01 Apr 2014, 10:50
ގެއްލިފައިވާ މަތިންދާބޯޓް އެމްއެޗް370 އިން އެންމެ ފަހުން ބުނި ވާހަކަ ކަމަށް ކުރިން ބުނެފައިވާ ޖުމްލައަކީ "އޯލް ރައިޓް ގުޑްނައިޑް" ކަމަށް މެލޭޝިއާ ސަރުކާރުން ބުނި ބުނުން ބަދަލުކޮށްފި އެވެ.
ބޯޓުން އެންމެ ފަހުން ބުނި ޖުމްލައަކީ "ގުޑް ނައިޓް މެލޭޝިއަން ތްރީ ސެވަން ޒީރޯ" ކަމަށް މެލޭޝިއާ ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ. ގެއްލުނު ބޯޓްގެ ކޮކްޕިޓުން އެންމެ ފަހުން ބުނި ޖުމްލަ ކަމަށް މެލޭޝިއާ ސަރުކާރުން ކުރިން ބުނި ޖުމްލައިގެ ބަދަލުގައި އާ ޖުމްލައެއް އާއްމު ކުރި ނަމަވެސް ކުރިން އެހެން ޖުމްލައެއް އާއްމު ކޮށްފައި ވަނީ ކީއްވެ ކަމެއް ބުނެފައެއް ނުވެ އެވެ.
ބޯޓުން އިވުނު އެންމެ ފަހު ޖުމްލަ ބުނެފައި ވަނީ ޕައިލެޓްކަން ނުވަތަ ކޯޕައިލެޓްކަން ކަށަވަރު ކުރުމަށް ފޮރެންސިކް ތަހުގީގުތައް އަދި ވެސް ކުރަމުން އަންނަ ކަމަށް ވެސް މެލޭޝިއާގެ ބަޔާނުގައި ބުނެފައިވާ ކަމަށް ޗައިނާގެ ޒިންހުއާ ނިއުސް އެޖެންސީން މިއަދު ބުންޏެވެ.
ބޯޓާ އެއާޓްރެފިކް ކޯންޓްރޯލާއާ ދެމެދު އެންމެ ފަހުން ކޮށްފައިވާ މުއާމަލާތްތަކުގެ މުޅި ޓްރާންސްކްރިޕްޓް އެމްއެޗް 370 އިން ދަތުރުކުރި މީހުންގެ ވާރިސުންނަށް ދިނުމަށް ޑިފެންސް މިނިސްޓަރު އަދި އެކްޓިން ޓްރާންޕޯޓް މިނިސްޓަރު ހިޝާމުއްދީން ހުސައިން އަންގަވާފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
މެލޭޝިއާ އެއާލައިންގެ ބޯޓް އެމްއެޗް 370 ހޯދުމަށް ކުރި މަސައްކަތުގެ ތެރޭގައި ސެޓެލައިޓް ފޮޓޯތަކުންނާއި މަތިންދާބޯޓްތަކުގެ ފަޅުވެރިންނަށް ގިނަ އަދަދެއްގެ ތަކެތި ވަނީ ފެނިފަ އެވެ. ނަމަވެސް އެއިން އެއްވެސް އެއްޗަކީ އެބޯޓްގެ ބައެއް ކަމަށް ވަނީ ނުވެފަ އެވެ.
ބޯޓް ހޯދުމަށް 26 ގައުމެއްގެ ވަޔާއި ކަނޑުގެ ސިފައިން މަސައްކަތް ކުރަމުން އަންނަ އިރު އެކަމުގައި އިސްކޮށް އުޅެނީ އޮސްޓްރޭލިއާ އެވެ.
މެލޭޝިއާ އެއާލައިންގެ ބޯޓް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު މިއަދު އޮސްޓްރޭލިއާއަށް ވަޑައިގަންނެވުމަށް ވަނީ ހަމަޖެހިފަ އެވެ.
މެލޭޝިއާ އެއާލައިންގެ އެމްއެޗް 370 ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ، މިދިޔަ މަހު އަށް ވަނަ ދުވަހު، މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދަތުރުކުރަމުން ދަނިކޮށެވެ. އެބޯޓުން ބޯޓުގައި ފަޅުވެރިންނާއި ފަސިންޖަރުންނާ އެކު ޖުމުލަ 239 މީހުން ދަތުރު ކުރި އެވެ.