މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވާނަރު ކަމުގެ މަގާމަށް ޑރ. އަޒީމާ އާދަމް އައްޔަން ކުރުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަންމުއައްސަސާތަކާ ބެހޭ ކޮމެޓީން ފާސްކޮށްފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ މުގައްރިރު، ދިއްދޫ ދާއިރާގެ މެމްބަރު އަހްމަދު ސަމީރު މިއަދު ވިދާޅުވީ ގަވަރުނަރު ކަމަށް އަޒީމާ އައްޔަން ކުރަން ފެންނަ ކަމަށް ފާސްކޮށްފައި ވަނީ އިއްޔެ ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ކަމަށެވެ.

ކޮމެޓީގެ މެމްބަރުން ޑރ. އަޒީމާއާ ކުރެއްވި ސުވާލުތަކަށް އެކަމަނާ ތަފްސީލުކޮށް ޖަވާބުދެއްވާފައިވާ ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލީ ސިޔާސަތު ކަނޑައެޅުމުގައި އެކަމަނާ ގެންގުޅުއްވާ އުސޫލުތައް ކޮމެޓީގެ މެމްބަރުންނަށް އަޒީމާ ތަފްސީލުކޮށް ކިޔައިދެއްވާފައިވާ ކަމަށެވެ.

ކޮމެޓީގެ ރިޕޯޓު އެކުލަވާލެއްވުމަށް ފަހު މިއަދުގެ ވަގުތެއްގައި މަޖިލީހުގެ ރައީސަށް ފޮނުވާނެ ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.

އަޒީމާ އަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ، އަދި މިހާރު ވެސް ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. އެކަމަނާ މިހާރު ހުންނެވީ، އެސިސްޓެންޓް ގަވާނަރު، އަދި ޗީފް އިކޮނޮމިސްޓް، މަނިޓަރީ ޕޮލިސީ، ރިސާޗް އެންޑް ސްޓެޓިސްޓިކްސް ކަމުގެ މަގާމުގަ އެވެ. އޭނާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ޚިދުމަތް ކުރައްވަން ފެށްޓެވީ 1991 ވަނަ އަހަރުގެ މޭ މަހު އެވެ.

އަޒީމާ ޕީއެޗްޑީ ހާސިލު ކުރެއްވީ އޮސްޓްރޭލިޔާގެ ޔުނިވަސިޓީ އޮފް ކެންބަރާގައި އިކޮނޮމިކްސްގެ ރޮނގުންނެވެ. މާސްޓަޒް ޑިގްރީ ހާސިލު ކުރެއްވީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ލެއިސެސްޓަގައި އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެންޑް ފައިނޭންސްގެ ރޮނގުންނެވެ.