23 Dec 2010, 11:58
އެމެރިކާ، އިޤްތިސާދީ ބަނގުރޫޓް ވުމެއްގެ ތުންފަތްމަތީގައި
އެމެރިކާގެ އިޤްތިސާދު ހީނަރުވަމުންދާ މައްސަލައާއި އެމެރިކާގެ ކުންފުނިތަކާއި ބޭންކްތަކާއި މާލީ މުއައްސަސާތައް ބަނގުރޫޓްވަމުންދާ ކަމުގެ ޚަބަރުތަކަކީ މިފަހަކަށް އައިސް ވަރަށް ގިނައިން އިވެމުންދާ ޚަބަރުތަކެކެވެ. އެމެރިކާއަކީ ދުނިޔޭގެ އެންމެ ވަރުގަދަ އަދި ދުނިޔޭގެ އެންމެ ބޮޑު އިޤްތިސާދެވެ. އެމެރިކާގެ ޤައުމީ އާމްދަނީގެ މިންވަރު އަހަރަކު ގާތްގަނޑަކަށް 14 ޓްރިލިޔަން ޑޮލަރަށް އަރައެވެ. އެމެރިކާއާ އެންމެ ބޮޑަށް ވާދަކުރާ ދުނިޔޭގެ ދެވަނަ އިޤްތިސާދު ކަމަށްވާ ޗައިނާގެ އިޤްތިސާދުގެ މިންވަރަކީ ގާތްގަނޑަކަށް 3.5 ޓްރިލިޔަން ޑޮލަރެވެ. ސުވާލަކީ އެމެރިކާއަށް ރިސެޝަން ނުވަތަ އިޤްތިސާދީ ހީނަރުކަން އައިސްގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ މިސުވާލުގެ ޖަވާބުގައި އިޤްތިސާދީ ތަޖްރިބާކާރުން ވިދާޅުވަނީ އެމެރިކާގެ މައްސަލައަކީ ލިބޭއެއްޗަކަށްވުރެ ޚަރަދު ބޮޑުވުމެވެ. ލިބޭއެއްޗަކަށްވުރެ ޚަރަދު ބޮޑުނަމަ އެކަން އެގޮތުގައި ދިގުމުއްދަތަކަށް ދެމެހެއްޓޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ.
އެމެރިކާގެ މައްސަލައަކީ ޚަރަދުތައް އިންތިހާއަށް ބޮޑުވެގެން ދިޔުމުގެ މައްސަލައެވެ. އެމެރިކާއަކީ އުފެއްދުންތެރި ޤައުމެކެވެ. އާމްދަނީ ލިބޭ ޤައުމެކެވެ. ނަމަވެސް އެމެރިކާގެ ޚަރަދުތައް މިއަށްވުރެ ބޮޑެވެ. އެމެރިކާއިން ހަނގުރާމަތަކާއި ޤައުމުތަކަށް ދޭ އެހީތަކާއި ޖާސޫސުކުރުމަށާއި ދުނިޔެއަށް ހަންފެތުރުމަށް ކުރާ ޚަރަދުތަކާއި ދިރިއުޅުމުގެ ޚަރަދުތައްވެސް އިންތިހާއަށް ބޮޑެވެ. ޚަރަދު ބޮޑުވުމުގެ މާނައަކީ ލިބޭއެއްޗަކަށްވުރެ ޚަރަދު ބޮޑުވުމެވެ. އެމެރިކާގައި ދާދިފަހުން ޝާއިޢުކުރެވުނު ރިޕޯޓެއް ބުނާގޮތުން އެމެރިކާއަކީ ދުނިޔޭގައި އިޤްތިސާދީ އިސްރާފްވެސް އެންމެ ބޮޑު އެއް ޤައުމެވެ. އެމެރިކާގެ ސަރުކާރާއި ރައްޔިތުންގެ ފެންވަރުގައިވެސް އަހަރަކު އެތަށް ބިލިޔަން ޑޮލަރެއްގެ ފައިސާ އިސްރާފު ކުރަމުން ގެންދެއެވެ. އެމެރިކާގެ ލިޔުންތެރިއެއް ކަމަށްވާ ސްޓީވާން ލެއިހީ އެމެރިކާގެ އިސްރާފުގެ ދުނިޔެއަށް އަލިއަޅުވާލައްވަމުން ލިޔުއްވާފައިވާގޮތުގައި އެމެރިކާ ރައްޔިތުން ބޭނުންކުރާ ކާބޯތަކެތީގެ ތިރީސް އިންސައްތަ ދަނީ ކުނިގޮނޑަށެވެ. އެމެރިކާގެ ރައްޔިތުން ކެއިންބުއިމަށް އަހަރަކު އެވްރެޖްކޮށް ސަތޭކަ ފަސްދޮޅަސް ބިލިޔަން ޑޮލަރު ޚަރަދު ކުރެއެވެ. މީގެތެރެއިން ގާތްގަނޑަކަށް ފަންސާ ބިލިޔަން ޑޮލަރުގެ ކާބޯތަކެތި ދަނީ އިސްރާފްގެ ގޮތުގައި ކުނިގޮނޑަށެވެ. އެމެރިކާއަކީ ދުނިޔޭގެ އެންމެ މުއްސަނދި އެއްޤައުމު ކަމަށްވިޔަސް އެމެރިކާ ސަރުކާރަށް ލިބޭއެއްޗަކަށްވުރެ އެމެރިކާގެ ޚަރަދުތައް ބޮޑެވެ. އެމެރިކާގެ ބަޖެޓް ޑެފިސިޓް ބޮޑުވެ ދަރަނި ބޮޑުވަނީ މިހެންވެއެވެ.
އެމެރިކާ ސަރުކާރަށް އާމްދަނީ ލިބޭ މައިގަނޑު ސޯސްއަކީ ކުންފުނިތަކުންނާއި ރައްޔިތުންގެ އަތުން ނަގާ ޓެކްސް އެވެ. ނަމަވެސް ލިބޭ ޓެކްސްއާ އެއްވަރަށް ނޫނީ އެއަށްވުރެ އިތުރަށް އެމެރިކާ ޚަރަދު ކުރެއެވެ. މިސާލެއްގެ ގޮތުން ބަލާނަމަ އެމެރިކާގެ ތެލުގެ ކުންފުނިތަކުން ޓެކްސް ގެ ގޮތުގައި އަހަރަކު ސާޅީހަކަށް ބިލިޔަން ޑޮލަރު އެމެރިކާގެ މަރުކަޒީ ސަރުކާރަށް ވަންނައިރު މަރުކަޒީ ސަރުކާރުން މިކުންފުނިތަކަށް ސާޅީސް ބިލޔަން ޑޮލަރަށްވުރެ ބޮޑު އެއްޗެއް ސަބްސިޑީގެ ގޮތުގައި ނޫނީ އެކިއެކި އެހީގެ ގޮތުގައި ދެއެވެ. މިއީ މިކުންފުނިތަކުން ޓެކްސްގެ ގޮތުގައި މައި ސަރުކާރަށް ދައްކާ އެއްޗަކަށްވުރެ ބޮޑު އެއްޗެކެވެ. އެެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔު ބުޝްގެ ދެވަނަ ދައުރުގައި ހަކަތައިގެ ސިޔާސަތާބެހޭ ޤާނޫނެއް ކޮންގްރެސްއިން ފާސްކުރިއެވެ. މިޤާނޫނު ބުނާގޮތުން އެމެރިކާގެ ހަކަތައިގެ ކުންފުނިތަކަށް ފަސްއަހަރުތެރޭގައި 32.5 ބިލިޔަން ޑޮލަރު (އެކި ސިފަސިފާގައި) އެހީގެ ގޮތުގައި ދެވިދާނެއެވެ. އެމެރިކާގެ މައިސަރުކާރުން ޚާއްސަ އިމްތިޔާޒުތަކުގެ ގޮތުގައި 1996 އާއި 2000 ވަނަ އަހަރާ ދެމެދު 40 ކުންފުންޏަކަށް އަހަރަކު އެއް ބިލިޔަން ޑޮލަރުގެ މަގުން މާލީ އިމްތިޔާޒްތައް ދީފައިވެއެވެ. މީގެއިތުރުންވެސް އެމެރިކާގެ ހަކަތައިގެ ދާއިރާއަށް ސަބްސިޑީ ދިނުމުގެ ގޮތުންނާއި އެމެރިކާގެ އެއަރލައިންތައް ބަނގުރޫޓްވުމުން ސަލަމާތް ކުރުމަށްޓަކައި ބުޝްގެ ވެރިކަމުގައި ފަންސާސް ބިލިޔަން ޑޮލަރު ލޯން ގެރެންޓީގެ ގޮތުގައާއި ޓެކްސް ކުޑަކުރުންފަދަ ކަންކަމުގެ ގޮތުގައި ދީފައިވެއެވެ. ދެންއޮތީ ހަނގުރާމަތަކަށާއި ތަޅާފޮޅުންތަކަށް އެމެރިކާ ސަރުކާރުން ކުރާ ޚަރަދެވެ. މިއީ ކޮޅުންލާވަރަށްވުރެ ބޮޑު ޚަރަދެކެވެ. ހަމައެކަނި ޢިރާޤު ހަނގުރާމައަށް ބެލިނަމަވެސް ޢިރާޤަށް އަރައިގަތުމަށާއި ޢިރާޤުގައި އެމެރިކާ ކުރިޔަށް ގެންދާ ހަނގުރާމައަށް ވޭތުވެދިޔަ ހަ އަހަރުތެރޭގައި 3000 ބިލިޔަން ޑޮަލަރު އަދި އަފްޣާން ހަނގުރާމައަށް 800 ބިލިޔަން ޑޮލަރު އެމެރިކާ ސަރުކާރުން ޚަރަދުކޮށްފައިވެއެވެ. މި ހުރިހާ ޚަރަދުތަކެއްގެ ސަބަބުން މިދަންނަވާ މައްސަލަތައް އެމެރިކާގެ ބަޖެޓަށް ކުރިމަތިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
1- ފެޑްރަލް ބަޖެޓްގެ ދަރަނި (ޑެފިސިޓް) އާދަޔާ ޚިލާފަށް ބޮޑުވެގެން ދިޔުން. މިހާރު އެމެރިކާގެބަޖެޓް ޑެފިސިޓްގެ މިންވަރު ވަނީ 13.5 ޓްރިލަން ޑޮަލަރަށް އަރާފައެވެ.
2- އެހެން ޤައުމުތަކާއެކު އެމެރިކާ ކުރާ ވިޔަފާރީގެ މިންވަރު ދަށަށް ދިޔުމާއި ލިބޭ ފައިދާ ކުޑަވުން.
3- އެމެރިކާގެ އުފެއްދުންތަކުގެ އަގުބޮޑުވުމާގުޅިގެން އެހެން ޤައުމު ތަކުގެ އުފެއްދުންތަކުގެ
ކުރިމަތީގައި ވާދަކުރުމުގެ ފުރްސަތު އެމެރިކާގެ އުފެއްދުންތަކަށް ކުޑަވުން.
4- އެމެރިކާގެ ބަޖެޓް ޑެފިސިޓާއެކު އެމެރިކާ ސަރުކާރުން އެމެރިކާގެ ކުންފުނިތަކަށް ދަރާފައިވާ ދަރަނީގެ މިންވަރު (އެމެރިކާގެ އެތެރޭގެ ދަރަނި) އިތުރުވަމުން ދިޔުން. ރިޕޯޓްތައް
ބުނާގޮތުން ދުވާލަކު 1.5 ބިލިޔަން ޑޮލަރުގެ ރޭޓުން އެމެރިކާ ސަރުކާރުގެ މިދަރަނި
ދަނީ އިތުރުވަމުންނެވެ.
5- އެމެރިކާގެ ބޭރުގެ ދަރަނީގެ މިންވަރު އިތުރުވަމުން ދިޔުން. އެމެރިކާގެ ބޭރުގެ ދަރަންޏަށް ބަލާއިރު ޓްރެޝަރީ ބޮންޑްގެ ގޮތުގައި އެމެރިކާ އެންމެ ބޮޑަށް ދަރާފައިވަނީ ޗައިނާއަށެވެ.
އެއީ 846.7 ބިލިޔަން ޑޮލަރަށެވެ. ދެވަނައަށް ޖަޕާނަށެވެ. އެއީ 803.6 ބިލިޔަން ޑޮލަރަށެވެ. ތިންވަނައަށް ތެޔޮ އެކްސްޕޯޓްކުރާ ޤައުމުތަށެވެ. އެއީ 223 ބިލިޔަން ޑޮލަރަށެވެ.
މިސަބަުތަކާ ގުޅިގެން އެމެރިކާގެ އިޤްތިސާދު މިހާރުވަނީ ވަރަށް ނާޒުކު ޙާލަތެއްގައެވެ. ދާދިފަހުން ގްރީސްއަށް ވީގޮތަށް އެމެރިކާގެ އިޤްތިސާދުވެސް ކުއްލިއަކަށް ވެއްޓި މުޅިއެމެރިކާ މާލީގޮތުން ބަނގުރޫޓް ވުމުގެ ބިރު ވަރަށް ބޮޑުކަމަށް މާލީ ދިރާސާތައްކުރައްވާ މުޙައްލިލުން ދެކެވަޑައިގަންނަވައެވެ.