ފަގީރު ގައުމުތަކުގެ ލިސްޓުން ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލިސްޓަށް އަންނަ ޖެނުއަރީ މަހު ރާއްޖެ ބަދަލުވުމުން، ގައުމުން އުފުލަން ޖެހޭ އިގްތިސާދީ "ޒިންމާތައް" ބޮޑުވެގެންދާނެ ކަމަށާއި އަދި އެ ޒިންމާތައް ދެމެހެއްޓުމުގައި ބައެއް މީހުންނަށް "ކަމުނުދާ" ކަންކަން ކުރަން ޖެހިދާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.


އިކޮނޮމިކް މިނިސްޓަރ މަހްމޫދު ރާޒީ އާއި އެންވާރަމެންޓް މިނިސްޓާ މުހައްމަދު އަސްލަމާއި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ ކެރަފާ އަހްމަދު ނަސީމު ގުޅިގެން ފޮރިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހުރިހާ ބޭފުޅުން ވެސް ވިދާޅުވީ ރާއްޖެ ތަރައްގީވަމުން އަންނަ ގައުމަކަށް ބަދަލުވުމަކީ ރާއްޖެ އަށް ލިބޭ "އުފަލެއް" ކަމަށާއި "ރާއްޖެ އަމިއްލަ ފައިމައްޗަށް ތެދުވެވިއްޖެ ކަމަށް" ބޭރު ގައުމުތަކުން ދެކޭ ކަމުގެ ހެއްކެތް ކަމަށެވެ.  


ނަމަވެސް، އަސްލަމް ވިދާޅުވީ، ލީސްޓް ޑިވެލޮޕްޑް ކަންޓްރީސް (އެލްޑީސީ) ލިސްޓް އިން ޑިވެލޮޕިން ކަންޓްރީސްގެ ލިސްޓަށް ރާއްޖެ ބަދަލުވުމުން، ބޭރު ގައުމުތަކުން ބޭނުންވެގެން "ބައްސަވާ" އެއްޗެހި ރާއްޖެއަށް ނުލިބޭނެ ކަމަށާއި އެހީ ލިބޭނީ ގައުމުގެ އިގުތިސާދީ ހާލަތަށް ބަލައިގެން ކަމަށެވެ. އަދި އެހީ ހޯދަން ޖެހޭނީ ރާއްޖޭގެ އަމިއްލަ ސްޓްރެންތުގައި ކަމަށް ވެސް، އެކްޓިން ފޮރިން މިނިސްޓާ އަސްލަމް ވިދާޅުވި އެވެ.


އަދި ޒިންމާތައް ދެމެހެއްޓުމަށްޓަކައި ބައެއް މީހުން "ހިތްހަމަނު ޖެހޭ" ފިޔަވަޅުތަކެއް އަޅަން ޖެހިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


"އަޅުގަނޑުމެން ބައެއް ފަހަރު ކުޑަކޮށް އުނދަގޫހެން ހީވާކަހަލަ ކަންތައްތައް ކުރަންޖެހޭނެ. ފިސްކަލް ރެސްޕޮންސިބިލިޓީ އަޅުގަނޑުމެން ޒިންމާދާރު ގޮތެއްގައި އެކަން ގެންގުޅުމަށްޓަކައި ބައެއް ފަހަރު މީހުންނަށް ކަމުނުދާ ކަހަލަ ކަންކަން ކުރަން ޖެހިދާނެ. މުސާރަ ކުޑަކުރަން ވެސް އެއީ ކުރަން ޖެހޭ ކަމެއް ކަމަށް ވަންޏާ އެވަގުތު ގައުމުގެ މާލީ ހާލަތު ތަންދޭ ގޮތަކުން ފިސްކަލް ރެސްޕޮންސިބިލިޓީ ޒިންމާ ނެގުމުގެ ގޮތުން ކުރަން ޖެހޭ ކަމެއްގެ ގޮތުން ކުރަން ޖެހިދާނެ،" އަސްލަމް ވިދާޅުވި އެވެ. 


ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޑރ. އަބްދުﷲ ނިޔާޒް ވިދާޅުވީ، ރާއްޖެއާ މެދު ބޭރުގެ ފަރާތްތަކުން ދެކޭ ގޮތަށް ބަލައި ރާއްޖެއަށް ލިބޭ އެހީއަށް އަސަރުކުރާ ކަމަށާއި އެހެންކަމުން، ދިވެހިންގެ ދިރިއުޅުމުގައި ހުރި ކަންކަން އިސްލާހު ކުރަން ޖެހޭ ކަމަށެވެ. އެގޮތުން އެހީ އިތުރުކުރުމަށް "ކޮރަޕްޝަން އިންޑެކްސް" އިސްލާހުކުރަން ޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ.


"ވަރަށް ގިނަ މިންގަނޑުތަކުން ދިވެހިރާއްޖެ އެބަ ފާސްވޭ. އެކަމަކު އަޅުގަނޑުމެންނަށް ހިތާމައަކީ މިހާތަނަށް ތަންކޮޅެއް ދަށުގައި މި އުޅޭ އެއް މިންގަނޑަކީ ކޮރަޕްޝަންގެ މިންގަނޑު. އެ އިސްލާހު ކުރެވި، ވަކި ހިސާބަކަށް ދިޔައިމަ، ހަމައެކަނި އެމެރިކާއިންނެއް ނޫން އަދި ލުއިލޯނުދޭ ފަރާތްތަކުންވެސް އަޅުގަނޑުމެންނާ ދޭތެރޭ އޮންނަ އިތުބާރު ބޮޑުވެގެން ގޮސް، އަޅުގަނޑުމެންނަށް އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ،" ޑރ.ނިޔާޒް ވިދާޅުވި އެވެ.


މިއަދުގެ ޕްރެސް ކޮންފަރެންސްގައި އެކްޓިން ފައިނޭންސް ރާޒީ ވިދާޅުވީ، "ޑިވެލޮޕިން ކަންޓްރީއަކަށް ވީމަ އަޅުގަނޑުމެންގެ ޒިންމާތަށް އެ ފެންވަރަށް އަރާނެ" ކަމަށެވެ. "އޭގެ މާނައަކީ، ރަނގަޅު އަދި ޔޫއެން އާ ވާހަކަދައިކައިގެން ފަހަރެއްގައި މުހުލަތެއް ނުލިބޭނޭކޭ ނުން. އެކަމަކު ނުލިބިއްޖެ ކަމަށްވަންޏާ އޭގެ ފަހުން ނަމަވެސް އަޅުގަނޑުމެން ޖެހޭނީ އަމިއްލައަށް ޚަރަދުކޮށްގެންނޭ ކަންކަން ކުރަން. ދެން އޭގައި އޮންނާނެ ގޮތަކީ އަޅުގަނޑުމެންނަށް ދެކޮޅު ޖެހޭ ގޮތަކަށް ކަންކަން ކުރަން ޖެހޭނީ،" ސަރުކާރުގެ ޕްރައިވަޓައިޒޭޝަން ކޮމިޓީގެ ވެސް ރައީސް މަހްމޫދް ރާޒީ ވިދާޅުވި އެވެ. 


މީގެ އިތުރުން، ސްޓޭޓް މިނިސްޓާ ނަސީމް ވިދާޅުވީ، ރާއްޖެ ގްރެޖުއޭޓްވުމަށް ތަސްދީގުކުރަން ޖެހޭ ބައިނަލްއަގްވަމީ މުއާހަދާތަކެއް އެބަ ހުރި ކަމަށާއި އެކަންކަމަކީ ކުއްލިއަށް ކޮށް ނިންމާލެވޭނެ ކަންކަން ނޫން ކަމަށެވެ. ބައެއް ޤާނޫނީ ލިޔުންތައް އިގްތިސާދީ ވުޒާރާމެދުވެރިކޮށް ތައްޔާރުކުރަމުންދާ ކަމަށާއި އެ މުއާހަދާތަކާ ބިލުތައް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ނަސީމް ވިދާޅުވި އެވެ.