01 Apr 2014, 12:20
ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމް ކޮށްގެން ބާއްވާ 12 ވަނަ އިންޓަ ސުކޫލް ސޮނީ ސްޕޯޓްސް ފެތުމުގެ މުބާރާތް އިއްޔެ ފަށައިފި އެވެ.
ސްވިމިން އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާއީލް އަލީ ވިދާޅުވީ، މާލޭ ޓްރެކް ސަރަހައްދުގައި އިއްޔެ މެންދުރު ފެށި އިންޓަ ސުކޫލް ފެތުމުގެ މުބާރާތުގައި ޖުމްލަ 12 ސުކޫލަކުން 67 ޓީމް ވާދަކުރާ ކަމަށާއި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހަތަރު އުމުރު ފުރައަކަށް ބަހާލައިގެން ކަމަށެވެ. އަދި މުބާރާތުގެ އުމުރު ފުރާތައް ބަހާލައިފައި ވަނީ، 10 އަހަރުން ދަށާއި 12 އަހަރުން ދަށާއި 14 އަހަރުން ދަށް، އަދި 16 އަހަރުން ދަށުގެ އުމުރު ފުރާތަކަށް ކަމަށް ވެސް އިސްމާއީލް ވިދާޅުވިއެވެ.
މުބާރާތުގައި ބައިވެރިވެފައިވާ ސްކޫލްތަކަކީ، އަމީނިއްޔާ ސްކޫލް، މަޖީދިއްޔާ ސްކޫލް، ދަރުމަވަންތަ ސްކޫލް، ޖަމާލުއްދީން ސްކޫލް، ހިރިޔާ ސްކޫލް، ކަލާފާން ސްކޫލް، އިސްކަންދަރު ސްކޫލް، ތާޖުއްދީން ސްކޫލް، ގިޔާސުއްދީން ސްކޫލް، ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލް، އިމާދުއްދީން ސްކޫލް، ގާޒީ ސްކޫލް އަދި ގާޒީ ސްކޫލެވެ.
އިސްމާއީލް އަލީ ވިދާޅުވީ އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް މާލޭ ފަތާ ޓްރެކް ސަރަހައްދުގައި ބާއްވާ މިމުބާރާތުގައި އަންހެން ފިރިހެން އެއްކޮށް ޖުމްލަ 340 ފެތުން ތެރިން ވާދަކުރާ ކަމަށެވެ. އެއީ އަންހެން 144 ފެތުން ތެރިއަކާއި ފިރިހެން 196 ފެތުންތެރިއެކެވެ.
މުބާރާތުގެ އިވެންޓްތަކުގެ ތެރޭގައި ހިމެނެނީ، 25 މީޓަރު ފްރީ ސްޓައިލް، 50 މީޓަރު ފްރީ ސްޓައިލް، 100 މީޓަރު ފްރީ ސްޓައިލް، 100 މީތަރު ބެކްސްޓޯކް، 25 މީޓަރު ބްރެސްޓް ސްޓޯކް، 50 މީޓަރު ބްރެސްޓް ސްޓޯކް، 100 މީޓަރު ބްރެސްޓް ސްޓޯކް، 25 މީޓަރު ބަޓަފްލައި، 50 މީޓަރު ބަޓަފްލައި، 100 މީޓަރު ބަޓަފްލައި، 100 މީޓަރު އިންޑިވިޑުއަލް، 200 މީޓަރު އިންޑިވިޑުއަލް، 100 މީޓަރު ފްރީސްޓައިލް ރިލޭ، 200 މީޓަރު ފްރީސްޓައިލް ރިލޭ، 400 މީޓަރު ފްރީސްޓައިލް ރިލޭ، 125 މީޓަރުގެ މެޑްލޭ ރިލޭ އަދި 200 މީޓަރު މީޓަރުގެ މެޑްލޭ ރިލޭ އެވެ.