ކިޔޭވް (އެޕްރީލް 1) : ޔުކްރޭންގެ ބައެއްގެ ގޮތުގައި ކުރިންއޮތް ކްރައިމިޔާ ސަރަހައްދަށް ރަޝިޔާގެ ބޮޑުވަޒީރު ޑިމިޓްރީ މިޑްވެޑޭވް ޒިޔާރަތް ކުރެއްވުމަކީ ބައިނަލްއަގްވާމީ ގާނޫނާއި ގަވައިދުތަކަށް ގޮންޖެހުމާއި ޖެއްސުންކުރުމުގެ އަމަލެއް ކަމަށް ޔުކްރޭންގެ ވަގުތީ ސަރުކާރުން ބުނެފި އެވެ.

ޔުކްރޭންގެ އިންތިޚާބީ ސަރުކާރު ގަދަބާރުން ވައްޓާލުމަށް ފަހު އުފައްދާފައިވާ ވަގުތީ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ގައުމުގެ ސަރުކާރުގެ ހުއްދައަކާނުލައި ރަޝިޔާގެ ބޮޑުވަޒީރު ކްރައިމިއާ ސަރަހައްދަށް ޒިޔާރަތް ކުރެއްވުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫން ކަމަށާއި އެއީ ޔުކްރޭންގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އަމަލެއްކަމުގައި ޔުކްރޭނުން ދެކޭކަމުގަ އެވެ.

ރަޝިޔާގެ އިއްތިޙާދުގެ ބައެއްގެ ގޮތުގައި މިހާރު ހަމަޖައްސާފައިވާ ޔޫކްރެއިންގެ ކްރައިމިއާ ސަރަހައްދަށް ރަޝިޔާގެ ބޮޑުވަޒީރު ޑިމިޓްރީ މިޑްވެޑޭވް ޒިޔާރަތް ކުރައްވާފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. މިއީ ކްރައިމިޔާގައި ދާދި ފަހުން ނެގި ފެންނަ ނުފެންނަ ވޯޓަކުން ކްރައިމިއާ ރަޝިޔާގެ ބަޔަކަށް ހެދުމަށް އެ ސަރަހައްދުގެ ރައްޔިތުން ނިންމި ފަހުން ރަޝިޔާގެ އިސްމަސްއޫލުވެރިއަކު އެސަރަހައްދަށް ޒިޔާރަތް ކުރެއްވި ފުރަތަމަ ފަހަރެވެ.

ކްރައިމިޔާ އަށް އިއްޔެ ކުރެއްވި ދަތުރުފުޅުގައި ދެއްވި ބަޔާނެއްގައި ރަޝިޔާގެ ބޮޑު ވަޒީރު ޑިމިޓްރީ މިޑްވެޑޭވް ވަނީ ކްރައިމިއާގެ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށް ރަޝިޔާ އިން އަވަސް ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. އަދި ކްރައިމިއާ ސަރަހައްދުގެ ރައްޔިތުންނަށް ލިބޭ މުސާރަ އާއި ޕެންޝަންގެ މިންވަރު އިތުރު ކުރުމަށް ރަޝިޔާ ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް ރަޝިޔާގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފަ އެވެ. (ރޮއިޓާސް)