31 Mar 2014, 21:16
މި އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު ފެބްރުއަރީ މަހު، ރާއްޖޭގެ ބާޒާރުގައި ތަރުކާރީގެ ބާވަތްތަކުގެ އަގުތައް ދަށަށް ދިޔަ އިރު، މަހުގެ ބާވަތްތަކުގެ އަގުތައް އުފުލިފައިވާ ކަމަށް ނޭޝަނަލް ޕްލޭނިން ޑިޕާޓްމަންޓްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ޕްލޭނިން ޑިޕާޓްމަންޓުން މަހަކު އެއްފަހަރު ނެރޭ މުދަލާއި ހިދުމަތުގެ އަގަށް އަންނަ ބަދަލުތައް "ކޮންސިއުމާ ޕްރައިސް އިންޑެކްސް" (ސީޕީއައި) އިން ދައްކާ ގޮތުން މިދިޔަ މަހު ރާއްޖޭގެ ބާޒާރުގައި މުދަލާއި ހިދުމަތުގެ އަގު ވަނީ 0.14 އިންސައްތަ ދަށަށް ގޮސްފަ އެވެ. އެގޮތުން މިދިޔަ ޖަނަވަރީ މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް 0.11 އަށް އުފުލުނު ނަމަވެސް ފެބްރުއަރީ މަހު އެ އަދަދު ވަނީ، 0.04އަށް ދަށަށް ގޮސްފަ އެވެ.
ބާޒާރުގައި މަސް ދުވަހުގެ ތެރޭގައި އަގުތައް ތިރިވެފައިވަނީ، ތަރުކާރީގެ ބާވަތްތަކުން ނެވެ. އެގޮތުން ތަރުކާރީގެ ބާވަތްތަކުން 14.98 އިންސައްތަ ދަށަށް ގޮސްފައި ވާކަމަށް ޕްލޭނިންގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
މިދިޔަ މަހު ރާއްޖޭގެ ބާޒާރުގައި ކާބޯ ތަކެތީގެ ބައިން އިންފްލޭޝަން 0.56 އިންސައްތަ ދަށަށް ގޮސްފައިވާ އިރު، ފާހަގަ ކޮށްލެވޭ ބާވަތަތަކުގެ ތެރޭގައި ފިޔާ، ކެރޮޓް، ކުކިން އޮއިލް، މާޖިރީން، ދޮންކެޔޮ، އަލުވި، ކާށި، ފްރޯޒަން ބީފް، ފަރުމަސް، އަދި ފިނިކުރި ކުކުޅު، ހިމެނެ އެވެ.
ހިފައި ގެންގުޅޭ ސާމާނުން 0.53 އިންސައްތަ ދަށަށް ގޮސްފައިވާ އިރު، ޒީނަތްތެރިވުމަށް ބޭނުންކުރާ ބާވަތްތަކާއި އެފަދަ އެހެނިހެން ބާވަތްތަކުން 0.13 އިންސައްތަ އަންނައުނުގެ ބާވަތްތަކުން 0.29 އިންސަތައް އަދި މުވާސަލާތީ ވާވަތްތަކުގެ ތެރޭގައި ހިމެނޭ ފޯނާއި ޓެލެފެކްސް ސާމާނުން އިންފްލޭޝަން 3.74 އިންސައްތަ ވަނީ ދަށަށް ގޮސްފަ އެވެ.
ކާބޯތަކެތީގެ ބައިން އަގުތައް މައްޗަށް ދިއުމަށް އެންމެ ބޮޑު ހިއްސާއެއް ކޮށްފައި ވަނީ، ކަޅުބިލަ މަހުގެ ބާވަތްތަކުން ނެވެ. އެގޮތުން ތާޒާ ކަޅުބިލަ މަހުގެ އިންފްލޭޝަން 2.76 އިންސައްތަ އަށް އުފުލިފައިވާ އިރު، ހިކި މަހުން 14.88 އިންސައްތަ އަދި ވަޅޯ މަހުގެ އިންފްލޭޝަން ވަނީ 13.23 އިންސައްތައަށް އުފުލިފަ އެވެ. ކާބޯ ތަކެތީގެ ބައިން އަގުތައް ދެން އުފުލިފައިވަނީ، ލޮނުމެދު، އޮރެންޖް، ގިތެޔޮ މިރުސް، ކުކުޅުބިސް، ހިކިކިރު، ކްރީމް ކްރޭކާ ބިސްކޯދު އަދި ގެރިކިރު ހިމެނެ އެވެ.
ޕްލޭނިންގް ޑިމާޓްމަންޓުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ފެބްރުއަރީ މަހު މައިގަނޑު ގޮތެއްގައި އަގު މައްޗަށް ގޮސްފައިވާ ބާވަތްތަކުގެ ތެރޭގައި މަހުގެ ބާވަތްތަކުން 2.15 އިންސައްތަ، ޕްރީ ޕްރައިމަރީ އަދި ޕްރައިމަރީ އެޑިއުކޭޝަނުން 7.13 އިންސައްތަ، އަދި ގޭގޭ ކުލީގެ ބައިން 0.26 އިންސައްތައަށް ވަނީ އިންފްލޭޝަން އުފުލިފަ އެވެ.