01 Apr 2014, 09:29
ރަށް ރަށުގައި އުފެދޭ ކުނިބުނީގެ ބަވާތްތަކުގެ ތެރެއިން ބިއްލޫރި އާއި ދަގަނޑުގެ ބާވާތްތައް ފިޔަވައި އެހެން އެއްޗިއްސަކީ އަންދާލައިގެން ނައްތާލެވިދާނެ އެއްޗިއްސެވެ. ނަމަވެސް ރަށުގެ ކުނި ނައްތާލުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ބަޔަކަށް ބިއްލޫރި ފަދަ ތަކެތި ނައްތާނުލެވޭ ނަމަ އެ މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކުރެވެނީއެކޭ ނުބުނެވޭނެ އެވެ.
ކ. ގާފަރުގައި ކުނި ނައްތާލުގެ މަސައްކަތް ގާފަރު ޔޫތު ކްލަބާ ހަވާލުކުރީއްސުރެ އެ ޖަމިއްޔާގެ ނައިބު ރައީސް އަހްމަދު ފަޒީލް 29، ވިސްނަމުން ދިޔައީ ކުނީގެ ގޮތުގައި އުކާލާ ބިއްލޫރި ފުޅިތައް ނައްތާލާނެ ގޮތެއް ހޯދުމަށެވެ. އެ ރަށު އިންޖީނުގޭގައި މަސައްކަތް ކުރާ ފަޒީލަށް ގަބޫލު ކުރެވުނީ ބިއްލޫރި ފުނޑުކުރާނެ ކަރަންޓް މެޝިނެއް އިޖާދުކުރެވިދާނެ ކަމަށެވެ. އޭނާ އެ ވާހަކަ ފުރަތަމަ ހިއްސާކުރީ އޭނާއާ އެންމެ ގާތުން މަސައްކަތްކުރާ ޖަމިއްޔާގެ އިސްވެރިންނާ އެވެ. ޖަމިއްޔާ އިން އެ މަސައްކަތްފަށައިގެން ކުރަން ފެށުމުން އާންމު ބައެއް މީހުން އެކަން ޖޯކެއްގެ ގޮތުގައި ދެކުނެވެ. އަދި ހެދޭނީ ބިއްލޫރީ މުގުރާ މެޝިނެއް ނޫން ކަމަށާއި އެހެން ކޮންވެސް އެއްޗެއް މުގުރާ މެޝިނެއް ކަމަށް ބުނެ ހަޖޫޖެހި މީހުން ވެސް ތިއްބެވެ. ނަމަވެސް މިއަދު އެއީ ހަގީގަތެކެވެ. ޖަމިއްޔާ ކުރެހި ބިއްލޫރި މުގުރާ މެޝިނަކީ މިހާރު ފެންނަން ހުރި ހަގީގަތެކެވެ. އެ މެޝިނުގެ މަސައްކަތް ދައްކާލީ ރަށުގެ އާންމުގެ ކުރިމަތީގަ އެވެ.
ގާފަރުގައި އުކާލާއި ބިއްލޫރިތަކެތި ހިމުން ވެއްޔަށް ހަދަމުންދާ މެޝިން މީހުން ދެކެނީ ހުނަރު ވެރި މަސައްކަތެއްގެ ގޮތުގަ އެވެ. ސަން އާ ވާހަކަ ދައްކަމުން ފަޒީލް ބުނީ ބިއްލޫރި ފުނޑުކުރާ މެޝިނެއް އީޖާދުކުރުން ބޭނުންވީ ކުނި މެނޭޖުކުރުމަށް އިންގިލާބެއް ގެނައުމަށެވެ. އޭނާގެ ސިކުނޑީގައި އުފެދުނު އެ ހިޔާލު ހަގީގަތަކަށް ހަދައިދިނީ އެ ޖަމިއްޔާއިންނެވެ. އެހެންވެ އެއީ އޭނާގެ އަމިއްލަ މަސައްކަތް ކަމަށް ބުނާކަށް އޭނާ ބޭނުމެއްނުވެ އެވެ. މެޝިންހެދީ އެ ޖަމިއްޔާގެ ލަފާގެ މަތިން ވިދާ ތަރިވޯކް ޝޮޕުން ކަމަށް ވާތީ އެވެ.
"ބިއްލޫރި ފުނޑުކޮށްލެވޭނެ މެޝިނެއް ހެދިދާނެ ކަމަށް ގަބޫލު ކުރެވުނީ އެކަމާ މެދު ވަރަށް ބޮޑަށް ފިކުރު ހިންގިފަހުން. އެ މެޝިން ހެދޭނެ ކަމަށް އަމިއްލައަށް ގަބޫލު ކުރެވުނީމާ ދެން އެ ވާހަކަ ދެއްކީ ޖަމިއްޔާގެ އިސް މީހުންނާ. އެމީހުން ވެސް އެކި ހިޔާލުތައް ދިން. އަސްލު އޭގެ އަމަލީ މަސައްކަތްކުރީ ޔޫތު ކްލަބާއި ވިދާތަރި ވޯކްޝޮޕުން، މުހައްމަދު ނައީމް. އަހަރެންނޫން އެ އެއްޗަކަށް ހެދީ،" އޭނާ ބުންޏެވެ.
މެޝިން ފުރަތަމަ ހަދައިގެން ހިންގި އިރު ދެތިން ބަސްތާގެ ބިއްލޫރި މުގުރިފަހުން ބައެއް މައްސަލަ ފާހަގަކުރެވިގެން އަލުން އެކަން ހައްލުކުރި ކަމަށާއި މިހާރު މުޅި މެޝިން "ބަރާބަރު" ވާނެކަމުގެ ޔަގީންކަން ފަޒީލު ދެ އެވެ. އެ ޔަގީންކަން ދިނީ އާންމުންގެ ކުރިމަތީ މެޝިން ހިންގާލުމަށްފަހުގަ އެވެ.
:http://www.youtube.com/watch?v=C3qSlIQGHn0&feature=youtu.be
ޔޫތު ޖަމިއްޔާގެ ވިސްނުން ހުރީ ހިމުން ކުރަމުންދާ ބިއްލޫރިފުށްތަކުގެ ބޭނުން ހިފޭނެ ގޮތްތަކެއް ވެސް ހޯދާށެވެ.
"މިހާރު މި ހޯދަނީ ހިމުންކުރާ ބިއްލޫރިން ކޮންމެސް ފައިދާއެއް ހޯދޭނެ ގޮތެއް އޮތްތޯ. ބައެއް މީހުން ބުނޭ ބިއްލޫރި ހިމުން ކޮށްގެން ކޮންކުރީޓް ކުރުމަށް ހިލަވެލީގެ ގޮތުގައި ވެސް ބޭނުން ކުރެވެއޭ. އަދި ހިމުންކުރާ ބިއްލޫރި (ވިއްކަން) ރާއްޖޭން ބޭރަށް ފޮނުވާ ވާހަކަ ވެސް އަޑު އެހިން، " ފަޒީލް ބުންޏެވެ.
ފަޒީލުގެ ހުނަރުވެރި އުފެއްދުމުގެ ވާހަކަ ނުދައްކާ މީހަކު މިހާރު އެރަށަކު ނެތެވެ. ރަށުގައި ކުނީގެ ގޮތުގައި އުކާލާ ބިއްލޫރިތައް ފުނޑައި ހިމުން ކުރުމުގެ މަސައްކަތް ޔޫތު ޖަމިއްޔާ އިން ދާއިމީ ގޮތެއްގައި ކުރާނެ ކަމަށް ބުނުމުން ރަށުގެ ގިނަ މީހުން އެކަން ބަލައިގަންނަނީ ޝުކުރު ވެރިކަމާ އެކުގަ އެވެ.
ބިއްލޫރި ފުނޑުކުރާ މެޝިނަށް ފަހު ފަޒީލުގެ ބެލުމުގެ ދަށުން އެ ޖަމިއްޔާ އިން މިހާރު މަސައްކަތް ކުރަނީ ދަޅު ފިއްތާ މެޝިނެއް ހަދުމަށެވެ. އޭގެ ކުރިން ކުނި އަންދާނެ މެޝިނެއް އެ ޖަމިއްޔާ އިން ވަނީ ހަދައިފަ އެވެ. ްއަދި އެ މަސައްކަތުގައި ރައްޔިތުންނަށް ދަނީ ހިނިތުންވުން ގެނެސް ދެމުންނެވެ. ރައްޔިތުންގެ މިހާރުގެ އުންމީދަކީ ބިއްލޫރި ފުނޑުކުރާ މެޝިނުން ވެސް އެ އުފާ ރައްޔިތުންނަށް ހޯދައިދޭނެ ކަމަށެވެ.