ބިދޭސީން ރިޓަޔަމަންޓް ޕެންޝަން ސްކީމުގައި ބައިވެރިކުރުން އަންނަ މެއި މަހުގެ 15 އަށް ފަސްކޮށްފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ޕެންޝަން އޮފީހުގެ ޑިރެކްޓަރު އިސްމާއީލު ޝުޖާއު ވިދާޅުވީ ޕެންޝަން ސުކީމްގައި ބިދޭސީން ބައިވެރިކޮށް މިއަދުގެ ނިޔަލަށް ނިންމަންޖެހޭނެ ކަމަށް ކުރިން ހަމަޖައްސާފައި އޮތް ނަމަވެސް މިއަދު އެ ނިންމުން ބަދަލުކޮށްފައިވާ ކަމަށެވެ.

ބިދޭސީން ޕެންޝަންގައި ބައިވެރިކުރުމާއި ފައިސާ ދައްކަން ފެށުން އަންނަ މެއި މަހުގެ 15 ވަނަ ދުވަހަށް ފަސްކޮށްފައި ވަނީ އެ މަސައްކަތް ކުރުމަށް ވަޒީފާދޭ ފަރާތްތަކަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުންނެވެ.

އޭނާ ވިދާޅުވީ ބިދޭސީން ޕެންޝަން ސުކީމްގައި ބައިވެރިކުރުމަކީ އިޚްތިޔާރީ ކަމަކަށް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައި ވާތީ އެއީ ވެސް އެ ނިންމުން ނިންމަންޖެހުނު ސަބަބުތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

ބިދޭސީން ޕެންޝަން ސުކީމްގައި ބައިވެރިކުރުން އިޚްތިޔާރީ ކަމަކަށް ހެދުމަށް ޓަކައި ޕެންޝަނާ ބެހޭ ގާނޫނު އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރެވެ.