އީ-އިންކް ޑިސްޕްލޭ އަކާ އެކު އޭ4 ސައިޒުގެ “ޑިޖިޓަލް ޕޭޕަރ ޓެބްލެޓް” އެއް ސޮނީ އިން އިއުލާނު ކޮށްފި އެވެ.

ބޯމިނުގައި ގާތްތަނޑަކަށް 7 މިލިމީޓަރު ހުންނަ މި ޓެބްލެޓަކީ އޮފީސް ތަކުގައި އުޅޭ މީހުންނަށް ހާއްސަކޮށްގެން ހަދާފައިވާ ޓެބްލެޓް އެކެވެ. މި ޓެބްލެޓް މޭ މަހުގައި ބާޒަރަށް ނުކުންނާނެ ކަމަށް ސޮނީއިން ބުނެއެވެ. އަދި ޓެބްލެޓް ވިއްކާ އަގަކީ 1،100 ޑޮލަރަށެވެ.

ސޮނީގެ މި އައު ޓެބްލެޓްގައި ހުންނަ 13.3 އިންޗިސްކްރީން އުފައްދާފައިވަނީ ޕްލާސްޓިކުން ނެވެ.“މޯބިއަސް” ނަމަކަށް ކިޔުނުމި ޓެކްނޮލިޖީގެ ސަބަބުން މީގެ ކުރިން ބިއްލޫރި ބޭނުން ކޮށްގެން އުފައްދަމުން އައި އީ-އިންކް ސްކްރީން ތަކަށްވުރެ ސޮނީގެ މޯބިއަސް ސްކްރީން ދެގުނަ ލުއި ވާނެކަމަށް އެ ކުންފުނިން ބުނެއެވެ. މިއީ 1200 * 1600 ގެ ރެޒޮލޫޝަންގެ ޑޮޓް ސްކްރީން ޑިސްޕްލޭއެކެވެ.

މި ޑިސްޕްލޭ އަކީ ޓަޗް ސްކްރީން އެއްކަމުގައި ވިޔަސް ސްކްރީންގައި އަތް ބާއްވާލައިގެން ހުރެ، ނުވަތަ އެއް އަތް ޖެހިފައި ހުއްޓަސް އަނެއް އަތުން ލިޔާކަށް އުނަދަގުލެއް ނުވާނެއެވެ. މީގެ ސަބަބުން އަސްލު ފޮތެއް ހިފަހައްޓައިގެ ހުރެ ގަނޑެއްގައި ލިޔުމުގެ އިހުސާސް އިތުރުވެގެން ދެއެވެ. އަދި ޑޮކިއުމަންޓްތަކުގައި ލިޔެ، ކުރަހާ ހަދަން ފަސޭހަވާނޭ ހެން ސްޓައިލަސް އެއް ވެސް މި ޓެބްލެޓްގައި ހިމެނެއެވެ.

ޑިޖިޓަލް ޕޭޕަރ ޓެބްލެޓް ބާޒާރަށް ނުކުންނާނީ 4 ޖީބީގެ އިންޓާނަލް ސްޓޯރޭޖް އާ އެކު، އިތުރަށް ޖާގަ ބޭނުން ނަމަ އެސްޑީ ކާޑުވެސް ބާނުންކުރެވޭ ގޮތަށެވެ. އަދި ޓެބްލެޓް ވައިފައިއާއި ވެސް ގުޅާލެވެއެވެ. މީގެ ސަބަބުން ޑްރޮޕްބޮކްސް އަދި ގޫގުލް ޑްރައިވް ފަދަ ކްލައުޑް ސްޓޯރޭޖް ތަކުގައި ރައްކާކޮށްފައިވާ ލިޔުންތައް ފަސޭހައިން ޑައުންލޯޑްކުރުމުގެ ފުރުސަތު އޮންނާނެއެވެ.

އޮފީސްތަކަށް އަމާއްޒުކޮށްގެން ނެރޭ މި ޓެބްލެޓް އަކީ އައު ކޮންސެޕްޓް އެއްކަމުގައިވިޔަސް، ވިއްކަން ފަށާ އަގު ބޮޑުވުމުގެ ސަބަބުން މި ޓެބްލެޓް ގަނެވޭނީ ހަމަ އެކަނި މުއްސަނދި ވިޔަފާރި ކުންފުނިތަކަށް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މިދިޔަ އަހަރު މޭ މަހު ސޮނީ އިން ވަނީ ލަންބާ ލެވޭގޮތަށް، ނުވަތަ ފްލެކްސިބަލް ކޮށް ހަދާފައިވާ އީ-އިންކް ޓެބްލެޓް އެއް ދައްކާލާފައެވެ. އަދި އެފަދަ ޓެބްލެޓް އެއް ނެރުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގެ އިޝާރާތެއްވެސްއެ ކުންފުނިން ވަނީ ކޮށްފައެވެ.