01 Apr 2014, 12:59
އޭއެފްސީ ކަޕްގައި މާދަމާ ހަވީރު ރާއްޖޭގެ ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް އިންޑޮނޭޝިއާގެ ޕެރްސިޕޫރާ ޖަޔަޕޫރާ ނިކުންނަ މެޗުގައި ޓީމަށް ސަޕޯޓް ކޮށްދިނުމަށް، ދަނޑަށް ވަދެ، ދަނޑު ފުރާލުން މުހިންމު ކަމަށް ނިއުގެ ކޯޗް ސައިމަން ބުނެފިއެވެ.
ނިއުގެ ރަސްމީ ވެބްސައިޓަށް ދީފައިވާ އިންޓަވިއުއެއްގައި ސައިމަން ބުނެފައި ވަނީ، މާދަމާ އަމިއްލަ ދަނޑުގައި ނިއު ކުޅޭ މެޗަކީ ވަރުގަދަ އެހާމެ މުހިންމު މެޗެއް ކަމަށާއި އިދިކޮޅުޓީމުން ޖެހިލުންވާވަރަށް ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވަދެ، ސަޕޯޓް ދިނުން ވަރަށް މުހިން މު ކަމަށެވެ.
މާދަމާ ހަވީރު 4:00 ގައި ޕެރްސިޕޫރާ ޖަޔަޕޫރާ ދެކޮޅަށް ނިކުންނަ އިރު ކޯޗް ސައިމަން ބުނީ، އިދިކޮޅު ޓީމަކީ ވެސް ވަރަުގަދަ ޓީމެއް ކަމަށާއި އެހެން ނަމަވެސް ނިއުގައި ތިބި ކުޅުންތެރިން ނަކީ ހިތް ވަރު އެލުވާލާނެ ކުޅުންތެރިންނެއް ނޫން ކަމަށެވެ. އަދި މާދަމާގެ މެޗަށް ނިކުންނާނީ މޮޅު ވުމުގެ އުންމީދުގައި ކަމަށް ވެސް ސައިމަން ނިއުގެ ވެބްސައިޓަށް ދީފައިވާ އިންޓަ ވިއުގައި ބުނެފައި ވެއެވެ.
ސައިމަން ބުނީ، ނިއުގެ ހެޑް ކޯޗް ކަމާ ހަވާލުވި މަދު ދުވަސް ކޮޅުގެ ތެރޭގައި މުޅި ޓީމް ކުޅުމުގެ ގޮތްގަނޑު ބަދަލު ނުކުރެވޭނެ ކަމަށާއި މިމެޗަށް ވެސް ޓީމް ނިކުންނާއި ޓީމުގެ އަސްލު ކުޅުން ކުޅުމަށް ކަމަށެވެ.
އެއްވެސް ކޯޗަކަށް 10 ދުވަހުގެ ތެރޭގައި މުޅި ޓީމުގެ ކުޅުމުގެ އަސްލު ގޮތްގަނޑު ބަދަލެއް ނުކުރެވޭނެ. މާދަމާގެ މެޗުގައި ނިއު ނިކުންނާއި އެޓީމުގެ އަސްލު ކުޅުން ދައްކަން." ކޯޗް ސައިމަން ބުންޏެވެ.
ނިއުގެ ކޯޗު ސައިމަން އެންމެ ފަހު ކޯޗުކޮށްދިނީ އިންޑިނޭޝިއާގެ ޕާސިވާ ބަންޓުލް އަށެވެ. މިދިޔަ އަހަރު ޕާސިވާ އަށް ކޯޗުކޮށްދިނުމުގެ ކުރިން އިންޑޮނޭޝިއާގެ މިތުރާ ކުކާރް ފުޓްބޯޅަ ކްލަބަށާއި ވިއެޓްނާމްގެ ޑޮންގް ޓަން ލޯންގް އޭން ފުޓްބޯޅަ ކްލަބުގެ އިތުރުން ފިލިޕީންސް ގައުމީ ޓީމުގެ ކޯޗުކަން ވެސް ކޮށްފައިވެ އެވެ.