01 Apr 2014, 09:55
ފ. ނިލަންދޫ، ބަގީޗާގޭ އަބްދުﷲ ހަލީލް އަކީ ސިޔާސީ އާއިލާއަކަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނާގެ ކާފަ އަކީ ކަތީބުކަން ކުރައްވާފައިވާ ބޭފުޅަކަށްވާ އިރު ބައްޕައަކީ ސިޔާސީ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ އެކްޓިވިސްޓެކެވެ. ހަލީލް ސިޔާސީ ދާއިރާ އަށް ޝައުގުވެރިވި ސަބަބަކަށް ވެފައި ވަނީ ވެސް އާއިލާގެ ސިޔާސީ ކަމެވެ.
ހަލީލް ސިޔާސީ ދާއިރާ ފަށާފައި ވަނީ 2006 ވަނަ އަހަރު އެވެ. އެއީ އަތޮޅުވެރިއެއްގެ މަގާމުންނެވެ. އޭނާ ވަނީ 2006 އަހަރުން 2008 ވަނަ އަހަރަށް އއ. އަތޮޅާއި ނ. އަތޮޅުގެ އަތޮޅުވެރިކަން ކުރައްވައިފަ އެވެ. އަދި އެއަށް ފަހު އޭނާ ވަނީ ސިވިލް ސާވިސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލްގެ މަގާމް ގިނަ ދުވަސްތަކެއް ވަންދެއް ފުރުއްވައިފަ އެވެ.
ހަލީލް އަކީ ބިޒުނަސް އެޑްމިނިސްޓޭޝަން ދާއިރާ އިން މާސްޓާ ހައްދަވާފައިވާ ބޭފުޅެކެވެ. މިހާރު އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ ޕީއެޗްޑީ އަށް ތީސީސް ލިޔުމުގެ މަސައްކަތެވެ. ތީސީސް ލިޔުއްވަމުން ދަނީ ލާމަރުކަޒީ ނިޒާމާ ގުޅޭ ގޮތުންނެވެ.
ހަލީލް ރަސްމީ ސިފައެއްގައި ސިޔާސީ މައިދާނަށް ނުކުންނެވުމަށް ނިންމީ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށެވެ. އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގަ އެވެ. އެކަން ވެެގެންދިޔައީ އޭނާގެ ހަޔާތުގައި ފެށުނު އެންމެ އުނދަގޫ އެއް ދަތުރަށެވެ. އެއީ އިންތިހާބެއްގައި ވާދަކުރަން ޖެހުމެއް ނޫނެވެ. ސަބަބަކީ ބޮޑުބޭބެ އަދި އެ ދާއިރާގެ މިހާރުގެ މެންބަރު އަބްދުލްމުހުސިން ހަމީދު(ޖޭފޯ) އާ ވާދަކުރައްވަން ޖެހުމެވެ.
"އަޅުގަނޑު ވާދަކުރީ ވަކި މީހަކާއި ނޫން، އަޅުގަނޑު ވާދަކުރީ ދާއިރާގެ މައްސަލަތަކާ" ހަލީލް ވިދާޅުވި އެވެ.
ހަލީލް އޭނާގެ ބޮޑު ބޭބެއާ އިންތިހާބުގައި ވާދަކުރެއްވުކަމީ އާއިލާ ތެރޭ ފޯރި ގަދަވިކަމެކެވެ. އާއިލާ ދެބަޔަކަށް ބެހި ހޫނު ބަހުގެ ހަމަލާތަކެއް ފޯރުވި ކަމަކަށެވެ. ތަފާތު އެތައް ފަހަރެއްގެ މަތިން އެކަން ފެނިގެން ގޮސްފައިވެ އެވެ. ހާއްސަކޮށް އަލުން ވޯޓްފޮށި ގުނި ސަރަހައްދުންނެވެ. އެއް އާއިލާ މެމްބަރުންގެ މެދުގައި ބަހުސް ހޫނުވި އެވެ. ރުޅި ކޮންޓްރޯލް ނުވާ ހިސާބަށް ބައެއް ފަހަރު ކަންކަން ދިޔަ އެވެ.
ނަމަވެސް ހަލީލު ވިދާޅުވާ ގޮތުން ނަމަ އާއިލާގެ ތެރޭގައި އަދި އޭނާ އާއި ބޮޑުބޭބެ އާ ދެމެދު އެއްވެސް "ނުތަނަވަސް ކަމެއް ނުއުފެދޭ" ކަމަށެވެ. އޭނާ ބޮޑުބޭބެއާ ވާދަކުރަން ޖެހިވަޑައިގަތީ "މައްސަލަތައް ހައްލުނުވެ ވާތީ، މައްސަލަތައް ހައްލުކުރަން" އަދި "ދާއިރާ އަށް ނުވެ ހުރި ކަންކަން ކުރަން" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަލީލް އާއި އޭނާގެ ބޮޑުބޭބެގެ ވާދަ ވެގެން ގޮސްފައި ވަނީ ފޯރިގަދަ ބޮޑު ވާދައަކަށެވެ. އެގޮތުން ފުރަތަމަ ވަގުތީ ނަތީޖާ އިއުލާނު ކުރި އިރު ބޮޑުބޭބެ އަށް ވުރެ ހަލީލް ކުރި ހޯއްދަވައި ގޮނޑި ކާމިޔާބު ކުރެއްވީ އެންމެ ވޯޓެއްގެ ތަފާތަކުންނެވެ. އެ ނަތީޖާ ބޮޑުބޭބެ މުހުސިނު ގަބޫލެއް ނުކުރި އެވެ. ނަތީޖާއާއި ޗެލެންޖް ކުރި އެވެ. ވޯޓްފޮށި އަލުން ގުނަން ހުށައެޅި އެވެ. ވޯޓް އަލުން ގުނުމުން ފަރަގުވީ ހައްތަހާ މައްޗެވެ. ހަލީލް މޮޅުވީ ތިން ވޯޓްގެ ތަފާތަކުންނެވެ. ފަހުން އިއުލާނު ކުރި ރަސްމީ ނަތީޖާ ދައްކާ ގޮތުން ބޮޑުބޭބެ މުހުސިނަށް 643 ވޯޓު ލިބިވަޑައިގެންފައިވެ އެވެ. ކުރިން އިއުލާން ކުރި އިރު އޭނާ އަށް ލިބިވަޑައިގެންފައި ވަނީ 644 ވޯޓެވެ. އަދި އެ ދާއިރާ އަށް އިންތިހާބުވި ޚަލީލަށް ލިބިވަޑައިގަތީ 646 ވޯޓެވެ. ކުރިން އިއުލާން ކުރިއިރު އޭނާ އަށް ލިބިވަޑައިގެންފައި ވަނީ 645 ވޯޓެވެ.
އެވަރަކުން މުހުސިން ގަބޫލްފުޅެއް ނުކުރި އެވެ. މުހުސިން ވިދާޅުވީ ނަތީޖާ އަދި ގަބޫލު ނުކުރައްވާ ކަމަށާއި ކޯޓަށް ވަޑައިގަތުމާ މެދު ވިސްނަވާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އޭނާ އަދި އެ މައްސަލާގައި ކޯޓަށް ވަޑައިގެންފައެއް ނުވެ އެވެ.
ހަލީލް ވިދާޅުވާ ގޮތުން އޭނާގެ ކެމްޕެއިންގައި އޭނާ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އޭނާ އަކީ އެންމެންނާ ވެސް ގުޅޭ މީހަކަށް ވުމެވެ. ކެމްޕެއިންގައި އޭނާ ކުރި ކަމަކީ ދާއިރާގެ މައްސަލަތައް ފެންމަތިކޮށް އެކަންކަމުގެ ހައްލު އެ ދާއިރާގެ ރައްޔިތުންނަށް ބުނެދިނުން ކަމަށް ހަލީލް ވިދާޅުވި އެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި އޭނާގެ އެންމެ ބޮޑު ކާމިޔާބީއަކީ ވެސް އެއީވެ.
"އަޅުގަނޑު ވިސްނުނީ އަޅުގަނޑު ކެމްޕެއިންގައި ދައްކައިދިނީ ވެސް ދާއިރާގެ މައްސަލަތައް ހައްލުކުރެވޭނެ ގޮތްތައް، އަޅުގަނޑު ނުކުމެ މިހިރީ ދާއިރާ އަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ލިބިފައިނެތީމާ އެކަން ހައްލުކޮށްދޭން، އަޅުގަނޑު ވާދަކުރަންޖެހުނީ ވެސް އެސަބަބަށްޓަކައި." ހަލީލް ވިދާޅުވި އެވެ.
ހަލީލް މިމޭރުމުން އޭނާ އާއި އޭނާގެ ބޮޑު ބޭބެގެ ތަފާތު ސިފަތަކެއް އެބަހުއްޓެވެ. އެގޮތުން އޭނާ "އަބަދުވެސް ރައްޔިތުންގެ ހާލު ބެލުމުގައި ދެމިހުންނާނަން، ރައްޔިތުންގެ އަޑު އަހާނަން، ރައްޔިތުންގެ އަޑުއިއްވާނަން" ކަމަށް ހަލީލް ވިދާޅުވެ އެވެ.
އަމިއްލަ ގޮތުން މަޖިލީހަށް އިންތިހާބްވި ގިނަ ފަރާތްތަކުން މިހާރު ދަނީ ޕާޓީތަކާ ގުޅެމުންނެވެ. އެއްވެސް ސިޔާސީ ޕާޓީ އަކާ ގުޅޭނެތޯ ސުވާލުކުރުމުން ހަލީލް ވިދާޅުވީ "އަޅުގަނޑު ޕާޓީ އަކާ ގުޅުނަސް ގުޅޭނީ ދާއިރާގެ ރައްޔިތުންގެ މަސްލަހަތަށް ބަލާފައި" ކަމަށެވެ. "އަދި ނެތް ޕާޓީ އަކާ ގުޅުމުގެ ވިސްނުމެއް" ކަމަށެވެ.
އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި ހަލީލް މަސައްކަތް ކުރިއަށްގެންދާނީ ރާއްޖެ އަށާއި އެ ދާއިރާއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް އިހްލާސްތެރިކަމާ އެކު މަސައްކަތް ކުރުމަށް ކަމަށް ހަލީލް ވިދާޅުވި އެވެ. އޭނާގެ މަގުސަދަކީ އިހުލާސްތެރި ހިތަކާ އެކު މަސައްކަތްކޮށް މައްސަލަތައް ހައްލުކުރުމެވެ.
"ސަރުކާރުން ހާސިލު ކުރަން ބޭނުން ކަންކަން ހާސިލު ކުރުމަށާއި ރައްޔިތުންނަށް ފައިދާވާނެ ކަންކަމުގައި އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުން މަޖިލިސްތެރޭގައި ލިބޭނެ." ހަލީލް ވިދާޅުވި އެވެ.
ހަލީލް އޭނާގެ ބޮޑު ބޭބެ އާ ދެކޮޅަށް އިންތިހާބެއްގައި ނުކުނަން ޖެހުމީ އޭނާ ކުރިން އުންމީދުކުރި ކަމެއް ނޫނެވެ. ނަމަވެސް އޭނާ އަށް އެކަން މަޖުބޫރު ކުރުވީ "ދާއިރާ އަށް ނުވެ ހުރި ގިނަ ކަންކަން" އޭނާ ކުރަން ބޭނުންވާތީ އެވެ.