01 Apr 2014, 10:43
ބާލިން (އެޕްރީލް 1) : ޖަރުމަނުގެ ގައުމީ އެއަރލައިން ކަމަށްވާ "ލުފްތާންސާ"ގެ ޕައިލެޓުން ހަޅުތާލުކުރަމުން ގެންދިޔުމުގެ ސަބަބުން އެކުންފުނީގެ މަތިންދާ ބޯޓުތަކުން މިހަފްތާގައި ކުރުމަށް ޝެޑިއުލްކޮށްފައިވާ ދަތުރުތަކުގެ ތެރޭން ތިންހާސް އަށްސަތޭކަ ދަތުރު ކެންސަލްކޮށްފިކަން އެއެއަލައިނުން ހާމަކޮށްފި އެވެ.
"ލުފްތާންސާ"ގެ އިސްމަސްއޫލުވެރިއަކު ވިދާޅުވީ ކެންސަލް ކޮށްފައިވާ ތިންހާސް އަށްސަތޭކަ ވައިގެ ދަތުރުގެ ތެރޭގައި ކާގޯ ދަތުރުގެ ތޭވީސް ދަތުރާއި ފަސިންޖަރުންގެ ތިންހާސް ހަތްސަތޭކަ ހަތްދިހަ ހަތްދަތުރު ހިމެނޭކަމުގަ އެވެ. ޕައިލެޓުން ހަޅުތާލުކުރަމުން ގެންދިޔުމުގެ ސަބަބުން ހަތަރުލައްކަ ސައުވީސް ހާސް ފަސިންޖަރުންގެ ދަތުރުތަކަށް ނޭދެވޭ އަސަރު ކޮށްފައިވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޖަރުމަނުގެ ގައުމީ އެއަރލައިން ކަމަށްވާ "ލުފްތާންސާ" އަކީ ޔޫރަޕްގެ އެންމެ ބޮޑު އަދި އެންމެ ގިނަ މަތިންދާބޯޓު ހިމެނޭ އެއަލައިން އެވެ.
"ލުފްތާންސާ" އެއަރލައިންގެ ޕައިލެޓުން ހަޅުތާލުކުރަން ފަށާފައިވަނީ އެމީހުންގެ މުސާރަ ކުޑަވުމުގެ މައްސަލައާއި މަސައްކަތުގެ މާހައުލުގައި ހުރި ގިނައަދަދެއްގެ މައްސަލަތައް އެކުންފުނީގެ ވެރިންގެ ސަމާލުކަމަށް ގެނައުމަށްޓަކައި ކަމަށް ޕައިލެޓުން ތަމްސީލްކުރާ މަންދޫބުން ބުނެއެވެ. މިމައްސަލަތައް ހައްލުކުރުމަށް "ލުފްތާންސާ" ގެވެރިންނާއި އެކުންފުނީގެ ޕައިލެޓުންގެ މަންދޫބުން ބައްދަލުކޮށް މަޝްވަރާކުރަމުންގެންދިޔަނަމަވެސް މިހާތަނަށް އެއްވެސް މައްސަލައެއް ހައްލުކުރެވިފައިނުވާ ކަމަށް ޚަބަރުތައް ބުނެއެވެ. "ލުފްތާންސާ" އެއަރލައިންގެ ޕައިލެޓުންގެ މުސާރައަކީ މިހާރުވެސް ޔޫރަޕްގެ ގިނަ އެއަރލައިންތަކުގެ ޕައިލެޓުންގެ މުސާރައާއަޅާބަލާއިރު ބޮޑުމުސާރައެއް ކަމަށްވިޔަސް ޕައިލެޓުން އެދެނީ މުސާރައާއި އެލަވަންސާއި އިނާޔަތްތައް ބޮޑުކުރުމަށް ކަމަށްވެއެވެ.
"ލުފްތާންސާ" ގެ ޕައިލެޓުން ހަޅުތާލުކުރަމުން ގެންދިޔަނަމަވެސް އެކުންފުނީގެ ވައިގެ ދަތުރުތައް އެއްކޮށް ހުއްޓުމަކަށް އައިސްފައެއްނުވެއެވެ. އަދި ޕައިލެޓުންގެ ތެރެއިންވެސް އެތަށްބަޔަކު މިހަޅުތާލުގައި ބައިވެރިނުވާތީ މިއީ އެކުންފުނީގެ މަސައްކަތްތައް މުޅިން ހުއްޓުމަކަށް ގެނެވިފައިވާ އަދި ޕައިލެޓުންގެ ބޭނުންތައް ވަގުތުން ފުއްދައިދިނުމަށް އެކުންފުންޏަށް މަޖްބޫރު ކުރެވޭފަދަ ވަރުގަދަ ހަޅުތާލެއްނޫންކަމަށް މައުލޫމާތު ލިބެއެވެ. (ރޮއިޓާސް)