31 Mar 2014, 21:35
"ދިވެހިރާއްޖެއަކީ ކުދި ޤައުމުތަކުގެ ތެރެއިން ޤައުމެއް. ދުނިޔޭގައި ކަންތައްތައް ހިނގަމުންދާ މިސްރާބު ބަދަލު ކޮށްލެވޭ ފަދަ މަގާމެއްގައެއް ނޫން އަޅުގަނޑުމެން މި ތިބީ. ނަމަވެސް ތިޔަ ބޭފުޅުން މިއަދު ކުރައްވާ ނުވަތަ ނުކޮށް ދޫކޮށްލައްވާ ކަމެއްގެ ސަބަބުން އަޅުގަނޑުގެ ރައްޔިތުންގެ މުސްތަގުބަލާ މެދު ނިޔާ ކަނޑައެޅޭނެ."
މިއީ 1997 ވަނަ އަހަރުގެ ޑިސެންބަރު މަހު، ޖަޕާނުގެ ކިޔޯޓޯގައި ބޭއްވުނު "ޔުނައިޓެޑް ނޭޝަންސް ފްރޭމްވާރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް" ކޮންފަރެންސުގައި، ދިވެހިރާއްޖޭގެ އެއިރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމު ވިދާޅުވި ބަސްފުޅުތަކެކެވެ.
އެއިރުއްސުރެ މިއަދާ ހަމަޔަށް ވެސް ދިވެހީންގެ ނާރުތަކަށް އެންމެ ބާރު ކުރުވާ، ދިވެހީންނަށް އެންމެ ހައްސާސީ އެއް މައްސަލައަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ޚަލަލުތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ލިބިދާނެ ގެއްލުންތަކެއްގެ މައްސަލައެވެ.
އަލްފާޟިލް މުޙައްމަދު ނަޝީދު ދިވެހިރާއްޖޭގެ ރައީސްކަމާ ހަވާލު ވެވަޑައިގަތުމަށް ފަހު އެންމެ ސީރިއަސް އެއް މައްސަލައެއްގެ ގޮތުގައި ނެންގެވީ ވެސް ތިމާވެށްޓަށް ލިބޭ ގެއްލުންތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ކުރާނެ އަސަރުތަކުގެ މައްސަލައެވެ. ރައީސްކަމުގެ ހުވާ ކުރެއްވިތާ ހަފްތާއެއްގެ ތެރޭގައި، އިނގިރޭސި ވިލާތުގެ "ގާރޑިއަން" ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖެ އަޑިޔަށް ހިނގައިދާނެތީ، އިންޑިޔާ ނުވަތަ ސްރީ ލަންކާ ނުވަތަ އޮސްޓްރޭލިޔާއިން ދިވެހީންނަށް ބިން ގަތުމާ މެދު ވިސްނާވަޑައިގަންނަވާ ކަމަށެވެ.
"ދިވެހިރާއްޖެ" އަޑިޔަށް ހިނގައިދާނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ދެއްކެވި ވާހަކަތަކާ މެދު ހޫނު ބަހުސްތަކެއް ހިނގިއެވެ. ބައެއް މީހުންބުނީ އެއީ "ތާކުންތާކު ނުޖެހޭ، ގައުމަށް ގެއްލުން ހުރި" ވާހަކަތަކެއް ކަމަށެވެ. އެފަދަ ވާހަކަތަކުގެ ސަބަބުން ރާއްޖޭގައި އިންވެސްޓު ކުރަންބޭރުގެ އިންވެސްޓަރުން ބިރުގަންނާނެ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ދިވެހީންގެ އިގުތިސާދު ހަލާކު ވެދާނެ ކަމަށެވެ. އަނެއްކޮޅުން، ބައެއް މީހުން ބުނަމުން ދިޔައީ ރައީސް ނަޝީދު ވިދާޅުވި އެއްޗަކީ އަޑު އަހަން ފަސޭހަ ނޫނަސް ހަގީގަތެއް ކަމަށެވެ. އެމީހުންގެ ސުވާލަކީ، އިންވެސްޓަރުން ބިރުގެންފާނެ ކަމަށް، ބައިނަލްއަގުވާމީ މަންސަތަކާއި މައްސަލައިގެ ވާހަކަ ނުދައްކައި ހައްޕު ކިޔައިގެން ތިއްބައި ދުނިޔޭގެ ކަނޑުތައް އުފުލި، ރާއްޖޭގެ ރަށްތައް ކަނޑުގެ އަޑިޔަށް ދިޔުމުން، ދެން ރާއްޖެއަށް އަންނާނީ ކޮން އިންވެސްޓަރުންނެއް ހެއްޔޭ މިއެވެ.
ފަސްވަނަ އެސެސްމަންޓް ރިޕޯޓް
ދުނިޔޭގެ މޫސުމަށް އަންނަ ތަބީއީ ނޫން، ނޭދެވޭ ބަދަލުތަކާއި، އޭގެ ސަބަބުން ދުނިޔެއަށާއި އިންސާނިއްޔަތަށް ލިބިދާނޭ ބޮޑެތި ގެއްލުންތަކާ މެދު ފުޅާ ދާއިރާއެއްގައި ދިރާސާ ކުރާ އެންމެ މުހިއްމު އެއް ޖިސްމަކީ އަލިފުދާލުން އިސް ނަގައިގެން އުފައްދައިފައި ވާ "އިންޓަރގަވަރންމަންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް" (އައިޕީސީސީ) އެވެ. 1988 ވަނަ އަހަރު އުފެދުނު މި ޕެނަލުގެ މެންބަރުންގެ ގޮތުގައި ތިއްބަވަނީ މެންބަރު ދައުލަތްތަކުގެ ސަރުކާރުތަކުގެ މަންދޫބުންނާއި، ދުނިޔޭގެ މޫސުމާ ބެހޭ ދިރާސާތައް ކުރައްވާ ފުންނާބު އުސް ސައެންސްވެރީންނެވެ. މި ޕެނަލުން ކުރާ އެންމެ މުހިއްމު މަސައްކަތަކީ "ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް" ގެ ދަށުން، މޫސުމާ ބެހޭ ކަންކަން ދިރާސާ ކޮށް، ރިޕޯޓުތައް ތައްޔާރު ކޮށް، އެ ރިޕޯޓުތަކުގެ ޒަރީޢާއިން، މޫސުމާ ބެހޭ މައްސަލަތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމެވެ.
އައިޕީސީސީގެ ފަރާތުން މިހައިތަނަށް، ދުނިޔޭގެ މޫސުމާއި ތިމާވެށްޓަށް އަންނަ ބަދަލުތައް ދިރާސާ ކޮށް، ހަތަރު އެސެސްމެންޓް ރިޕޯޓު ނެރެފައި ވެއެވެ. ފުރަތަމަ ރިޕޯޓު ނެރުނީ 1990 ވަނަ އަހަރުއެވެ. ދެވަނަ ރިޕޯޓު 1995 ގައެވެ. ތިންވަނަ ރިޕޯޓު 2001 ގައެވެ. ހަތަރުވަނަ ރިޕޯޓު 2007 ގައެވެ. އައިޕީސީސީގެ ފަސްވަނަ އެސެސްމަންޓް ރިޕޯޓުގެ ތިން ބައިގެ ތެރެއިން ފުރަތަމަ ބައި 2013 ވަނަ އަހަރު ނެރެވިފައި ވާ އިރު، ދެވަނަ ބައި ވަނީ މިއަދު، ޖަޕާނުގެ ޔޮކޮހާމާގައި ބޭއްވުނު އައިޕީސީސީގެ ބައްދަލުވުމުގެ ނިންމުމާ ދިމާކޮށް، ޝާއިޢު ކުރެވިފައެވެ.
ފަސްވަނަ އެސެސްމަންޓް ރިޕޯޓުގެ މިއަދު ނެރެވުނު ބައިގައި އަލި އަޅުވައިލެވިފައި ވާ މައިގަނޑު މައްސަލައަކީ މޫސުމަށް އަންނަ ބަދަލުތަކާއެކު ދުނިޔޭގެ ހޫނުމިން މަތި ވަމުންދާ މައްސަލައެވެ. ދުނިޔޭގެ މޫސުމަށް ނޭދެވޭ ބަދަލުތަކެއް އައިސް، ދުނިޔެ ހޫނު ވަމުން ދާ ކަމަށް 2007 ވަނަ އަހަރާ ހަމަޔަށް ލިބިފައި ހުރި ސައެންސީ ހެކިތައް މިހާރު ދެ ގުނަ އިތުރު ވެފައި ވާ ކަމަށް މިއަދު ނެރެވުނު ރިޕޯޓުގައި ބުނެފައި ވެއެވެ. އަދި ދުނިޔެ ހޫނު ވެ، ދުނިޔޭގެ ދެ ތަނޑުގައި ހުރި ބޮޑެތި އައިސްގަނޑުތައް ވިރި، ކަނޑުތަކުގެ ލޮނުގަނޑު އުފުލޭނެ ވާހަކައަކީ ސަމާސާއެއް ނުވަތަ ޚިޔާލީ ވާހަކައެއް ނޫން ކަމަށް ސައެންސީ ފުރިހަމަ ހެކި ލިބިފައި ވާ ކަމަށާއި، މިކަން ހިނގަނީ "އިންސާނުންގެ އަތުންފައިން ގެންނަ ފަސާދަތަކުގެ" ސަބަބުން ކަމަށް ވެސް ރިޕޯޓުގައި ސަރީހަކޮށް ބުނެފައި ވެއެވެ. ދުނިޔޭގެ ޖައްވަށް އިންސާނުން ބޭރު ކުރާ ވިހަ ގޭސްތަކަކީ މީގެ އެންމެ ނުރައްކައުތެރި ބަހާއެވެ.
ދުނިޔޭގެ އެތައް ޤައުމަކުން، 300 ސައެންސްވެރީންނާއި ތަޖުރިބާކާރުންގެ މަސައްކަތާ އެކު، އެކުލަވައިލައި ޝާއިޢު ކުރެވުނު އައިޕީސީސީގެ ރިޕޯޓުގައި ބުނެފައި ވާ ގޮތުން، ކުރިޔަށް އޮތް 85 ވަރަކަށް އަހަރުގެ ތެރޭގައި، ދުނިޔޭގެ ފިނިހޫނުމިނުގެ ނިސްބީ މިންވަރު 0.3 ޑިގްރީ ސެލްސިއަސް އާއި 4.8 ޑިގްރީ ސެލްސިއަސްއާ ދެމެދުގެ މިންވަރަކަށް މަތި ވާނެއެވެ. މި މުއްދަތުގެ ތެރޭގައި ދުނިޔޭގެ ކަނޑުތައް 10 އިންޗި އާއި 32 އިންޗިއާ ދެމެދުގެ މިންވަރަކަށް އުފުލޭނެ ކަމަށް ވެސް ރިޕޯޓުގައި އަންދާޒާ ކޮށްފައި ވެއެވެ. އެގޮތުން ކަނޑުގެ ލޮނުގަނޑު އުފުލޭ އިރު، ނިއު ޔޯރކުގެ މަޝްހޫރު "ސްޓެޗޫ އޮފް ލިބަރޓީ" އާއި، އޮސްޓްރޭލިއާގެ "ސިޑްނީ އޮޕޭރާ ހައުސް" އާ އެކު، ދުނިޔޭގެ ސަގާފީ ތަރިކަތައް ކަމަށް ޔުނެސްކޯއިން ކަނޑައަޅައިފައި ވާ ތަންތަނުގެ ފަސް ބައި ކުޅަ އެއް ބައި، ކަނޑުގެ އަޑިއަށް ދާނެ ކަމަށް ވެސް ރިޕޯޓުގައި ސައެންސްވެރީން ވަނީ އިންޒާރު ދީފައެވެ.
ދިވެހި ރާއްޖެ އެންމެ ނާޒުކު ގައުމުތަކުގެ ތެރޭގައި
ޔުނައިޓެޑް ނޭޝަންސް އެންވާރަމަންޓް ޕްރޮގްރާމުގެ ދަށުން ހިނގާ، "ސައުތު ޕެސިފިކް އެޕްލައިޑް ޖިއޯސައެންސް ކޮމިޝަން" (އެސްއޯޕީއޭސީ) ގެ "އެންވާރަމަންޓް ވަލްނަރެބިލިޓީ އިންޑެކްސް" (އީވީއައި) ގައި ދިވެހިރާއްޖެ އޮންނަނީ ތިމާވެށީގެ މައްސަލަތަކުގައި އެންމެ ނާޒުކު، އަދި ނުރައްކަލަށް އެންމެ ބޮޑަށް ހުރަހޮޅިފައިވާ ގައުމުތަކުގެ ތެރޭގައެވެ. "އެކްސްޓްރީމްލީ ވަލްނަރަބަލް" ފަންތީގައެވެ.
ލަންޑަނާއި ކޭންކަންގައި އެ ޖަމާއަތެއްގެ މައި މަރުކަޒުތައް ގާއިމު ކުރެވިފައި ވާ "ކްލައިމެޓް ވަލްނަރެބިލިޓީ މޮނިޓަރ" ގެ ލިސްޓުގައި ރާއްޖެ ހިމަނާފައި ވަނީ ވެސް އެންމެ ނާޒުކު ގައުމުތަކުގެ ތެރޭގައެވެ. އެ ޖަމާއަތުގެ މިންގަނޑުން "އެކިޔުޓް" ފަންތީގައެވެ.
ތިމާވެށީގެ ގޮތުން އެންމެ ނާޒުކު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ރާއްޖެއަކީ ބިން ތިރި ގައުމަކަށް ވުމެވެ. "ސީއައިއޭ ވޯރލްޑް ފެކްޓްބުކް" ގައި އޮންނަ ގޮތުން ރާއްޖޭގެ 1192 ރަށުގެ ތެރެއިން 80 އިން ސައްތަ ރަށުގެ ބިން، ކަނޑުގެ ސަތުހުން މައްޗަށް އުފުލިފައި ވަނީ އެއް މީޓަރަށެވެ. ނުވަތަ އެއަށް ވުރެ ވެސް ކުޑަކޮށެވެ. ރާއްޖޭގެ ރަށްތަކުގެ ނިސްބީ އުސްމިނަކީ ހަތަރު ފޫޓެވެ. އެންމެ އުސް ހިސާބުތަކުގައި ހުންނަނީ އަށް ފޫޓެވެ. ރާއްޖެއަކީ ދުނިޔޭގެ އެންމެ ބިން ތިރި ގައުމެވެ. އެހެންކަމުން، ދުނިޔޭގެ ކަނޑުގެ ލޮނުގަނޑު ތިންހަތަރު ފޫޓަށް އުފުލޭ އިރު ދިވެހި ރާއްޖޭގެ ބޮޑުބައެއް އޮންނާނީ ކަނޑުގެ އަޑީގައެވެ. އެއަށްވުރެ މައްޗަށް ތިންހަތަރު ފޫޓަށް ލޮނުގަނޑު އުފުލުމުން، ރާއްޖޭގެ ބާކީ އޮތް ނަމަ އޮތް ތަންކޮޅެއް ވެސް އިންޑިޔާ ކަނޑުގެ އަނދިރި، ބިރުވެރި ފުންކަމުގެ ތެރެއަށްގެނބި، ނެތިގެން ހިނގައިދާނެއެވެ.
އަލިރަސްގެފާނާއި ބޮޑުތަކުރުފާނާއި ދޮންބަންޑާރައިންގެ ދަރީންގެ ތާރީހު އެއިރުން ޖެހޭނީ މުޅީން އައު ބާބަކުން ފަށާށެވެ. އެ ބާބެއްގައި ކުރަހައިލެވޭ ޗާޓުގައި ވިލިނގިއްޔާއި އުތީމާއި ތަކަންދުވެއް ނޯންނާނެއެވެ. "ކޮންފަދަ ނަސީބެއްތޯއެ މީ، ދޮންވެލި ބިމެއްގައި ލެއްވުމީ" ފަދަ ޅެންތައްދެން ވެގެން ދާނީ ދިވެހީން ހިތާމައިގެ ހިމޭންކަމުގައި ތިބެ އިއްވާ އާހުތަކަކަށެވެ.
ބޮޑު ސުވާލު
ދިވެހިރާއްޖެ ފަދަ ގައުމުތައް ކަނޑުގެ އަޑިޔަށް ދާ ވަރަށް ދުނިޔޭގެ ކަނޑުތަކުގެ ލޮނުގަނޑު އުފުލިދާނެ ބާވައެވެ! ސައެންސީ ގޮތުން ބަލާ އިރު އެފަދަ ގޮތެއް ވުމުގެ އެކަށޭނަކަން ހުރީ ކިހައި މިންވަރެއްގައި ބާވައެވެ! މި ސުވާލަށް ދުނިޔޭގެ ސައެންސްވެރީންގެ އެތައް ބޭފުޅުން ވަނީ ޖަވާބު ދެއްވާފައެވެ. އައިޕީސީސީގެ "ފަސްވަނަ އެސެސްމަންޓް ރިޕޯޓް" ގެ މިއަދުގެ ބައި ޝާއިޢު ކުރުމުގެ މާ ކުރީން ވެސް، ސައެންސްވެރީންނާއި ތަޖުރިބާކާރުންނާއި ލީޑަރުން ވަނީ އެ ވާހަކަ ދައްކަވައިފައެވެ. އައިޕީސީސީގެ ރިޕޯޓުގައި ބުނެފައި ވަނީ ދުނިޔެ ހޫނު ވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ވާހަކައަކީ ވަރަށް ސީރިއަސް ވާހަކައެއް ކަމަށާއި، އެކަންތައް ހިނގާ ކަމަށް ފުރިހަމަ ސައެންސީ ހެކި ހުރި ކަމަށެވެ.
އައިޕީސީސީގެ ރިޕޯޓަށް ވުރެ ތަންކޮޅެއް ކުރިޔަށް، މާޒީގެ ތެރެއަށް ޖެހިލަމާތޯއެވެ.
ކަނޑުގެ ލޮނުގަނޑު އުފުލިގެން، ބިން ތިރި ސަރަހައްދުތަކަށް ނުރައްކަލެއް އަތުވެދާނެތޯ މި ސުވާލަށް، ސައެންސްވެރީންގެ ދިރާސާތަކުގެ އަލީގައި، އެންމެ ފުރިހަމަޔަށް ޖަވާބު ދެއްވި އެއް ބޭފުޅަކީ އެމެރިކާގެ ކުރީގެ ނާއިބު ރައީސް އަލްބަރޓް އާރނޯލްޑް ގޯރ، ނުވަތަ އަލްގޯރ އެވެ. އެއީ ދުނިޔެ ހޫނުވުމާއި، އޭގެ ސަބަބުން އިންސާނީ ހަޔާތަށް ލިބޭނެ ގެއްލުންތަކާ މެދު އޭނާ ތައްޔާރު ކުރައްވައި، ދުނިޔޭގެ އެތައް ތަނެއްގައި ހުށަހެޅުއްވި ޕްރެޒެންޓޭޝަންތަކެއްގެ ވަސީލަތުންނެވެ.
އޭން އިންކޮންވީނިއެންޓް ޓްރުތް
އަލްގޯރގެ ޕްރެޒެންޓޭޝަންތައް،" އޭން އިންކޮންވީނިއެންޓް ޓްރުތް" މި ނަން ކިޔާ ޑޮކިޔުމެންޓްރީ ފިލްމެއްގެ ގޮތުގައި 2006 ވަނަ އަހަރު ނެރެވިފައި ވެއެވެ. ދުނިޔޭގައި މިހައިތަނަށް އުފެއްދި އެންމެ މަޝްހޫރު، އަދި އެންމެ ބޮޑު އާމުދަނީއެއް ހޯދި އެއް ޑޮކިޔުމެންޓްރީ ފިލްމަކީ މިއެވެ. 2007 ވަނަ އަހަރު އެމެރިކާގެ އެކަޑަމީ އެވޯރޑުގައި އެއްވަނަ ޑޮކިޔުމެންޓްރީ ފިލްމުގެ އެވޯޑު ވެސް ލިބުނީ މި ފިލްމަށެވެ.
އަލްގޯރ ވިދާޅުވާ ގޮތުގައި ދުނިޔެ ހޫނު ވަމުންދާ ކަމަށް ސައެންސުގެ އަލީގައި ޔަގީނީ ހެކި ލިބެއެވެ. އޭނާ ވަނީ އިންސާފުން ވިސްނާ ކޮންމެ މީހަކުއޭނާގެ ބަސްފުޅު ގަބޫލު ކުރަން މަޖުބޫރު ވާ ވަރަށް ހެކި ދައްކަވައިފައެވެ. އެތައް ލައްކަ އަހަރު ކުރީއްސުރެ ދުނިޔޭގެ ތިމާވެއްޓާއި ފިނިހޫނުމިން އޮތް ގޮތާއި، އެ ކަންކަމަށް ވެއަތު ވެދިޔަ ސާޅީހަކަށް އަހަރުގެ ތެރޭގައި އައިސްފައި ވާ ބޮޑެތި ބަދަލުތަކަށް އަލި އަޅުއްވައިލައްވާފައެވެ. މިގޮތުން އަންނަ ބޮޑެތި ބަދަލުތަކާ ވިދިގެން ދުނިޔޭގެ އުތުރު ތަނޑިޔާއި، ދެކުނު ތަނޑިޔާއި، ގްރީން ލޭންޑް ފަދަ ސަރަހައްދުތަކުގައި ހުރި ބޮޑެތި އައިސްގަނޑުތައް ވިރިގެން ދުނިޔޭގެ ކަނޑުތަކަށް އެޅިގެން ދާނޭ ގޮތް ދައްކަވައިފައެވެ.
އަލްގޯރގެ ޕްރެޒެންޓޭޝަނުގައި އެ ހާދިސާއެއްގެ ވާހަކަ ބަޔާން ކުރައްވާފައި ވާ އެއް ހާދިސާއަކީ 2002 ވަނަ އަހަރު ހިނގި ހާދިސާއެކެވެ. އެއީ ދުނިޔޭގެ ދެކުނު ތަނޑީގައި، އެންޓާރކްޓިކުގައި ހުންނަ ބިޔަ އައިސްގަނޑުތަކުގެ ތެރެއިން "ލާރސަން ބީ. އައިސް ޝެލްފް" ގެ ނަން ދެވިފައި ވާ އައިސްގަނޑުން 500 ބިލިއަން ޓަނުގެ ބައެއް ތިރީހަކަށް ދުވަހުގެ ތެރޭގައި ވިރިގެން ކަނޑުގެ ލޮނުގަނޑާ އެކުވެގެން ދިޔަ ހާދިސާއެވެ. އެ ހާދިސާއާ ގުޅިގެން ދުނިޔޭގެ ކަނޑުގެ ލޮނުގަނޑުގެ އުސްމިނަށް ބަދަލެއް އައިސްފައެއް ނުވެއެވެ. އޭގެ ސަބަބަކީ ވިރިގެން ދިޔަ އައިސްގަނޑަކީ "ސީ-ބޭސްޑް" އައިސްގަނޑަކަށް ވުމެވެ. އެހެނީ ސައެންސުން އަޅުގަނޑުމެންނަށް އެނގޭ ގޮތުގައި ކަނޑުގެ ލޮނުގަނޑު އުފުލެނީ ހަމައެކަނި "ލޭންޑް-ބޭސްޑް" އައިސްގަނޑުގަނޑު ވިރި ކަނޑަށް އެޅުމުންނެވެ.
ނަމަވެސް މި ހާދިސާއަކީ އިންޒާރުގެ ނުހަނު އަޑު ހަރު ރަނގަބީލެކެވެ. އެހެނީ ލާރސަން ބީ އައިސް ޝެލްފާ 20 ނުވަތަ 25 ވަރަކަށް މޭލު ދުރުގައި ދެން އޮތީ "ލޭންޑް-ބޭސްޑް" އައިސްގަނޑުތަކުގެ ސިލްސިލާއެކެވެ. ހަމައެފަދައިން، ދުނިޔޭގެ އުތުރުތަނޑިޔާ ކައިރީގައި އޮންނަ ގްރީންލޭންޑުގައި އޮންނަ ބިޔަ އައިސްގަނޑަކީ ވެސް "ލޭންޑް-ބޭސްޑް" އައިސްގަނޑެކެވެ. މި އައިސްގަނޑުތައް ވިރި، ކަނޑަށް އެޅުމުގެ ހުރިހާ ނިޝާންތަކެއް ދަނީ ފެންނަމުންނެވެ. މިހާރުވެސް ވެސްޓް އެންޓާރކްޓިކްގެ ލޭންޑް-ބޭސްޑް އައިސްގަނޑުގެ ބައިތައް ދަނީ މަޑުމަޑުން ވިރި، ކަނޑަށް އެޅެމުންނެވެ. ލާރސަން ބީ. އައިސް ޝެލްފް ވިރިގެން ދިޔުމުގެ ކުރީން އެ އައިސްގަނޑުގައި އުފެދުނު ފަދަ ކުދިކުދި ކުޅިތަކެއް ގްރީންލޭންޑުގެ އައިސްގަނޑުގައި މިހާރު ވަނީ އުފެދިފައެވެ.
އައިޕީސީސީގެ ކުރީގެ ދިރާސާތަކުން ދައްކާ ގޮތުގައި، ގްރީންލޭންޑުގެ ސަރަހައްދުގެ ހޫނުމިން މަތިވަމުން އަންނަނީ ދުނިޔޭގެ އެހެނިހެން ސަރަހައްދުތަކުގެ ހޫނުމިން މަތިވާ މިންވަރަށް ވުރެ ވެސް ގާތްގަނޑަކަށް ދެތިން ގުނަ ބާރަށެވެ. މީގެ ސަބަބުން ގްރީންލޭންޑުގެ ލޭންޑް-ބޭސްޑް އައިސްގަނޑު ވިރިގެން ދިޔުމުގެ އަލާމާތްތައް ފެންނަން ފަށާފައި ވާ އިރު، އެކަމާ ބެހޭގޮތުން، އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއަރގެ ޗީފް ސައެންސް އެޑްވައިޒަރ ސަރ ޑޭވިޑް ކިންގ، ބްލެއަރަށް ލަފާ ދެއްވާފައި ވަނީ "ގްރީންލޭންޑުގެ ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ޗާޓު އަލުން ކުރަހަން ޖެހިދާނެ" ކަމަށް ވިދާޅުވެއެވެ.
އަލްގޯރގެ ޕްރެޒެންޓޭޝަނުގައި ވިދާޅުވެފައި ވަނީ ގްރީންލޭންޑުގެ އައިސްގަނޑުން ދެބައިކުޅަ އެއްބަޔާއި، ވެސްޓް އެންޓާރކްޓިކް އައިސްގަނޑުން ދެބައިކުޅަ އެއްބައި ވިރިގެން ހިނގައްޖެ ނަމަ ދުނިޔޭގެ ކަނޑުތައް ގާތްގަނޑަކަށް 20 ފޫޓަށް އުފުލޭނެ ކަމަށެވެ. މިއީ ހީނުކުރާހައި އަވަހަށް ވެސް ވެދާނެ ކަމެކެވެ. އެހެން ވެއްޖެ ނަމަ، އެމެރިކާގެ ފްލޮރިޑާ، ސެން ފްރާންސިސްކޯ، އަދި މެންހާޓްންއާއި، ނެދަރލޭންޑާއި، އިޓަލީގެ ވެނިހާއި، ޗައިނާގެ ބެއިޖިންގ، އަދި ޝެންގހާއީ ސަރަހައްދާއި، އިންޑިޔާގެ ކަލްކަތާއާއި، ބަންގްލަދޭޝްގެ ދެކުނު އައްސޭރި ފަދަ ސަރަހައްދުތަކުގެ ބޮޑު ބައެއް އޮންނާނީ ކަނޑު އަޑީގައެވެ. މާރޝަލް އައިލެންޑާއި، ފިޖީއާއި، ކިރިބަތީއާއި، ތުވާލޫއާއި، އަޅުގަނޑުމެންގެ ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތައް އެއިރު އޮންނާނީ ފުން ކަނޑުގެ ފައިތަޅާއަށް ފައިބައިގެން ގޮސްފައެވެ. މިއިން ތާކު ގައުމުގެ "މަހާނަގާ" ބަހައްޓާނޭހައި ހިކި ތަންކޮޅެއް ވެސް ނޯންނާނެއެވެ.
މާދަމަޔާ މެދު ވެސް އިތުބާރެއް ނެތް
ހާލަތުގެ ނާޒުކުކަން އިތުރުކުރާ ކަމަކީ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކަކީ "ނޮންލީނިއަރ" ބަދަލުތަކަކަށް ވާކަމެވެ. "ނޮންލީނިއަރ" އޭ މި ދަންނަވަނީ އެ ބަދަލުތައް ހީ ވެސް ނުކުރާ ގޮތްގޮތަށް، ސައެންސުގެ އަލީގައި ކުރެވޭ އަންދާޒާތަކާ މުޅީން ހިލާފަށް، ކުއްލި ކުއްލިޔަށް އަތުވެދާނެ ވާހަކައެވެ. އެ ބަދަލު ތަކަކީ ކުރެވޭ ލަފާތަކާ މުޅީން އެއްގޮތަށް، މަޑުމަޑުން އަންނަ ބަދަލުތަކެއް ކަމުގައި ނުވާ ވާހަކައެވެ. މިހެން ވަނީ، އެ ބަދަލުތައް އަންނަން މެދުވެރި ކުރުވާ ސަބަބުތައް ގިނަ ވުމާއި، އެ ސަބަބުތަކުގެ ހަރަކާތްތައް ހުންނަ ގޮތުންނެވެ. މިކަން 2002 ވަނަ އަހަރު އެންޓާރކްޓިކްގެ އައިސްގަނޑު ވިރިގެން ދިޔަ ހާދިސާއިން ވެސް ފެނުނެވެ.
ސައެންސްވެރީން ކުރީން ގަބޫލު ކޮށްގެން ތިބީ، އެންޓާރކްޓިކް ސަރަހައްދުން ވިރުނު ލާރސަން ބީ. އައިސް ޝެލްފް، ފަހަކަށް އައިސް ދުނިޔެ ހޫނު ވަމުންދިޔަ ރޭޓުގައި ވެސް، ގާތްގަނޑަކަށް ސަތޭކަ ވަރަކަށް އަހަރު ވަންދެން ސަލާމަތުން ދެމިއޮންނާނެ ކަމަށެވެ. ނަމަވެސް 2002 ގެ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހުން ފެށިގެން އެ އައިސްގަނޑު ވިރެން ފެށި ގޮތަށް، ތިރީހަކަށް ދުވަހުގެ ތެރޭގައިއެމެރިކާގެ ރޯޑް އައިލެންޑް ވަރުގެ ސަރަހައްދެއް ފެނަށް ވެ، ކަނޑުގެ ލޮނުގަނޑާ އެކުވެގެން ދިޔައެވެ. މި ހާދިސާއާ ވިދިގެން ސައެންސްވެރީން ތިބީ ބަސް ހުއްޓިފައެވެ. އަލްގޯރ ވިދާޅުވީ، "ސައެންސްވެރީން ތިބީ ހައިރާން ވެ އަންތަރީސް ވެފައި. އެހައި އަވަހަށް އެ އައިސްގަނޑު ވިރިގެން ދިޔައީ ކޮންފަދަ ސަބަބަކާ ހުރެ ތޯ މި ސުވާލަށް ދޭނެ ހަމަ އެއްވެސް ޖަވާބެއް އުޑުދަށަކުން އެމީހުންނަކަށް ނުފެނުނު" މިހެންނެވެ.
ކަން މިހެން އޮތުމާއެކު، ގްރީންލޭންޑާއި ވެސްޓް އެންޓާރކްޓިކްގެ ލޭންޑް-ބޭސްޑް އައިސްގަނޑުތައް ވިރޭނީ ކޮން އިރަކު ކަން އެނގޭނެ ގޮތަކީ ކޮބައިބާވައެވެ! ކުރީންވެސް ދެންނެވި ފަދައިން މި އައިސްގަނޑުތައް ވިރިގެން ދިޔުމުގެ ހުރިހާ ސައެންސީ ނިޝާންތަކެއް މިހާރު ވަނީ ފެނިފައެވެ. މޫސުމީ ބަދަލުތަކަކީ "ނޮން-ލީނިއަރ" ބަދަލުތަކަކަށް ވެފައި، ލާރސަން ބީ. އައިސް ޝެލްފުގެ ތަޖުރިބާއިން ލިބޭ ފިލާވަޅުތަކަށާއި، ގްރީންލޭންޑުގެ އައިސްގަނޑުތަކަށް އަންނަ ބަދަލުތަކަށް ބަލައިފައި ދަންނަވަން ޖެހެނީ މާދަމާ ވާނެ ގޮތަކާ މެދު ވެސް ހަގީގަތުގައި އިތުބާރެއް ނެތް ކަމަށެވެ.
ކަންމިހެން އޮއްވައި، މިއަދު ނެރުނު އައިޕީސީސީގެ ރިޕޯޓާ އެކު، އިތުރު ނުތަނަވަސްކަމެއް ވަނީ އުފެދިފައެވެ.
ފެންނާން އޮތް ހަގީގަތްތައް
ކަނޑުގެ ލޮނުގަނޑު އުފުލުގެ ސަބަބުން ކަނޑަށް ގެނބިގެންދާ ފުރަތަމަ ބިން ކަމުގައެއް ދިވެހި ރާއްޖޭގެ ބިން ނުވާނެއެވެ. ޕެސިފިކް ކަނޑުގައި އޮންނަ ދިވެހި ރާއްޖެ ފަދަ ޖަޒީރާ ގައުމެއް ކަމަށް ވާ ކިރިބަތީގެ ދެ ރަށެއް 1999 ވަނަ އަހަރު ވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ޝިކާރައަށް ވެފައެވެ. ކަނޑުގެ ލޮނުގަނޑު އުފުލުގެ ނަތީޖާއެއްގެ ގޮތުން 2005 ވަނަ އަހަރު ޕަޕުއާ ނިއު ގިނީގެ ރަށްތަކަކުން މީހުން ބާލަން ޖެހުނެވެ. ހަމައެފަދައިން، 2005 ވަނަ އަހަރު ވަނުއާޓޫގެ ޓެގުއާ އިން ވެސް މީހުން ބާލަން ޖެހުނެވެ. އެއީ ވެސް ލޮނުގަނޑު އުފުލުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ބަންގްލަދޭޝްގެ އައްސޭރިފަށުގައި އޮންނަ "ސައުތު ތަލްޕައްތީ" އެވެ ކިޔޭ ރަށެއް ވެސް ދާދި ފަހުން ވަނީ ކަނޑުގެ ލޮނުގަނޑުގެ ތެރެއަށް ގިރިގެން ގޮސްފައެވެ. އޭގެ އެއް ސަބަބެއް ކަމަށް ސައެންސްވެރީން ބުނެފައި ވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމެވެ.
އެހެންކަމުން، ކަނޑުގެ ލޮނުގަނޑު އުފުލިގެން ބިންތަކެއް ނެތިގެން ހިނގައިދާނެ ކަމީ އަޅުގަނޑުމެންގެ ލޮލަށް ފެނި، އަތުން ހިފިފައި ވާ ހަގީގަތެކެވެ. އެކަން ވަނީ ހިނގައިފައެވެ. ވީއިރު، ކުރިޔަށް އޮތް ތަނުގައި އެކަން ނުހިނގާނޭ ކަމަށް ބުނެވޭނީ ކިހިނެއްތޯއެވެ؟
ދުނިޔޭގެ ތިމާވެށި ހަލާކު ކޮށް، ދުނިޔެ ހޫނުވުން ފަދަ ކަންތައްތަކަށް މަގުފަހިކުރާ އަމަލުތައް ހުއްޓުވުމަށް ކުދި ގައުމުތަކުން ދުނިޔޭގެ ބާރުތަކަށް އާދޭސް ކުރާތާ އެތައް އަހަރެއް ވެއްޖެއެވެ. ނަމަވެސް އަޅުގަނޑުމެންގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމު ވިދާޅުވި ފަދައިން އަޅުގަނޑުމެން މިތިބީ އެކަން އަމިއްލަޔަށް ކުރެވޭ ފަދަ މަގާމެއްގައެއް ނޫނެވެ. އެކަން ކުރެވޭނީ ދުނިޔޭގެ ބާރުގަދަ، މުއްސަނދި، ބިޔަ ގައުމުތަކަށާއި، ދުނިޔޭގެ ކަންކަން ބައްޓަން ކުރާ "ބާރުގަދަ" މީހުންނަށެވެ. ނަމަވެސް ދިވެހިރާއްޖެ ފަދަ ޤައުމުތަކުން މި މައްސަލައިގައި އިތުރު މަސައްކަތްތަކެއް ކޮށް، އިތުރަށް އަޑު އުފުލުމުގެ ވަގުތަކީ މިއެވެ. މަޑުމަޑުން ތިބޭކަށް ހަމަ އެންމެ މިނެޓެއް ވެސް ނެތެވެ. އެކަން، މިއަދު ޝާއިޢު ކުރެވުނު އައިޕީސީސީގެ ރިޕޯޓުގެ އަލީގައި ވަރަށް ރަނގަޅަށް ކަށަވަރު ވެގެން ދެއެވެ. އެ ރިޕޯޓުގައި ބުނެފައި ވާ ގޮތުން، ކަނޑުގެ ލޮނުގަނޑު އުފުލޭ އިރު، ލޮނުގަނޑު އެންމެ ބޮޑަށް އުފުލޭނެ ހިސާބަކީ ވެސް ދެކުނު އޭޝިއާއެވެ.
އަލްގޯރ އޭނާގެ ޕްރެޒެންޓޭޝަނުގައި ވިދާޅުވެފައި ވާ ފަދައިން ދުނިޔެ ހޫނުވަމުން ދާ ކަމުގެ ހަގީގަތަށް ފަސް އަޅައި، އެ ހަގީގަތް ފޮރުވައިލަން ބަޔަކު މީހުން ގަސްތުގައި މަސައްކަތް ކުރެއެވެ. އެއީ ތިމާވެއްޓަށް ގެއްލުން ލިބޭ ފަދަ ސިނާއަތްތައް ހިންގާ ބޮޑެތި ސިނާއަތްތެރީންނެވެ. ތިމާވެށި ރައްކައުތެރި ކުރުމުގެ ހަރަކާތްތަކާއި ސިޔާސަތުތަކުގެ ސަބަބުން އެ ބައެއްގެ މާލީ އަދި އިގުތިސާދީ މަސްލަހަތުތައް ގުރުބާން ކޮށްލަން ޖެހޭނޭ މީހުންނެވެ. އެމެރިކާ ފަދަ ގައުމުތަކުގައި އެމީހުންގެ ބާރު އެހެން އެންމެންގެ ބާރަށް ވުރެ ވަރުގަދައެވެ. އެމީހުންނަކަށް ކުދި ގައުމުތަކުގެ "ވޭނާއި ކެކުޅުން" ދެނެއެއްނުގަނެވެއެވެ. މާދަމާ ވެސް ތިމާމެންގެ ފައިދޮށުގައި އޮތް ބިންކޮޅު ކަނޑުގެ ފުންކަމުގެ ތެރެއަށް ގިރިގެން ހިނގައިދާނެ ކަމަށް ޓަކައި ބިރު ގަންނަ މީހުންގެ އިހުސާސް ދެނެއެއްނުގަނެވެއެވެ. އެބައިމީހުންނަށް އެހެން ހުރިހާ ކަމަކަށް ވުރެ މުހިއްމީ މިއަދު ޖީބަށް ވަންނަ ފައިސާފުންޏެވެ. އަޕްޓަން ސިންކްލެއަރާ ހަވާލާ ދެއްވައި އަލްގޯރ ވިދާޅުވި ފަދައިން "މީހަކަށް ލިބޭ މުސާރަ ބިނާ ވެފައި ވަނީ އެމީހަކަށް ވަކި ކަމެއް ނޭނގުމުގެ މައްޗަށް ނަމަ، އެކަން އެ މީހަކަށް އަންގައިދިނުން ވާނީ ވަރަށް ވެސް އުނދަގޫ ކަމަކަށެވެ."
އައިޕީސީސީގެ މިއަދުގެ ރިޕޯޓާ އެކު ވެސް، ދުނިޔެ ހޫނު ނުވާ ކަމަށާއި، ދުނިޔޭގެ މޫސުމަށް ތަބީއީ ނޫން އެއްވެސް ބަދަލެއް ނާންނަ ކަމަށް ދައުވާ ކުރާ "ސްކެޕްޓިކުން" ވަނީ ފާޑުފާޑުގެ ބަހާނާތައް ފަތިފައްޗަށް އަމުނާން ފަށައިފައެވެ. އެމީހުން އެމީހުންގެ ގޮތް ދޫނުކުރުން މަތީ ދެމިތިބޭނޭ ކަން ޔަގީން ވާ އިރު، އެއަށް ވުރެ ބޮޑަށް ކަށަވަރު ވާ ކަމަކީ ދިވެހިރާއްޖެ ފަދަ ޤައުމުތައް، އަމިއްލަ ސަލާމަތަށް ޓަކައި ކުރެވުނު ހުރިހާ ކަމެއް ކުރާން ޖެހޭ ކަމެވެ. އައިޕީސީސީގެ ރިޕޯޓު ދިރާސާ ކޮށް، އެއާ ގުޅިގެން ދިވެހި ސަރުކާރުން އެކުލަވައިލާން ޖެހޭ ސިޔާސަތުތަކެއް އަވަހަށް އެކުލަވައިލައި، ކުރާން ޖެހޭ މަސައްކަތްތައް ވަގުތުން ވަގުތަށް ފެށުމަކީ ގައުމަށް ޓަކައި ކޮންމެހެން ކުރާން ޖެހޭ މުހިއްމު މަސައްކަތެކެވެ. އަދި މިކަން ކުރާނޭ ވަގުތާއި ޖާގަ ސަރުކާރަށް ދިނުމަކީ، ގައުމަށް ހެޔޮއެދޭ ހުރިހާ ސިޔާސީންގެ އެންމެ ބޮޑު އެއް ވާޖިބެވެ.