އަށް އަހަރު ދުވަހުގެ މަސައްތުން ރައްޔިތުންގެ މަޖިލީހުން ދިރާސާ ކުރި ގާނޫނުލް އުގޫބާތުގެ ބިލް، މިއަދު މަޖިލީހުން ފާސްކޮށްފި އެވެ.

އެ ބިލް މަޖިލީހުގެ ކޮމެޓީން ނިންމުމަށް ފަހު މަޖިލީހުގެ ތަޅުމަށް މިދިޔަ ޑިސެމްބަރު މަހު ފޮނުވި އިރު އޭރު މަޖިލީހުގެ ތަޅުމުން ވަނީ އެ ބިލް އަނބުރާ ކޮމެޓީ އަށް ފޮނުވާލާފަ އެވެ.

ކޮމެޓީން އަލުން ދިރާސާ ކުރުމަށް ފަހު މަޖިލީހަށް ފޮނުވުމުން މިއަދު އެ ބިލް މަޖިލީހުން ފާސްކުރީ 48 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. އެ ބިލް ފާސްކުރުމަށް އެއް މެންބަރަކު ދެކޮޅު ހައްދަވާފައިވާ އިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވާ ތިން މެންބަރުން ތިއްބެވި އެވެ.

މަޖިލީން ފާސްކުރުމަށް ނުފެންނަ ކަމަށް މިދިޔަ ޑިސެމްބަރު މަހު ނިންމުން އަލުން އެ ބިލް ކޮމެޓީ އަށް ފޮނުވާލި އިރު ހުށަހަޅާފައި ވަނީ އެންމެ އިސްލާހެކެވެ.

ގާނޫނުލް އުގޫބާތުގެ ބިލުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުން އެ ބިލް ފާސްކޮށް ރައީސުލްޖުމްހޫރީއްޔާ ތަސްދީގުކޮށް ގާނޫނަކަށްވާތާ ހަ މަސް ދުވަހުގެ ތެރޭގައި އެ ގާނޫނަށް އަމަލުކުރަން ފަށަން ޖެހޭނެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ގާނޫނުލް އުގޫބާތު ކޮމެޓީން މިއަދު ދިރާސާކޮށް ނިންމާލި ގާނޫނުލް އުގޫބާތުގެ ބިލްގައި 1204 މާއްދާ ހިމެނެ އެވެ.

ދިރާސާކޮށް ނިންމި އައު ޕީނަލް ކޯޑުގައި ހިމެނޭ ބައެއް ބައިތަކާއި މިހާރު އަމަލުކުރާ ޕީނަލް ކޯޑާ ހިލާފަށް އައު ބިލްގައި އެކި ބާވަތުގެ ކުއްތައް ކެޓަގަރީކޮށް ގިންތި ކޮށްފައިވެ އެވެ. އަދި އަދަބު ދޭނޭ ތާވަލްތައް ވެސް ހިމަނާފައިވެ އެވެ. އަދި އަރުވާލުމުގެ އަދަބު އެއްގޮތަކަށް ވެސް އަލަށް ދިރާސާކޮށް ނިންމާލި ގާނޫނުލް އުގޫބާތުގައި ހިމަނަފަ އެއްނުވެ އެވެ.

ރާއްޖޭގައި މިހާރު އަމަލު ކުރަނީ 1961 ވަނަ އަހަރު އެކުލަވާލީ ގާނޫނުލް އުގޫބާތަކަށެވެ.