01 Apr 2014, 14:19
މަރުވެފައި އޮއްވައި މިއަދު ހެންވޭރު ގެެއެއްގެ ތެރެއިން ފެނުނީ ހިންމަފުށީގައި ހުންނަ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުން ފަރުވާ ފުރިހަމަ ކުރުމަށް ފަހު އިއްްޔެ ދޫކޮށްލި ކްލައިންޓެއް ކަމަށް އާއިލާ އިން ބުނެފި އެވެ.
ހ. އަންނާރުމާގޭގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮއްވައި މިއަދު ހެނދުނު ފެނުނު ކުޅުދުއްފުށީ އާހަމަ، މުހައްމަދު ރަޝީދު، 24، އަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށް ޝާބިތުވެގެން، ހަ އަހަރުގެ ޖަލު ހުކުމެއްކޮށްފައިވާ މީހެކެވެ. އޭނާ އަށް ރިހެބް ފުރުސަތުދީފައި ވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހުގަ އެވެ.
މުހައްމަދުގެ ބައްޕަ ފަރާތުގެ ބޮޑު ބޭބެ އަބޫބަކުރު ޖައުހަރީ މިއަދު ސަން އަށް ވިދާޅުވީ ކޮއްކޮ މަރުވާން ދިމާވި ސަަބަބު އަދި ނޭނގޭ ކަމަށާއި އޭނާ ރިހެބުން ދޫކޮށްލިކަން އާއިލާ އަށް އަންގާފައި ނުވާ ކަމަށެވެ. އަދި ބުނީ އާއިލާ އަށް އޭނާ ދޫކޮށްލިކަން އެނގުނީ އޭނާގެ ފަރާތުން ކަމަށާއި މުޖުތަމައަށް ދޫކޮށްލި ނަމަވެސް މާލޭގައި އުޅެވޭނެ ގޮތް ނެތުމުން މިއަދު ކޮމިއުނިޓީ ސެންޓަރަށް ގޮސް، އެކަން އޮތް ގޮތް އޮޅުން ފިލުވުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ޖައުހަރީ ބުނީ ކޮއްކޮ މަރުވެފައިވާ ކަން އެނގުނީ ކޮއްކޮގެ ބައްޕަ މިއަދު އޭނާ އަށް ގުޅަން މަސައްކަތް ކޮށްގެން ނުގުޅުމުން، ޖައުހަރީ އަށް ގުޅައި މުހައްމަދު ކޮބައިތޯ ބަލައިދިނުމަށް އެދުމުން އެ ގެއަށް ދިއުމުން ކަމަށެވެ.
"ކޮއްކޮ އިއްޔެ ދޫކޮށްލުމުން ކޮމިއުނިޓީ ސެންޓަރުން ވަކި ގޮތަކަށް ހަމަޖެހެންދެން އޭނާ ހުރީ ހ. އަންނާރުމާގޭގައި އުޅޭ އޭނާގެ ރައްޓެއްސެއްގެ ކައިރީގައި. އަޅުގަނޑު އެގެ އަށް ދިޔަ އިރު މުހައްމަދު ރައްޓެހި ކުއްޖާ ވެސް ހުރި. އޭނާ ބުނި އޭނާ ހޭލި އިރު ވެސް ކޮއްކޮ އޮތީ ނިދާފައޭ. ދެން އަޅުގަނޑުމެން ގޮސް ބެލި އިރު އޮތީ މަރުވެފައި،" ޖައުހަރީ ބުންޏެވެ.
ޖައުހަރީ ބުނީ މިއަދު މިއީ މުހައްމަދުގެ ބައްޕަގެ އެދުމުގެ މަތިން ކޮއްކޮ ރަށަށް ގެންދިއުމުގެ ކަންތައްތައް ހަމަޖެއްސުމަށް ކޮމިއުނިޓީ ސެންޓަރަށް ދިއުމަށް ހަމަޖައްސާފައި އޮތް ދުވަސް ކަމަށެވެ. މުހައްމަދު ބުނީ ރާއްޖެތެރޭގެ ކުއްޖަކު މާލޭގައި އުޅޭނެ ތަނެއް ވެސް ނެތް އިރު އާއިލާ އަށް ނޭނގި އެގޮތަށް ދޫކޮށްލުމުން އެކަމާ ވަރަށް ހިތާމަކުރާ ކަމަށެވެ.
ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ސީއީއޯ އަހުމަދު މުނީރު މިއަދު ވިދާޅުވީ މުހައްމަދު ރަޝާދު ރިހެބުން ދޫކޮށްލީ އެތަނުން ދޭން ޖެހޭ ފަރުވާދިނުމަށް ފަހު ކަމަށާއި ކޮމިއުނިޓީގައި ދޭންޖެހޭ ފަރުވާ ދިނުމަށް ކަމަށެވެ. އަދި އޭނާ މާލެ އަށް ގެނައުމުގެ އެއް ދުވަސް ކުރިން އެކަން އާއިލާ އަށް އަންގާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ކޮމިއުނިޓީ އަށް ދޫކޮށްލި ނަމަވެސް މިއަދު އާއިލާގެ މެމްބަރަކު ގޮވައިގެން އެތަނަށް ދިއުމަށް އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރިހެބް ފަރުވާ މަޖުބޫރުން ދޭ އެއްޗެއް ނޫން. ފަރުވާ މިދެވެނީ އެކަމުން ސަލާމަތްވެ އަމިއްލަ އަށް ރަނގަޅުވާން ހެޔޮ ހިތުން އެކަން ގަބޫލް ކުރާ މީހުންނަށް. މިކޮޅަށް ގެނައުމުގެ އެއް ދުވަސް ކުރިން އޭނާގެ އާއިލާއަށް ވާނީ އަންގާފައި ވާނީ." މުނީރު ވިދާޅުވި އެވެ.
މުނީރު ވިދާޅުވީ ކޮމިނިޓީ ފަރުވާއަކީ ބައެއް ކަހަލަ ކްލާސްތައް ނަގަންޖެހޭ ޕްރޮސެސްއަކަށްވާ އިރު އެ ޕްރޮސެސްތައް ނިމެންދެން އެމީހުން ތިބެންޖެހޭނީ މާލޭގައި ކަމަށެވެ. އަދި ފަރުވާ ބޭނުންވާ ފަރާތްތަކަށް މާލޭގައި އުޅޭނެ ގޮތެއް ނެތް ކަމަށް ބުނުމަކީ ގަބޫލްކުރެވޭ އުޒުރެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިފަދަ ކަންތައް ދިމާވުމުން އެކަމުގެ އިލްޒާމް އެންޑީއޭގެ ބޮލުގައި އެޅުމުގެ ބަދަލުގައި އާއިލާގެ ވެސް ޒިންމާއެއް ވާކަން ހަނދާން ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޮމިޓީ އަށް ފިޓް ނޫނެކޭ ނުބުނެވޭނެ. އެ އޮންނަ ޕްރޮސެސްތައް ނިމުނީމާ ކޮމިއުނިޓީ އަށް ބަދަލުކުރަނީ. މާލޭގައި އެމީހުންނަށް މަސްތުވާތަކެތި ބޭނުން ކުރުމަށް އުޅެވޭ އިރު އެކަމުން ސަލާމަތްވާން ފުރިހަމަ ކުރަން ޖެހޭ ކަންތަކުގައި ބައިވެރިވާން އުޅޭނެ ގޮތެއް ނެތޭ ބުނީމާ ބަލައެއް ނުގަނެވޭ. އާއިލާ އިން ވެސް އެބަޖެހޭ އެމީހުން އުޅޭ ނޫޅޭ ގޮތް ބަލަން." މުނީރު ވިދާޅުވި އެވެ.