ހެންވޭރު ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އުމުރުން 24 އަހަރުގެ ދިވެއްސަކު ހ. އަންނާރު މާގޭތެރޭގައި މަރުވެފައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 9:15ގައި ކަމަށެވެ. ނަމަވެސް އެމީހާ މަރުވާން ދިމާވި ސަބަބު އަދި އެމީހާއާ ބެހޭ އެއްވެސް ތަފްސީލެއް އޮފިޝަލް ނުދެއްވަ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ކުޅުދުއްފުއްޓަށް ނިސްބަތްވާ އެމީހާ މަރުވެފައި ވަނީ އޯވާޑޯޒްވެގެންނެވެ. ނަމަވެސް އެކަން ފުލުހުން އަދި ކަށަވަރުކޮށްދީފައެއް ނުވެ އެވެ. ފުލުހުން އަދިވެސް ގެންދަނީ އެގޭ ތެރޭގައި ހަރަކާތްތެރިވަމުންނެވެ.

މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު އެގޭ ތެރެއިން ނެރެގެން އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ އެމްއެންޑީއެފްގެ އެހީތެރިކަމާ އެކުގަ އެވެ.

ފުލުހުން ބުނީ އޭނާ މަރުވި ގޮތް އެނގޭނީ ތަހުގީގަށް ފަހުގައި ކަމަށާއި އެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށެވެ.