23 Dec 2010, 11:50
އޭޝިޔާގައިވާ އެމެރިކާގެ ޢަސްކަރީ ބޭސްތައް ޙަމަލާދީ އެތަންތަން ހަލާކުކޮށްލުމުގެ ފަންނީ ޤާބިލްކަން ޗައިނާއަށް ލިބިގެންވާ ކަމަށް ކަމާބެހޭ ރިޕޯޓެއް ބުނެފި އެވެ. ޗައިނާގެ އިޤްތިސާދީ އަދި ޢަސްކަރީ ކުރިއެރުންތައް ބަލައި ދިރާސާކުރުމަށް ކޮންގްރެސް އިން އެކުލަވާލި ކޮމިޓީއަކުން ތައްޔާރުކުރި މިރިޕޯޓް ބުނާގޮތުން ގުއާމްގައިވާ އެމެރިކާގެ ޢަސްކަރީ ބޭސް ފިޔަވައި އޭޝިޔާގައިވާ އެމެރިކާގެ އެހެން ހުރިހާ ޢަސްކަރީތަކެއް ހަލާކުކޮށްލުމުގެ ޢަސްކަރީ ޤާބިލްކަން މިހާރު ޗައިނާއަށް ލިބިގެންވެ އެވެ.
ކޮންގްރެސްގެ ކޮމިޓީން އަކުން އެކުލަވާލި މި ރިޕޯޓްގައި، ޗައިނާގެ ކުރިއަރަމުންދާ ޢަސްކަރީ ބާރާބެހޭގޮތުން އެމެރިކާ ސިފައިންގެ ލަޝްކަރުތަކަކަށާއި ޕެންޓަގަންއަށް އެތަށް އިންޒާރުތަކެއް ދީފައިވެ އެވެ. މިގޮތުން އޭޝިޔާގައިވާ އެެމެރިކާގެ ޢަސްކަރީ ބޭސްތަކުގެެ ތެރޭން ގުއާމްގައިވާ ބޭސް ފިޔަވައި އެެން ހުރިހާ ބޭސްތަކެއްވަނީ ޗައިނާގެ ދިގުވަމުންދާ އަތް ފޯރާހިސާބުގައި ކަމަށާ ބޭނުންވެއްޖެނަމަ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ޙަމަލާދީ މިހުރިހާ ތަނެއް ފުނޑުފުނޑުކޮށްލުމުގެ އާރާއި ބާރު ޗައިނާ ސިފައިންގެ ކިބާގައި މިހާރު ހުރިކަން ބަޔާންކޮށްފައިވެ އެވެ.
އޭޝިޔާގައިވާ އެމެރިކާގެ ޢަސްކަރީ ބޮޑެތި ބޭސްތައްހުރީ ޗައިނާގެ އަވަށްޓެރި ދެކުނު ކޮރެޔާއާއި ޖަޕާންގަ އެވެ. މިރިޕޯޓް ބުނާގޮތުން އޭޝިޔާގައިވާ އެމެރިކާގެ ޢަސްކަރީ ބޭސްތަކުގެ އިތުރުން އެމެރިކާގެ ވައިގެ ބާރުތައްވެސް މިހާރުވަނީ ޗައިނާ އަތްފޯރާ ފަށުގަ އެވެ. ވޭތުވެދިޔަ ވިއްސަކަށް އަހަރުތެރޭގައި ޗައިނާ ތަރައްޤީކުރި ކަނޑުގެ ބާރުތަކާއި ސްޓްރެޓީޖިކް މިސައިލާއި ހަނގުރާމަމަތީ މަތިންދާ ބޯޓުތަކާއި އަދި ވައިގެ ދިފާޢީ ބާރުތަކުގެ ސަބަބުން ކުރިން އެމެރިކާއަށް ކުރިމަތިނުވާ އެތަށް ގޮންޖެހުންތަކެއް މިހާރު އެމެރިކާއަށްވަނީ ކުރިމަތިވެފައިވާ ކަމަށްވެސް މިރިޕޯޓް ބުނެ އެވެ.