ޝީޝާ މައްސަލައިގެ ހުކުމް އިސްތިއުނާފު ނުކުރެވިގެން އުޅެނީ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ދޫނުކޮށްގެން ކަމަށް ބުނެ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ދެއްކި ވާހަކަތައް ސިވިލް ކޯޓުން ދޮގުކޮށްފި އެވެ.

ޝީޝާގެ ތިންބެއިންގެ އެކައުންޓަށް 13.5 މިލިއަން ރުފިޔާ، އެއް މަސް ދުވަހުގެ ތެރޭގައި ޖަމާކުރުމަށް އެސްބީއައިގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކުރީ މިދިޔަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ސިވިލް ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ އެ މައްސަލައިގެ ހުކުމް ކުރުމާ އެކު ޝަރީއަތް ނިމުނުގޮތުގެ ޚުލާސާ ރިޕޯޓު އެސްބީއައި އަށް ދޫކޮށްފައިވާ ކަމަށާއި، އެ ރިޕޯޓުގެ މައްޗަށް ބިނާކޮށް މައްސަލަ އިސްތިއުނާފު ކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ހޯދަން މިހާތަށް އެސްބީއައި އިން އެ ކޯޓުގައި އެދިފައިނުވާނެ ކަމަށެވެ.

"ޝަރީއަތް ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓު ސިވިލް ކޯޓުން ވަނީ މައްސަލަ ނިންމުމާ އެކު ދައުވާ ކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތަށް ދޫކޮށްފައި. އެ ރިޕޯޓު ލިބުނީމަ މައްސަލަ އިސްތިއުނާފު ކުރެވޭނެ. މިހާތަނަށް އެސްބީއައި އަކުން ނެތް އެ މައްސަލައިގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓަށް މި ކޯޓުގައި އެދިފައި. އެ ރިޕޯޓު އޮތީ ރެޑީގައި،" ސިވިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.

ބަޔަކު ހުށަހެޅި ވަގު ޑޮކިއުމެންޓުތަކަށް ބެލުމަށްފަހު އެސްބީއައި އިން ވަނީ ޝީޝާގެ ތިންބެއިންގެ އެ ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކުން 18 މިލިއަން ރުފިޔާ ޖަމާކޮށްފަ އެވެ.

އެ މައްސަލައާ ގުޅިގެން އެސްބީއައިގެ ދެ މުވައްޒަފަކާއި އިތުރު ބައެއްގެ މައްޗަށް ދައުލަތުން ވަނީ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ އުފުލައިފަ އެވެ.

ކޯޓުން ކުރި ހުކުމާ އެއްގޮތަށް އެ ފައިސާ އެކައުންޓަށް ޖަމާކޮށްފައި ނުވާތީ ޝީޝާގެ ތިންބެއިން ވަނީ ހުކުމް ތަންފީޒު ކުރުގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ.