ބިދޭސީން ރިޓަޔަމަންޓް ޕެންޝަން ސްކީމުގައި ބައިވެރިކުރުން ހުޅުވާލި ފުރުސަތުގައި މިހާތަނަށް ރަޖިސްޓްރީކޮށްފައި ވަނީ 3854 ބިދޭސީ އިން ކަމަށް ޕެންޝަން އޮފީހުން ބުނެފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ޕެންޝަން އޮފީހުގެ ޑިރެކްޓަރު އިސްމާއީލު ޝުޖާއު ވިދާޅުވީ 3854 ބިދޭސީއިން މިހާތަނަށް ރަޖިސްޓްރީކޮށްފައިވާ އިރު އެކަމަށް ލިބެމުންދާ ތަރުހީބް އަދި ކުޑަ ކަމަށެވެ.

ބިދޭސީން ރިޓަޔަމަންޓް ޕެންޝަން ސްކީމުގައި ބައިވެރިކުރުން އަންނަ މެއި މަހުގެ 15 އަށް ވަނީ މިހާރު ފަސްކޮށްފަ އެވެ. ކުރިން އެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ ނިޔަލަށެވެ.

ބިދޭސީން ޕެންޝަންގައި ބައިވެރިކުރުމާއި ފައިސާ ދައްކަން ފެށުން އަންނަ މެއި މަހުގެ 15 ވަނަ ދުވަހަށް ފަސްކޮށްފައި ވަނީ އެ މަސައްކަތް ކުރުމަށް ވަޒީފާދޭ ފަރާތްތަކަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ސުޖާއު ވިދާޅުވީ ބިދޭސީން ޕެންޝަން ސުކީމްގައި ބައިވެރިކުރުމަކީ އިޚްތިޔާރީ ކަމަކަށް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައި ވާތީ އެއީ ވެސް އެ ނިންމުން ނިންމަންޖެހުނު ސަބަބުތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

ބިދޭސީން ޕެންޝަން ސުކީމްގައި ބައިވެރިކުރުން އިޚްތިޔާރީ ކަމަކަށް ހެދުމަށް ޓަކައި ޕެންޝަނާ ބެހޭ ގާނޫނު އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރެވެ.