މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ސްޕެއިންގެ ބާސެލޯނާ އަތުން ފްރާންސްގެ ޕެރިސް ސެއިންޓް ޖާމެން (ޕީއެސްޖީ) އަށް ލިބުނު ހިތި ރަހަ ފިލުވައިލުމަށް މިސީޒަނުގެ މުބާރާތުގައި އިތުރަށް ކުރިއަށް ދާން ޖެހޭ ކަމުގައި އެކްލަބުގެ މިޑްފީލްޑަރު ތިއާގޯ މޮޓާ ބުނެފި އެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ ކެޓީ ބާސާ އަތުން ގޯލުގެ ތަފާތުން ބަލިވެގެންނެވެ. މި ސީޒަނުގެ ގްރޫޕް ސްޓޭޖް އާއި ގަދަ ސޯޅައިގައި ބަޔާން ލެވަކޫސަންއާ ދެއްކި މޮޅު ކުޅުމަށް ފަހު، ޗެލްސީއާ ދެކޮޅަށް ނުކުންނަން އެ ޓީމު އޮތީ ފުރިހަމަ އަށް ތައްޔާރަށް ކަމުގައި މޮޓާ ގަބޫލު ކުރެ އެވެ.

"މުބާރާތަކުން ކަޓައިފިއްޔާ، އަނގަ ތެރޭގައި ލާނީ ހިތި ރަހަ. ބާސާ އަތުން ލިބުނީ އެ ހިތި ރަހަ. އަހަރެމެން މި ރަހަ ފިލުވައިލުމަށް ޗެމްޕިއަންސް ލީގުގައި އިތުރަށް ކުރިއަށް ދާން އެބަ ޖެހޭ. މިދިޔަ ސީޒަނުގައި ބާސާއާ ދެކޮޅަށް އަހަރެމެން މޮޅު ކުޅުމެއް ދެއްކިން، ނަމަވެސް އަހަރެމެން ކަޓައިގެން ދިޔައީ ޕެޑްރޯގެ ލަނޑުން. މިއަހަރު އަހަރެމެން އެއަށް ވުރެ ރަނގަޅު ކުޅުމެއް ދައްކާނަން. ޓީމަށް މިވަނީ ގިނަ ބަދަލުތަކެއް އައިސްފައި،" މޮޓާ ބުންޏެވެ.

ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ޗެލްސީއާ ދެކޮޅަށް ޕީއެސްޖީ ނުކުންނާނީ މާދަމާ ރޭ 11:45ގަ އެވެ. މި މެޗު ކުޅޭނީ ޕީއެސްޖީގެ ޕާކް ޑެސް ޕްރިންސެސްގަ އެވެ.