ވޭތުވެދިޔަ އަހަރު މާލެ އާއި އަތޮޅު ތެރޭގައި ކުރި އެއްވެސް މުޒާހަރާއެއް، ކޮންޓްރޯލް ކުރުމުގައި ކަރުނަ ގޭސް ބޭނުންކޮށްފައި ނުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ 81 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ 2013 ވަނަ އަހަރުގެ މާޗް މަހުން މިއަހަރުގެ މާޗް މަހުގެ ނިޔަލަށް 57 މުޒާހަރާއެއް ފުލުހުން ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ. އަދި އެއިން އެއްވެސް މުޒާހަރާއެއް ކޮންޓްރޯލް ކުރުމަށް ކަރުނަ ގޭސް ބޭނުންކޮށްފައި ނުވާނެ ކަމަށް ރިޕޯޓްގައި ވެއެވެ.

މީގެ އިތުރުން މުޒާހަރާތައް ކޮންޓްރޯލްކުރުމަށް ހަރަކާތްތެރިވި 50 ފުލުހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި މިދިޔަ އަހަރު ޑިއުޓީގައި ހުރި ފުލުހަކަށް ދިން ހަމަލާއެއްގައި އެ ފުލުސް މީހާ ނިޔާވެފައިވާ ކަމަށް ވެސް ރިޕޯޓްގައި ބުނެފައިވެ އެވެ.

އެކިއެކި މައްސަލަތަކާއި ގުޅިގެން ފުލުހުން ކުރަންޖެހޭ ތަހުގީގުތައް ނިންމުމުގެ މަރުހަލާ މިދިޔަ އަހަރު ދުވަހު ވަރަށް ބޮޑުތަން ކުރިއަރާފައިވާ ކަމަށް ފާހަގަކޮށް، ރިޕޯޓުގައި ބުނެފައިވަނީ، ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން، 4397 މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި 2012 ވަނަ އަހަރާއި ހަމައަށް ނުނިމި ހުރި މައްސަލަތަކުގެ ތެރެއިން 80 ޕަސެންޓް ނިންމާލާފައިވާ ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ޒުވާނުންގެ ތެރެއިން ކުށުގެ ރިކޯޑުގެ މައްސަލަތައް ހުރުމުން، ވަޒީފާ ލިބުން ދަތިވެފައިތިބި، ގިނަ ކުދިންނަށް ކުށުގެ ރިކޯޑް ފޮހެދީފައިވާނެ ކަމަށްވެސް ރިޕޯޓުގައިވެ އެވެ.

ފުލުހުން އާންމުކުރި ރިޕޯޓުގައި ބުނެފައި ވަނީ، ފުލުހުންނަށް އިތުރަށް ކުރިއެރުން ހޯދައިދިނުމަށްޓަކައި، ފާއިތުވެދިޔަ އަހަރު ރާއްޖެއިން ބޭރުގެ ފަރާތްތަކާ ގުޅިގެން ރާއްޖޭގައި 11 ކޯހެއް ހިންގައި 207 ފުލުހަކު ތަމްރީން ކުރެވިފައިވާ ކަމަށެވެ. އަދި އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ ފުލުހުންނަށް 13 ކޯހެއް ހިންގައި 1847 ފުލުހަކު ތަމްރީން ކުރެވިފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ވެއެވެ.

މީގެ އިތުރުން، ފުލުހުން ކުރަމުންގެންދާ ތަހުގީގުގެ މަސައްކަތުގެ ފެންވަރު މަތިކުރުމަށް 11 ކޯހެއް ހިންގައި 1497 ފުލުހަކު ތަމްރީން ކުރުމުގެ އިތުރުން އެހެނިހެން ގޮތްގޮތުން 17 ޕްރޮގްރާމެއް ހިންގައި 11011 ފުލުހަކު ތަމްރީން ކުރެވިފައިވާ ކަމަށްވެސް އެ ރިޕޯޓްގައި ވެއެވެ.

ފުލުހުންގެ ގާބިލްކަން އިތުރަށް ތަރައްގީ ކުރުމަށް ރާއްޖެއިން ބޭރުން ފުލުހުން ހަދާފައިވާ ތަމްރީން ތަކަށްވެސް އެ ރިޕޯޓުގައި ވަނީ އަލި އަޅުވާލައިފަ އެވެ.

އެގޮތުން ރާއްޖެ އިން ބޭރުން އެކި ގައުމުތަކުން 182 ފުލުހަކު ތަމްރީން ހޯދާފައިވާ ކަމަށާއި އޭގެ ތެރޭގައި އެމެރިކާގެ އެފްބީއައި އިން ރާއްޖޭގެ 22 ފުލުހަކަށް ތަމްރީން ދިނުމާއި ސްރީލަންކާގައި ދިވެހި 24 ފުލުހަކަށް ސްވޮޓް ތަމްރީން ދިނުމާއި 30 ފުލުހަކު ބޮޑީ ގާޑުންގެ ގޮތުގައި ތަމްރީން ވެފައިވާ ކަމަށްވެސް ފުލުހުންގެ ރިޕޯޓްގައި ވެއެވެ.

މީގެ އިތުރުން ފުލުހުންގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރުމަށް ހަތަރު ފުލުހަކު ބަހްރެއިން އަށާއި ތުރުކީއަށް ފޮނުވިފައި ވާކަމަށް ވެސް އެ ރިޕޯޓްގައި ވެއެވެ.