ނިއު ރޭޑިއަންޓާއި ދެކޮޅަށް ކުޅުނު ފުރަތަމަ މެޗާއި އަޅާ ބަލާ އިރު، ދެވަނަ މެޗުގައި އިންޑޮނޭޝިއާގެ ޗެމްޕިއަން ޕަރްސިޕޫރާ ޖަޔަޕޫރާގެ ފަރާތުން ފެންނާނީ ތަފާތު ކުޅުމެއް ކަމުގައި އެކްލަބުގެ ކޯޗު ޖެކްސަން ފެރޭރާ ބުނެފި އެވެ.

އޭއެފްސީ ކަޕުގައި މާދަމާ ހަވީރު ގަލޮޅު ދަނޑުގައި ނިއުއާ ދެކޮޅަށް ޖަޔަޕޫރާ ނުކުންނަ އިރު، އިންޑޮނޭޝިއާގައި ކުޅުނު މެޗުން ޖަޔަޕޫރާ މޮޅުވީ 3-0 ލަނޑުންނެވެ.

"ފުރަތަމަ މެޗާއި އަޅާ ބަލާ އިރު، މާދަމާ ކުޅޭ މެޗު ވެގެންދާނީ ވަރަށް ތަފާތު މެޗަކަށް. ނިއު އިން އަހަރެމެންނާ ދެކޮޅަށް ނުކުތް ފުރަތަމަ މެޗަށް ނުކުތީ ދިގު ދަތުރަކަށް ފަހު. އަދި މިހާރު މެޗުގެ ކަންތައް ތަފާތުވާނެ. އެހެންކަމުން އަހަރެމެން ކުޅެން ޖެހޭނީ ތަފާތު ގޮތަކަށް. އަހަރެމެންނަށް އެނގޭ އެމީހުން ކުޅޭ ގޮތް، އަދި އެމީހުންނަށް ވެސް އެނގޭނެ އަހަރެމެން ކުޅޭ ގޮތް. ހާއްސަކޮށް (ނިއުގެ އާ ކޯޗު) ސައިމަން އަށް އަހަރެމެންގެ ގޮތް ވަރަށް ރަނގަޅަށް އެނގޭނެ،" އެފްއޭއެމް ހައުސްގައި މިއަދު މެންދުރު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޖެކްސަން ބުންޏެވެ.

މާދަމާގެ މެޗުން ނިއު އަތުން ޖަޔަޕޫރާ މޮޅުވެއްޖެ ނަމަ، އެ ޓީމަށް އޭއެފްސީ ކަޕުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވާނެ އެވެ. ޖެކްސަން ބުނީ، ޖަޔަޕޫރާ އިން މި މެޗުން މޮޅުވުމަށް ފަހު ދެން މަސައްކަތް ކުރާނީ ގްރޫޕުގެ އެއްވަނަ އަށް އެރުމަށް ކަމަށެވެ.

"މި މެޗުން މޮޅުވެއްޖެ ނަމަ، އަހަރެމެން ދެވަނަ ބުރަށް ދާނެ. އޭގެ ފަހުން އަހަރެމެން މަސައްކަތް ކުރާނީ ގްރޫޕްގައި ބާކީ ހުރި މެޗުތަކުން މޮޅުވެ، ގްރޫޕްގެ ޗެމްޕިއަންކަން ހޯދުމަށް،" އޭނާ ބުންޏެވެ.

ޖެކްސަންގެ ވާހަކައިގައި ނިއުގެ ކުޅުންތެރިންގެ ފެންވަރާއި ބެހޭގޮތުން ވެސް ވާހަކަ ދައްކައިފައިވެ އެވެ.

"ނިއު ރޭޑިއަންޓްގެ ގޯލްކީޕަރު ވަރަށް މޮޅު، އަލީ ފާސިރު (ސެންޓޭ) އަކީ ވަރަށް ހަލުވި ކުޅުންތެރިއެއް. އަދި އުމެއިރު އަކީ ވެސް ވަރަށް ރަނގަޅު ކުޅުންތެރިއެއް. އެ ކުޅުންތެރިން އެދަނީ ކާމިޔާބީތައް ހޯދަމުން، އެ ކުޅުންތެރިންނަށް އެކަކު އަނެކަކުގެ ގޮތް ވަރަށް ރަނގަޅަށް އެނގޭނެ. އެހެންކަމުން މެޗު ވަރަށް އުނދަގޫވާނެ." ޖެކްސަން ބުންޏެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް އީގެ އެއްވަނައިގައި ޖަޔަޕޫރާ އޮތީ ހަތް ޕޮއިންޓާ އެކު އެވެ. ހަ ޕޮއިންޓާ އެކު ދެވަނައިގައި އިންޑިއާގެ ޗާޗިލް ބްރަދާސް އޮތްއިރު، ނިއު އޮތީ ތިން ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގަ އެވެ. އަދި އެންމެ ޕޮއިންޓަކާއެކު ގްރޫޕްގެ އެންމެ ފުލުގައި އޮތީ ސިންގަޕޫރުގެ ހޯމް ޔުނައިޓެޑެވެ.

އޭއެފްސީ ކަޕުގައި ނިއު އާއި ޖަޔަޕޫރާ ގަލޮޅު ދަނޑުގައި ކުޅޭ މެޗު ފެށޭނީ ރާއްޖޭ ގަޑިން މާދަމާ ހަވީރު 4:00 ގަ އެވެ.