ރާމަﷲ (އެޕްރީލް 1) : އިސްރާއީލާއި ފަލަސްތީނާ ދެމެދު ކުރިޔަށްދާ ސުލްހައިގެ ވާހަކަތައް ނިންމާލުމަށް ކަނޑައަޅާފައިވާ މުއްދަތަށްފަހުވެސް އެވާހަކަތައް ކުރިޔަށްގެންދިޔުމަށްއެދި އިސްރާއީލުން ހުށަހެޅި ހުށަހެޅުމަކަށް ފަލަސްތީނުން ދެކޮޅު ހަދައިފިއެވެ.
ނަންހާމަކުރަން ނޭދޭ ފަލަސްތީނުގެ މަސްއޫލުވެރިއަކު ވިދާޅުވީ މިދިޔަ އަހަރުގެ ޖުލައިމަހު ފަލަސްތީނުން އިސްރާއީލާއެކު ސުލްހައިގެ ވާހަކަތައްފެށީ އެވާހަކަތަކުގައި ދޫތަކެއްދިނުމަށް އިސްރާއީލު އެއްބަސްވެގެން ކަމަށާ ނަމަވެސް އެއްބަސްވުމާ ޚިލާފުވެ ސުލްހައިގެ ކަންތައްކުގައި ދޫދިނުމަށާއި ނަތީޖާ ނެރުމަށް އިސްރާއީލު ކަނޑައެޅިގެން ދެކޮޅުހަދަމުން ގެންދާތީ އިސްރާއީލުގެ މިހުށަހެޅުން ބަލައިނުގަނެވޭނެ ކަމުގައެވެ.
ފަލަސްތީނުގެ މަސްއޫލުވެރިޔާ ވިދާޅުވީ ސުލްހައިގެ ވާހަކަތައް ނިންމާލުމަށް ހަމަޖައްސާފައިވާ މުއްދަތު ކަމަށްވާ މިމަހުގެ 29 ވަނަ ދުވަހަށްފަހު އެވަހާކަތައް އިތުރު މުއްދަތަކަށް ކުރިޔަށްގެންދިޔުމުގެ ބޭނުމެއްނެތްކަމަށާ އަދި އިސްރާއީލުން ސުލްހައިގެ ވާހަކަތައް ކުރިޔަށްގެންދަނީ ނަތީޖާ ނެރުމުގެ ބަދަލުގައި ސުލްހައިގެ ނަމުގައި ޕްރޮޕަގެންޑާ ފެތުރުމަށާއި ވަގުތު ނަގާލުމުގެ ރޭވުމެއްގެ ދަށުންކަމުގައެވެ.

ސުލްހައިގެ ވާހަކަތަކުގެ މުއްދަތު ހަމަވާން މަހަކަށްވުރެވެސް ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު އެވާހަކަތަކުން އެއްވެސް ނަތީޖާއެއް ހާސިލް ކުރެވިފައެއް ނުވެއެވެ. ނަތީޖާ ހާސިލް ކުރެވިފައިނުވަނީ އިސްރާއީލުގެ ހަރުކަށި ކަމާއި ގޮތްދޫނުކުރުމުގެ ސަބަބުންނެވެ. ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް އިސްރާއީލުން ކުރިޔަށްގެންދާ ޔަހޫދީ އަބާދީތަކުގެ މަޝްރޫޢުގެ މަސައްކަތް ސުލްހައިގެ ވާހަކަތައް ކުރިޔަށްދާ މުއްދަތުގައި ހުއްޓާލުމަށް އިސްރާއީލުން އެއްބަސްވެފައިވާއިރު މިއެއްބަސްވުމާ އެއްގޮތަށް އިސްރާއީލުން އަމަލުކޮށްފައިނުވާކަމަށް ފަލަސްތީނުން ބުނެއެވެ. އަދި ސުލްހައިގެ ވާހަކަތަކާ ގުޅިގެން އިސްރާއީލުން މިނިވަންކުރުމަށް އެއްބަސްވެފައިވާ ހަތަރުވަނަ މަރުހަލާގެ އަސީރުން މިނިވަން ކުރުމަށްވެސް އިސްރާއީލު ފަސްޖެހިފައިވާ ކަމަށް ފަލަސްތީނުންވަނީ ބުނެފައެވެ.

ހުޅަނގު އައްސޭރިއާއި ގުދްސުގެ އިރުމަތީ ފަޅިން ފޭބުމަށާއި ވަޒަނުން ބޭރުކޮށްލާފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ވަޒަނަށް އެނބުރި ރުޖޫއަވުމުގެ ހައްގު ދިނުންފަދަ ފަލަސްތީނު ރައްޔިތުންގެ ހައްގުތަކާ ގުޅިފައިވާ އަސާސީ މައްސަލަތަކުގައި އދ. ގެ ގަރާރުތަކާއި ބައިނަލްއަޤްވާމީ ގާނޫނުތަކަށް ބޯލެނބުމަށް އިސްރާއީލު ގެންދަނީ ފާޅުގައި ދެކޮޅުހަދަމުންނެވެ. ސުލްހައިގެ ވާހަކަތައް ކޮޅެއްގައި ނުޖެހި ނާކާމިޔާބުވަމުންދާ މައިގަނޑު މައްސަލައަކީމިއެވެ. މިގެކުރިންވެސް ފަލަސްތީނުންވަނީ 18 އަހަރުވަންދެން އިސްރާއީލާއެކު ސުލްހައިގެ ވާހަކަތަކެއް ކުރިޔަށްގެންގޮސްފައެވެ. ނަމަވެސް އެވާހަކަތައްވެސް ނިމިގެން ގޮސްފައިވަނީ ނާކާމިޔާބުވެގެންނެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫވަނީ އިސްރާއީލާއި ފަލަސްތީނާ ދެމެދު މިދިޔަ ޖުލައިމަހުން ފެށިގެން ކުރިޔަށްގެންދާ ސުލްހައިގެ ވާހަކަތަކާ ގުޅިގެން މިނިވަންކުރުމަށް އެއްބަސްވެފައިވާ ހަތަރުވަނަ މަރުހަލާގެ އަސީރުން މިނިވަން ކުރުމަށް މިހަފްތާގައި އިތުރު ޝަރުތުތަކެއް ކުރިމަތި ކުރައްވާފައެވެ. މިގޮތުން ސުލްހައިގެ ވާހަކަތަކުގެ މުއްދަތު އިތުރުކުރުމަށް ފަލަސްތީނުން އެއްބަސްވުމުން ނޫނީ ހަތަރުވަނަ މަރުހަލާގައި މިނިވަންކުރަންޖެހޭ އަސީރުން މިނިވަން ކޮށްދެވެން ނޯންނާނެ ކަމަށް ވިދާޅުވެ ނަތަނިޔާހޫ ވަނީ އަސީރުން މިނިވަން ކޮށްދިނުމަށް ދެކޮޅު ހައްދަވަފައެވެ. ފަލަސްތީނުންވަނީ މިއީ ގަބޫލުކުރެވޭނެ ކަމެއްނޫންކަމަށްބުނެ ސުލްހައިގެ ވާހަކަތަކުގެ މުއްދަތު އިތުރު ނުކުރެވޭނެ ކަމުގެ އިންޒާރު ދީފައެވެ. (އަލްޖަޒީރާ)