01 Apr 2014, 13:13
އެކައުންޓިންގެ ރޮނގުން މުޅި ދުނިޔެ ގަބޫލުކުރާ، ކޯސްތައް ހިންގަމުންދާ އެސޯސިއޭޝަން އޮފް ސެޓިފައިޑް ޗާޓާޑް އެކައުންޓަންޓްސް (އޭސީސީއޭ)ގެ ގޯލްޑް އެޕްރޫވަލް ވިލާ ކޮލެޖަށް މި އަހަރު ވެސް ލިބިއްޖެ އެވެ.
އޭސީސީއޭގެ ކޯސްތައް ހިންގާ ތަންތަނުން އެ ތަނުގެ ކޯސްތައް ހިންގާ ފެންވަރަށް ބެލުމަށް ފަހު ކޮންމެ އަހަރަކު ދެމުން އަންނަ ގޯލްޑް އެޕްރޫވަލް ވިލާ ކޮލެޖަށް މި އަހަރު ލިބިފައިވާ އިރު، ވިލާ ކޮލެޖަށްވަނީ އެވޯޑް އެޕްރޫވަލް މިދިޔަ އަހަރު ވެސް ލިބިފަ އެވެ.
ވިލާ ކޮލެޖްގެ ޑައިރެކްޓާ ޑިވެލޮޕްމެންޓް އެންޑް އެންޓަ ޕްރައިސް މުހައްމަދު އަޒީމް ހާރޫން މިއަދު ސަން އަށް ވިދާޅުވީ، ވިލާ ކޮލެޖުން އަބަދުވެސް މަސައްކަތް ކުރަނީ ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށް ކަމަށާއި އެގޮތުން އޭސީސީއޭގެ ގޯލްޑް އެވޯޑް ލިބުމަކީ ވިލާ ކޮލެޖަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ.
"ގޯލްޑް ސްޓޭޓަސް ލިބުމުން އަޅުނގަޑުމެންނަށް ލިބެނީ އިތުރު ކޮންފިޑެންސެއް. ހަގީގަތުގައި އަޅުނގަޑުމެންގެ މި އޮޕަރޭޝަންއަކީ މިހާރު ދުނިޔޭގެ އެންމެ ބޮޑެތި އަދި އެންމެ ސްޓްރިކްޓް ޖަމާއަތްތަކުން ވެސް ގަބޫލުކުރާ އޮޕަރޭޝަންތަކާ އެއް ފެންވަރެއްގައޭ އަޅުނގަޑުމެންގެ އޮޕަރޭޝަން މި ގެންދެވެނީ. އަދި މިއީ ވިލާ ކޮލެޖަށް ވެސް ރާއްޖެއަށް ވެސް ލިބޭ ވަރަށް ބޮޑު ފަހުރެއް،" އަޒީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެއަށް ޓެކްސް ގާނޫނާއި އެއްޗެހި ތައާރަފް ވުމުގެ ސަބަބުން ހުރިހާ މުއައްސަސާއަކަށް ވެސް އޭސީސީއޭގެ ފެންވަރު ހުރި މީހުން ބޭނުންވާ ކަމަށާއި އެގޮތުން އޭސީސީއޭ ކިޔަވާ ކުދިންގެ މިންވަރު މިހާރު ވަރަށް ބޮޑަށް އިތުރު ވެފައިވާ ކަމަށެވެ.
އަޒީމް ވިދާޅުވީ އޭސީސީއޭގެ ކޯސްތައް ވިލާ ކޮލެޖުގައި 2008 ވަނަ އަހަރުން ކިޔަވައިދޭން ފެށިއިރު، މިހާތަނަށް އެ ކޯސް ފުރިހަމަ ކޮށްގެން ގާތްގަނޑަކަށް 150 އަށްވުރެ ގިނަ ކުދިން އެކި ލެވެލްތަކުން ސެޓްފިކެޓް ހާސިލްކޮށްފައިވާ ކަމަށެވެ. އަދި އޭސީސީއޭގެ އެންމެ މަތީ ލެވެލްގެ ސެޓްފިކެޓް ވިލާ ކޮލެޖުގައި 2012 ވަނަ އަހަރުން ފެށިގެން ކިޔަވައިދެމުންދާއިރު، މިހާތަނަށް އެ ސެޓްފިކެޓް 20 ފަރާތަކުން ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭސީސީއޭ އިން ކިޔަވައިދޭ ތިން ލެވެލް ވެސް ހަމައެކަނި ރާއްޖޭގައި ކިޔަވައިދޭ ކޮލެޖަކީ ވިލާ ކޮލެޖަށްވާއިރު، އެ ކޮލެޖުގައި މިހާރުވެސް 300 އަށްވުރެ ގިނަ ކުދިން އޭސީސީއޭގެ އެކި ލެވެލްތަކުގެ ސެޓްފިކެޓްތައް ކިޔަވަމުންދާ ކަމަށާއި އަދި އެންމެ މަތީ ސެޓްފިކެޓަށް 25 ކުދިން ކިޔަވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭސީސީއޭގެ ކޯސްތައް ދުނިޔޭގެ 170 ގައުމެއްގައި 432000 އަށް ވުރެ ގިނަ ކުދިން ކިޔަވަމުންދާ އިރު، ރާއްޖޭގެ ވެސް ގިނަ ކޮލެޖް ޔުނިވާސިޓީތަކެއްގައި އޭސީސީއޭގެ ކޯސްތައް ކިޔަވައިދެމުންދެ އެވެ.