01 Apr 2014, 14:24
މާލޭގައި ޓެކްސީ ސްޓޭންޑްތައް ހަދާނެ ސަރަޙައްދުތައް ކަނޑައެޅުމާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މަޝްވަރާތަކުގައި ފުލުހުންގެ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓްގެ ވެރިންނާއި ޓްރާންސްޕޯޓް އޮތޯރިޓީގެ ބޭފުޅުންނާއި ސިޓީ ކައުންސިލްގެ ބޭފުޅުންގެ ބައިވެރިވެފައިވާ އިރު ޓެކްސީ ސްޓޭންޑްތައް ހަދާނެ ސަރަޙައްދުތައް ބަލައި އެ ސަރަޙައްދުތައް ސާވޭ ކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ވެސް ޓެކްސީތަކަށް ހާއްސަކޮށްގެން ކާނިވާ ތެރޭގައި ޕާކިން ޒޯނެއް ހެދުމާ ގުޅޭ ގޮތުން ވެސް ފުލުހުންނާއި ޓްރާންސްޕޯޓް އޮތޯރިޓީގެ ބޭފުޅުންނާއި ސިޓީ ކައުންސިލްގެ ހިމެނޭ ޓީމުން ވަނީ މަޝްވަރާކޮށްފަ އެވެ.
މާލޭގައި ޓެކްސީ ސްޓޭންޑްތަކެއް ހަދަން ނިންމާފައިވާ އިރު، ޓެކްސީގެ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. އެގޮތުން ޓެކްސީ ގަވާއިދުގައިވާ ގޮތަށް ޓެކްސީ ކުރާ އުޅަނދުގައި ދިއްލޭ ޓެކްސީ ބޯޑު ހަރުކުރަން އަންގާފައިވާ އިރު، ކޮންމެ ޓެކްސީއެއްގެ ބޭރުގައި ޓެކްސީ ސެންޓަރުގެ ނަމާއި ގުޅޭނެ ނަންބަރު ފެންނަ ގޮތަށް ހުންނަންވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.