01 Apr 2014, 15:19
އެކިއެކި ކުށްކުށުގެ އަދަބުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ 169 މީހެއްގެ އަދަބު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މައާފުދެއްވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ނިންމަވާފައި ވަނީ މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާ އިން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ އިހުތިޔާރުގެ ދަށުން ކަމަށެވެ. އަދި އަދަބު ލުއިކޮށްދެއްވުމަށް މިއަދު ނިންމެވި މީހުންގެ ތެރޭގައި އެކިއެކި ކުށްކުށުގައި ޖަލުގައި ބަންދުކޮށްފައި ތިބި މީހުންނާއި އަރުވާލާފައިވާ މީހުން އަދި ގޭގައި ބަންދުކޮށްފައި ތިބި މީހުން ހިމެނެ އެވެ.
އަދަބު ލުއިކޮށްދެއްވާފައިވާ މީހުންގެ ތެރެއިން އެމީހާގެ އުމުރަށާއި ބަލި ހާލަތާއި އެމީހަކު ހޯދަމުންދާ ސިއްހީ ފަރުވާއެެއް ނުވަތަ އެމީހަކު ހުރި ވަގުތާއި ހާލަތަށާއި ނުވަތަ އިންސާނިއްޔަތު ކަމުގެ ނަޒަރަކުން ނުވަތަ އެމީހެއްގެ އުޅުމާއި އަހުލާގަށް ބަލައި 116 މީހެއްގެ އަދަބު ލުއިކޮށްދީފައި ވަނީ ޝަރުތުތަކަކާއެކުގަ އެވެ.
އެގޮތުން މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލައެއްގައި ހުކުމް ތަންފީޒުކުރާ ނުވަތަ ކުރަންޖެހިފައިވާ މީހެއް ނަމަ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ކަމާ ބެހޭ އިދާރާ އިން ފަރުވާދިނުމަށް ހިންގާ ޕްރޮގްރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރުމަށް ޝަރުތުކުރައްްވާފައިވެ އެވެ.
ޝަރުތުތަކާ އެކު ކުށުގެ އަދަބު ލުއިކޮށްދެއްވާފައިވާ މީހަކު ޝަރުތަކާ ހިލާފުވެއްޖެ ނަމަ އެމީހަކަށް މައާފުދިން ދިނުން ނުވަތަ އަދަބު ލުއިކޮށްދިން ދިނުން ބާތިލުވުމާ އެކު ރައީސުލްޖުމްހޫރިއްޔާ އެމީހަކަށް މައާފުކޮށްދެއްވުމުގެ ނުވަތަ އަދަބު ލުއިކޮށްދެއްވުމުގެ ކުރިން އެމީހަކު ހުރި ހާލަތަށް ރުޖޫއަވެގެންދާ ގޮތަށް ވެސް ވަނީ ކަނޑައަޅާފަ އެވެ. އަދި އަދަބު ލުއިކޮށްދެއްވި ހުކުމުގެ ތަންފީޒުނުވެ ބާކީ އޮތް މުއްދަތު ތަންފީޒު ކުރަންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފަ އެވެ.
މީގެ އިތުރުން ޖިނާއީ ހުކުމެއްގެ ދަށުން އަދަބު ކަނޑައެޅިފައިވާ މީހުންގެ އަދަބު ލުއިކޮށްދެއްވި ކަމުގައިވީ ނަމަވެސް، އެ މީހެއްގެ މައްޗަށް ކުރެވުނު ހުކުމުގައި ފައިސާ އަނބުރާ އަދާކުރުމަށް އިލްތިޒާމެއް އޮތް ކަމުގައިވާ ނަމަ، އެ އިލްތިޒާމަކަށް މައާފު ދެއްވާފައި ނުވަތަ ލުޔެއް ދެއްވާފައެއް ނުވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ އަދަބު ލުއިކޮށްދެއްވުމުގައި ނުވަތަ މައާފުކޮށްދެއްވުމުގައި މީހަކު މެރުމުގެ ކުށް ސާބިތުވެފައިވާ މީހުންނާއި އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ސާބިތުވެފައިވާ މީހުންނާއި ޓެރަރިޒަމްގެ ކުށް ސާބިތުވެފައިވާ މީހުންނާއި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށް ސާބިތުވެފައިވާ މީހުންނާއި މަސްތުވާތަކެތި ވިޔަފާރިކުރުމުގެ ކުށް ސާބިތުވެފައިވާ މީހުންނާއި ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގުމުގެ ކުށް ސާބިތުވެފައިވާ މީހުން އަދި އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށް ސާބިތުވެފައިވާ މީހުން ހިމަނާފައެއް ނުވެ އެވެ.
މީގެ އިތުރުން އަދަބު ލުއިކޮށްދެއްވުމުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ރެކޯޑުތަކަށް ބަލައި، މުޖުތަމައުގެ ރައްކާތެރިކަމާއި ސަލާމަތާއި އަމަންއަމާން ކަމަށް ނުރައްކާވެދާނެ ފަދަ މީހުން ވެސް ހިމަނާފައެއް ނުވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެންމެ ބޮޑެތި ކުށްތައް ފިޔަވައި އެހެން އެކި ކުށްކުށުގައި ބަންދުވެފައި ތިބި ޒުވާނުންނަށް މިއަދު މައާފު ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މިދިޔަ މަހު ވަނީ އިއުލާން ކުރައްވާފަ އެވެ.