31 Mar 2014, 21:00
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ވިއްކާ ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފި އެެވެ.
އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު އެއާޕޯޓް ފިއުލް ސާވިސަސް މުހައްމަދު ނިޔާޒު ސަން އަށް މިރޭ ވިދާޅުވީ، އެ ކުންފުނިން ވިއްކާ މަތިންދާ ބޯޓަށް އަޅާ ތެލުގެ އަގު، މި އަދުން ފެށިގެން ލިޓަރަކުން 17 ލާރި އަގު ހެޔޮކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ބަދަލު އައުމާ ގުޅިގެން އެއާޕޯޓުން ވިއްކާ ތެލުގެ އަގު ހެޔޮ ކޮށްފައި. މިހާރު، ބޭރުގެ ފްލައިޓްތަކަށް ތެޔޮ ލިޓަރެއް ވިއްކާނީ، 16.96ރ އަށް. އަދި ޑޮމެސްޓިކް ފްލައިޓް ތަކަށް ތެޔޮ ލިޓަރެއް ވިއްކަނީ 16.72ރ. އަށް. ދެން ޑޮމެސްޓިކް ފްލައިޓް ތަކަށް ހަ ޕަސެންޓް ޖީއެސްޓީ އިތުރު ކުރެވޭނެ،" ނިޔާޒު ވިދާޅުވި އެވެ.
މިދިޔަ މާޗު މަހު އެއާޕޯޓުން ތެޔޮ ވިއްކި އަގަށް ބަލާ އިރު، އިންޓަނޭޝަނަލް ފްލައިޓްތަކަށް ތެޔޮ ލިޓަރެއް ވިއްކާފައި ވަނީ، 17.14ރ. އަށެވެ. އަދި ޑޮމެސްޓިކް ފްލައިޓްތަކަށް ތެޔޮ ލީޓަރެއް ވިއްކާފައި ވަނީ، ޖީއެސްޓީ ނުހިމަނައި ލިޓަރެއް 16.90ރ. އަށެވެ.
އެމްއޭސީލް އިން މި އަހަރު ތެރޭގައި ޖެޓް ފިއުލްގެ އަގަށް ބަދަލު ގެނައި މިއީ ދެވަނަ ފަހަރެވެ. އެގޮތުން މިއަހަރުގެ ތެރޭގައި އެ ކުންފުނިން ވިއްކަމުން ގެންދާ ތެލުގެ އަގުން ދެފަހަރު މަތިން ޖުމުލަ 68 ލާރި އަގު ހެޔޮކޮށްފައިވެ އެވެ.
ޖެނުއަރީ މަހު އެމްއޭސީއެލް އިން އިންޓަނޭޝަނަލް ފްލައިޓްތަކަށް ޖެޓް ފިއުލް ލިޓަރެއް ވިއްކާފައި ވަނީ، 1.14428 ޔޫއެސް ޑޮލަރަށެވެ. އަދި ފެބްރުއަރީ މަހު އެ އަގު ވަނީ، 1.09036 ޑޮލަރަށް ދަށްކޮށްފަ އެވެ.