އެމެރިކާ އާއި ރާއްޖެ އާއި ދެމެދު ކުޅިވަރުގެ ރޮގުން އެކްސްޗޭންޖް ޕްރޮގްރާމްތަކެއް ރޭވުމުގެ އިތުރުން، އެމެރިކާގެ ކޯޗުން ރާއްޖެ އަށް ޒިޔާރަތްކޮށް ތަމްރީން ޕްރޮގްރާމްތަކެއް ހިންގުމުގެ އިންތިޒާމް ހަމަޖައްސަވައި ދެއްވިދާނެ ކަމަށް އެމެރިކާގެ ޑެޕިޔުޓީ އެސިސްޓަންޓް ސެކްރެޓަރީ އައިލީން އޯ ކޮނާ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ޑެޕިޔުޓީ އެސިސްޓަންޓް ސެކްރެޓަރީ އައިލީން އޯ ކޮނާ މިހެން ވިދާޅުވީ ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު މަލީހު ޖަމާލް އާއެކު އިއްޔެ ވެލާނާގޭގައި އޮތް ބައްދަލުކުރެއްވުމުގަ އެވެ. އަދި މިބައްދަލުވުމުގައި ރާއްޖޭގެ ސަގާފަތާއި ކުޅިވަރު ކުރިއެރުވުމުގައި އެމެރިކާ އިން ފޯރުކޮށްދެވިދާނެ އެހީތެރިކަމާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

އިއްޔެގެ ބައްދަލުވުމުގައި އެމެރިކާގެ ޑެޕިޔުޓީ އެސިސްޓަންޓް ސެކްރެޓަރީ އައިލީން އޯ ކޮނާ ވާނީ ތ. ދިޔަމިގިލީގައި ހުންނަ އާސާރީ ގަނޑުވަރު ފަތުރުވެރިންނަށް އަމާޒުކޮށްގެން ތަރައްގީ ކުރުމަށް ދިވެހި ސަރުކާރުން ރާވަފައިވާ ޕްލޭނަށް އެމެރިކާ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައުގުވެރިވާކަމަށް ވިދާޅުވެފަ އެވެ. އަދި އަންނަ އަހަރު ރާއްޖޭގެ ސަޤާފަތާއި ގުޅުންހުރި އެކިއެކި ހަރާތްތަކަށް އެމެރިކާ ސަރުކާރުން ފޯރުކޮށްދޭ އެހީތެރިކަމުގެ ތެރޭގައި، ދިޔަމިގިލި ގަނޑުވަރުގެ ބައި ހިމެނިދާނެ ކަމުގައި ވެސް އިއްޔެގެ ބައްދަލުވުމުގައި އެމެރިކާގެ ޑެޕިޔުޓީ އެސިސްޓަންޓް ސެކްރެޓަރީ އައިލީން އޯ ކޮނާ ވިދާޅުވި އެވެ.

އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިޝޭލް ޖޭ ސިސަން ވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި، ކުޅިވަރާ ބެހޭ މިނިސްޓަރު މަލީހް ވަނީ ޒުވާނުންނާއި ކުޅިވަރުގެ ތަރައްގީއަށް ދިވެހި ސަރުކާރުން ރާވާފައިވާ ޕްލޭންތަކުގެ މައުލޫމާތު ހިއްސާ ކުރައްވާފަ އެވެ. އަދި އަތޮޅު ތެރޭގައި ހުރި ޒުވާނުންގެ މަރުކަޒުތައް އަލުން ދިރުވައި، މިއަހަރު ތެރޭގައި އާބާދީ ދެހާހުން މަތީ ރަށްރަށުގައި ސްޕޯޓްސް އެރީނާ ތައް ޤާއިމުވެގެންދާ އިރު، މިދާއިރާތަކާއި ގުޅުންހުރި ދިވެހި މުދައްރިބުން ތަމްރީން ކުރުމުގެ މުހިއްމުކަމުގެ މައްޗަށް އިއްޔެގެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ އަލިއަޅުވާލާފަ އެވެ.

މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މިފަދަ ކުޅިވަރު އަދި ޒުވާނުންގެ މަރުކަޒުތަކުގެ އެހީގައި، ދިވެހި ޒުވާނުންގެ ހުސްވަގުތުތައް ބޭނުންތެރި ގޮތެއްގައި ބާރުއެޅުމާއި، އެފަދަ ޒުވާނުންނަކީ ގައުމަށް ފައިދާ ކުރަނިވި މަސައްކަތްތަކެއް ކުރާ ބަޔަކަށް ހެދުން ކަމަށެވެ.

އިއްޔެ ބައްދަލުވުމުގައި ކުޅިވަރާ ބެހޭ މިނިސްޓްރީގެ އިސްވެރިންނާއި ސްރީލަންކާގައި ހުންނަ އެމެރިކާ އެމްބަސީގެ އިސް އޮފިޝަލުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.