01 Apr 2014, 13:04
އިޓަލީ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ސެސާރޭ ޕްރަންޑެލީ އެޓީމަށް ކޮށްދެމުންދާ މަސައްކަތްތަކަށް އަލިއަޅުވައިލައި، އޭނާ އަށް ފުރިހަމަ އިތުރުބާރު އޮތް ކަމުގައި އިޓަލީ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ޖިއާންކާލޯ އަބެޓޭ ބުނެފި އެވެ.
ޕްރަންޑެލީ ވަނީ ގައުމީ ޓީމާ އެކު ކުރިން ހަދާފައިވާ ކޮންޓްރެކްޓް މިދިޔަ ހަފްތާގައި އާކޮށްފަ އެވެ. ފަހުން ހެދި ކޮންޓްރެކްޓާއެކު 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ނިމެންދެން އެ ޓީމުގެ ކޯޗުކަމުގައި ދެމިހުންނާނެ އެވެ.
"ޕްރަންޑެލީގެ ކޮންޓްރެކްޓް އާކުރެވުނީ ކުރިމަގަށް އޮތް ސިގްނަލެއް ކަމަށް،" އަބެޓޭ ބުންޏެވެ. "ޕްރަންޑެލީއާ އޭނާގެ މުވައްޒަފުންނާއި މެދު ފުރިހަމަ އިތުބާރު އެބައޮތް. ގައުމީ ޓީމަށް އޭނާ ކޮށްދިން މަސައްކަތްތައް އެނގޭ. އެގޮތުން ޔޫރޯ 2012 ގެ ދެވަނަ އާއި ކޮންފެޑަރޭޝަންސް ކަޕްގެ ތިންވަނަ ހޯދައިދިނުމަށް ކޮށްދިން މަސައްކަތް ފާހަގަކުރަން." އަބެޓޭ ބުންޏެވެ.
ކުރިއަށް އޮތް ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ ވޯލްޑް ކަޕް 2014 ގައި އިޓަލީ އޮތީ އުރުގުއޭ އާއި އިންގްލެންޑް އަދި ކޮސްޓަ ރިކާއާ އެކު ގްރޫޕް ޑީގަ އެވެ.